މިއަދު ވެސް މާފަންނުގެ ބަޔަކުން ކަރަންޓު ކެނޑިއްޖެ

މާލޭގެ ބައެއް ހިސާބުތަކުން އަނެއްކާ މިއަދު ވެސް ކަރަންޓު ކެނޑިއްޖެއެވެ. އެކިއެކި މައްސަލަތައް ދިމާވުމުގެ ސަބަބުން މާލެއާއި ހުޅުމާލޭގެ ބައެއް ހިސާބުތަކުން ކަރަންޓު ކެނޑޭ މައްސަލަ މި ފަހުން ވަނީ ބޮޑުވެފައެވެ. އެ ގޮތުން، މި ހަފުތާ ތެރޭގައި ވެސް ކޭބަލް ބުރިވުމުގެ ސަބަބުން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބޮޑު ބަޔަކުން ގިނައިރުތަކަކަށް ކަރަންޓު ކެނޑުނެވެ. އޭގެ ފަހުން ރޭ 10:50 އެހާކަންހާއިރު ވަނީ މާލޭގެ މާފަންނުން އިރުކޮޅަކަށް ކަރަންޓު ކެނޑިފައެވެ. އެ މައްސަލަ ހައްލުކުރުމަށް ފަހު، ހަމަ ރޭގެ 11:04 ހާއިރު ވަނީ ކަރަންޓު އަނބުރާ ފޯރުކޮށްދީފައެވެ. މިއަދު އަނެއްކާ ވެސް 1:38 އެހާކަންހާއިރު ސްޓެލްކޯއިން ބުނީ، ޓެކްނިކަލް މައްސަލައެއް ދިމާވުމުގެ ސަބަބުން މާފަންނުގެ ބައެއް ހިސާބުތަކުން ކަރަންޓު ކެނޑިފައިވާ ކަމަށެވެ. ކަރަންޓު ކެނޑުނު ސަރަހައްދުގެ ތެރޭގައި މާފަންނު މަދަރުސާ ވެސް ހިމެނެއެވެ. https://x.com/STELCOMALDIVES/status/2048683222389981631 "މައްސަލަ ދެނަގަނެ ހައްލު ކުރުމުގެ މަސައްކަތް ދަނީ ކުރެވެމުން،" ސްޓެލްކޯގެ މެސެޖުގައިވެއެވެ. މިއަދު ކަރަންޓު ކެނޑެން ދިމާވި ސީދާ ސަބަބެއް މިހާތަނަށް ސާފުވެފައެއް ނުވެއެވެ. އެކަމަކު، ޓެކްނިކަލް މައްސަލަތަކުގެ ސަބަބުން ކަރަންޓު ކެނޑުމަކީ ދޭތެރެއަކުން ދިމާވާ މައްސަލައެކެވެ. މާ ގިނައިރުތަކެއް ނުވެ، އެ ފަދަ މައްސަލަތައް ހައްލުކޮށް އަލުން އަނބުރާ ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ