އާޒިމަށް ހަމަލާދިން ކަމަށް ތުހުމަތު ކުރެވެނީ ވަޅި ޖެހުމުގެ ރެކޯޑު އޮންނަ މީހަކަށް

މާލޭ ސިޓީގެ މޭޔަރު، އާދަމް އާޒިމަށް ހަމަލާދިން ކަމަށް ތުހުމަތު ކުރެވެނީ ވަޅި ޖެހުމުގެ ރެކޯޑެއް އޮންނަ މީހަކަށްކަން އެނގިއްޖެއެވެ. މާލޭ ސިޓީގެ މޭޔަރު ކަމަށް ހަމަލާދިން ކަމަށް ތުހުމަތު ކުރެވެނީ، ގ. އީރީ އަބްދުﷲ މުއާޒަށެވެ. އޭނާ ހައްޔަރުކޮށް ކޯޓަށް ހާޒިރު ކުރުމުން އޭނާގެ ބަންދަށްވަނީ 15 ދުވަސް ޖަހައިފައެވެ. ރެކޯޑްތަކުން ދައްކާ ގޮތުގައި ގ. އީރީ، އަބްދުﷲ މުއާޒަކީ މީގެ ކުރިން، ވަޅި ޖެހުމުގެ މައްސަލައެއްގައި ހައްޔަރު ކުރި މީހެކެވެ. އެއީ 2012 ވަނަ އަހަރު، ފްލެޓެއް ތެރޭގައި ވަޅި ޖެހި މައްސަލައެވެ. އެ މައްސަލައިގައި މުއާޒު ހިމެނޭހެން އިތުރު ބަޔަކު ވެސް ހައްޔަރު ކުރިކަމަށް ރެކޯޑްތަކުން ދައްކައެވެ. އެމްޑީޕީން މާލޭގައި ސިލްސިލާކޮށް ކުރިއަށް ގެންދާ މުޒާހަރާގެ ތެރެއިން މާލޭގެ މޭޔަރު އާދަމް އާޒިމަށް ހަމަލަދިނީ މިދިޔަ ހަފްތާގައެވެ. ސަރުކާރާ ދެކޮޅަށް އެމްޑީޕީން ސިލްސިލާކޮށް ފަށާފައިވާ އިހުތިޖާޖުގެ އެ ރޭގެ ހަރަކާތް ކުރިއަށް ގެންދިޔައީ އާޒިމް އިސްވެ ހުންނަވައިގެންނެވެ. އާޒިމަށް ހަމަލާދޭ ވީޑިއޯ އާއްމު ވެފައިވާއިރު، ހެންވޭރު ސަހަރާ ކައިރިން މުޒާހަރާގެ ބައިވެރިން ހިނގާފައި ދަނިކޮށް، ކުރިމައްޗަށް އެރި ޒުވާނަކު ކުއްލި ގޮތަކަށް އާޒިމް މޭގައި ޖަހައި ކޮއްޕާލާ މަންޒަރު އެ ވީޑިއޯއިން ފެނެއެވެ. އެ ރޭގެ މުޒާހަރާ ނިންމާލުމަށް ފަހު އާޒިމް ވަނީ އެއީ ސަރުކާރުން ގަސްތުގައި ރާވައިގެން ކުރި ކަމެއްކަމަށް ތުހުމަތު ކުރައްވާފައެވެ. އާޒިމް ފަހުންވަނީ އެ ހަމަލާއާ ގުޅިގެން ހޮސްޕިޓަލަށް ވެސް ވަޑައިގެންފައެވެ. މާލޭގެ މޭޔަރު އާދަމް އާޒިމަށް ހަމަލާދޭން މަސައްކަތްކުރީ ސަރުކާރުން ރާވައިގެންކަމަށް އޭނާ ކުރެއްވި ތުހުމަތުތައް ސަރުކާރުންވަނީ ދޮގުކޮށްފައެވެ. ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ އަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ