ކޮވިޑް-19ގެ ޕެންޑެމިކާ ގުޅިގެން އެ ދުވަސްވަރު ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ޕީސީއާރު ޓެސްޓިންގެ ހިދުމަތް ފޯރުކޮށްދެމުންދިޔަ ދެ ކުންފުނި ކަމުގައިވާ ޕައިނިއާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަދި އައިލެންޑް ހެލްތް ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑުން ޓެކުހަށް މަކަރު ހަދައިފައިވާ ކަމަށް ތުހުމަތުކޮށް ދެ ކުންފުނީގެ ޑިރެކްޓަރުންގެ ގޮތުގައި ތިބި ދެ ޑޮކްޓަރުންގެ މައްޗަށް ދައުވާކޮށްފިއެވެ.
އެ މައްސަލައިގައި ދައުވާކޮށްފައިވަނީ އެ ދެ ކުންފުނީގެ ޑިރެކްޓަރެއްގެ ގޮތުގައި ހިމެނޭ ޑރ. އިކްލީލް ޝަރީފް، އަދި އައިލެންޑް ހެލްތް ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑްގެ ޑިރެކްޓަރެއްކަމުގައިވާ ޑރ. އަލީ އަބްދުﷲ ލަތީފަށެވެ.
ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނީ މި މައްސަލައިގައި ހިމެނޭ ކުންފުނިތަކުން ވަނީ 20 މިލިއަން ރުފިޔާގެ ޓެކްސް ދެއްކުމުން ގަސްދުގައި އެއްކިބާވެފައި ކަމަށެވެ. ޕީޖީ އޮފީހުން ބުނީ ދައުވާތައް ސާބިތުވެއްޖެ ނަމަ، ޓެކްސް ދެއްކުމުން އެއްކިބާވި އަދަދުގެ ދެ ގުނައަށްވާ 40.4 މިލިއަން ރުފިޔާއިން ކުންފުނިތައް ޖޫރިމަނާކުރުމަށް ކޯޓުގައި އެދޭނެ ކަމަށެވެ.
ޕީޖީ އޮފީހުން ބުނީ ޓެކްސް ދެއްކުމުން ގަސްދުގައި އެއްކިބާވުމުގެ ތިން ދައުވާއެއް އަދި ގާނޫނު ހިންގަން ހުރަސް އެޅުމާއި ދައުލަތުގެ އެހެނިހެން މަސައްކަތްތަކަށް ހުރަސް އެޅުމުގެ ދައުވާ އައިލެންޑް ހެލްތު ސޮލިއުޝަންގެ މައްޗަށް ކޮށްފައިވާނެ ކަމަށެވެ.
އައިލެންޑް ހެލްތު ސޮލިއުޝަން ކުންފުނީގެ ޑިރެކްޓަރަކަށް ހުންނެވި ލަތީފުގެ މައްޗަށް ކޮށްފައިވަނީ ޓެކްސް ދެއްކުމުން ގަސްދުގައި އެއްކިބާވުމުގެ ތިން ދައުވާއެއްކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ. ޕައިނިއާ މޯލްޑިވްސް ކުންފުނީގައި ލަތީފްގެ މަސްލަހަތު އޮންނަ ކަމަށާއި ކޮވިޑް ދުވަސްވަރު އެ ކުންފުނިތައް ހިންގުމުގައި އޭނާ އިސްކޮށް ހަރަކާތްތެރިވެފައިވާކަން ތަހުގީގަށް ހޯދިފައިވާކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.
ޕައިނިއާ މޯލްޑިވްސްގެ މައްޗަށް ޓެކްސް ދެއްކުމުން ގަސްދުގައި އެއްކިބާވުމުގެ ދެެ ދައުވާއެއް ކޮށްފައިވާކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ.
ޕައިނިއާ މޯލްޑިވްސްގެ ކުންފުނީގެ ޑިރެކްޓަރު އިކްލީލްގެ މައްޗަށްވެސް ޓެކްސް ދެއްކުމުން ގަސްދުގައި އެއްކިބާވުމުގެ ތިން ދައުވާއެއް ކޮށްފައިވާނެކަމަށް ޕީޖީ އޮފީހުން ބުނެފައިވެެއެވެ. އިކްލީލަކީ އައިލެންޑް ހެލްތު ސޮލިއުޝަންސް އާއި ޕައިނިއާ މޯލްޑިވްސްގެ މެޖޯރިޓީ ހިއްސާދާރެއްކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައިވެއެވެ.
އަދި އަލީ ފަޔާޒް، ބޯވެލި/އދ. މާމިގިލި މައްޗަށް، ޓެކްސް ދެއްކުމުން ގަސްދުގައި އެއްކިބާވުމުގެ ފަސް ދައުވާއެއް ކޮށްފައިވާ ކަމަށާއި، އޭނާގެ މައްޗަށް އެ ދައުވާ ކޮށްފައިވަނީ މި މައްސަލައިގެ ހިމެނޭ ދެ ކުންފުނީގެ ޓެކްސް ބަޔާންތައް ހުށަހެޅުމުގެ ޒިންމާއާ ހަވާލުވެ އެކަން ކޮށްފައިނުވާތީ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.
މީރާއިން ރޭ ނެރެނު ބަޔާނެއްގައި ބުނެފައިވަނީ ކޯވިޑް-19ގެ ޕެންޑެމިކާ ގުޅިގެން ޕީސީއާރް ޓެސްޓިންގެ ޑިމާންޑް އެންމެ ބޮޑު ދުވަސްވަރު މި ހިދުމަތް ފޯރުކޮށްދިނުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެފައިވަނީ އެ ދެ ކުންފުނިކަން ފާހަގަކުރެވިފައިވާ ކަމަށެވެ. ނަމަވެސް، އެ ފަރާތްތަކުން މީރާއަށް ހުށަހަޅައިފައިވާ އިންކަމް ޓެކްސް ބަޔާންތަކުގައި ޓެކްސް ނެގޭ އާމްދަނީ ބޮޑުތަނުން ދަށްކޮށް ރިޕޯޓުކޮށްފައިވާކަން ފާހަގަކުރެވިގެން މީރާއިން ތަހުގީގު ފެށިކަމަށް މީރާއިން ބުނެފައިވެއެވެ.
ކޮވިޑު ތެރޭ ޓެކުހަށް މަކަރު ހެދުމުން އަލީ ލަތީފްއާއި އިކްލީލަށް ދައުވާކުރަން ކޯޓަށް ފޮނުވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ