ދިވެހި ސަރުކާރުން ނޫސްވެރިންނަށް ބިރުދެއްކުން ހުއްޓާލަން ސީޕީޖޭ އިން ގޮވާލައިފި ދިވެހި ސަރުކާރުން ނޫސްވެރިންނަށް ބިރުދެއްކުން ހުއްޓާލަން ސީޕީޖޭ އިން ގޮވާލައިފި

ނޫސްވެރިންނަށް މިނިވަންކަމާއެކު މަސައްކަތް ކުރެވޭނެ މާހައުލެއް ގާއިމުކޮށްދީ، ގާނޫނީ ގޮތުންނާއި އެހެނިހެން ގޮތް ގޮތުން މީޑިއާތަކަށާއި ނޫސްވެރިންނަށް ބިރުދެއްކުން ހުއްޓާލަން ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް (ސީޕީޖޭ) ދިވެހި ސަރުކާރަށް ގޮވާލައިފި އެވެ.
ނޫސްވެރިންނަށް ބިރު ދެއްކުން ހުއްޓާލަން ސީޕީޖޭ އިން ގޮވައިލީ، އަދަދު ނޫހުގެ ފޭސްބުކް ޕޭޖާއި އެކްސް އެކައުންޓުގައި ޝާއިއުކުރި "ސިޔާސީ ކާޓޫން" ގެ ވޮލިއުމް 22 ދައުރު ކުރުން މަނާކޮށް، އެހެން މައްސަލައެއްގައި ނޫސްވެރިޔަކަށް މަރުގެ އިންޒާރު ދިނުމުންނެވެ.
މިދިޔަ މަހުގެ ފަހުކޮޅު މީޑިއާ ކޮންޓްރޯލް ކުރަން މި ސަރުކާރުން ވުޖޫދަށް ގެނައި ގާނޫނުގެ ބޭނުން ހިފައި، ކޮންޓްރޯލް ކޮމިޝަނުން މި ނޫހުގެ ސިޔާސީ ކާޓޫނު ނެގުމަށާއި އެ ސެގްމެންޓު ހުއްޓާލުމަށް އެންގި އެންގުން ބަލައިނުގަނެވޭ ކަމަށް ވެސް ސީޕީޖޭ އިން ބުނެފައިވެ އެވެ.
ކާޓޫނުގެ މައްސަލަ ބަލަމުންދާކަން ކޮންޓްރޯލް ކޮމިޝަނުން މި ނޫހަށް އެންގީ ޖެނުއަރީ 22، ގެ ރަސްމީ ގަޑި ނިމި އިރުއޮއްސެން ކައިރިވެފައި ވަނިކޮށް 17:30 ގަ އެވެ. ކޮމިޝަނުން އެންގީ އެ މައްސަލައިގައި ފަސް ދުވަހުގެ ތެރޭގައި ޖަވާބުދާރީވުމަށެވެ. އެ މައްސަލައާ ގުޅިގެން އަދަދު ނޫހުން މިހާރު ވަނީ ސިޓީއެއް ފޮނުވައިފަ އެވެ.
އެގޮތުން އެ ކޮންޓެންޓު އިސްލާމް ދީނުގެ އަސްލަކާ ހިލާފު ކަމަށް 'ތުހުމަތު ކުރެވި' އެ ގޮތަށް ނިންމި ގާނޫނީ ސަބަބުތައް ސާފުކޮށްދޭން އަދަދު ނޫހުން ވަނީ އެދިފަ އެވެ. އަދި ކޮންޓެންޓު ވަގުތީ ގޮތުން ނިންމުމާ މެދު ވެސް އޭރުން ގޮތެއް ނިންމާނެ ކަމަށް މި ނޫހުން ވަނީ ކޮންޓްރޯލް ކޮމިޝަނަށް އަންގާފަ އެވެ.
މިއީ ނޫހެއްގައި ޝާއިއުކުރި ކޮންޓެންޓެއް ނެގުމަށް މީޑިއާ ނެތިކޮށްލާ ގާނޫނުގެ ދަށުން ކޮންޓްރޯލް ކޮމިޝަނުން އެންގި ފުރަތަމަ ފަހަރެވެ. އޭގެއިތުރުން މިއީ އާންމުން ކޮންޓެންޓެއް ދައުރު ނުކުރުމަށް ކޮމިޝަނުން އެންގި ވެސް ފުރަތަމަ ފަހަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ