މާލޭގެ މޭޔަރުކަމަށް ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ކެންޑިޑޭޓް މޫސާ އަލީ ޖަލީލުފަދަ "ޔެސް މޭން" އެއް ކަމަކު ނުދާނެ ކަމަށް ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ސައިފް ފާތިހު ވިދާޅުވެއްޖެ އެވެ.
އަދަދު ނޫހުން ގެނެސްދިން ކުޅިކޮށް ޕްރޮގްރާމްގައި މޫސާ އަލީ ޖަލީލަށް ނިސްބަތްކުރައްވާ ސައިފް ވިދާޅުވީ ވަލީއުލްއަމްރު އެންގެވީމަ ނޫނެކޭ ނުބުނަން ތަމްރީންވެފައި ތިއްބެވި ބޭފުޅުން ސަރުކާރު ކުންފުނިތައް ހިންގަން ލިޔަސް، މުނިސިޕަލް ޑިމޮކްރެޓިކް ހިދުމަތެއް ކުރަން ކަމުނުދާނެ ކަމަށެވެ.
"ބޭނުންވަނީ ވަކި ބާވަތެއްގެ މީހުންނެއްނު. ޔެސް މެން. ޔެސް ސާ. ޔެސް ސާ ވިދާޅުވާނެ ބޭފުޅުން އެ ތިއްބެވީ. އެއީ އެގޮތަށް ޓްރެއިންވެފައި ނޫންތޯ. ވަލީއުލްއަމްރު އެންގެވީމާ ނޫނެކޭ ނުބުނަން ހާއްސަ ޓްރެއިނިންއެއް ލިބިވަޑައިގެން ތިއްބެވި ބޭފުޅުން،" ސައިފް ވިދާޅުވި އެވެ.
"މިސާލަކަށް ކުންފުންޏެއް ހިންގަން ރަނގަޅުވެދާނެ ތޯއްޗެއް. އެމީހާގެ އެކަހަލަ ބެކްރައުންޑެއްވެސް ހުރީވިއްޔާ. އެކަމަކު އަމުދުން މުނިސިޕަލް ޑިމޮކްރެޓިކް ހިދުމަތެއް ހިންގާކަށް ކަމަކު ނުދާނެ ޔެސް ސާއެއް،"
މޫސާ އަލީ ޖަލީލު މާލޭގެ މޭޔަރަކަށް ހޮވިއްޖެނަމަ މައި ސަރުކާރުގެ ބޭނުމަށް މުޅި މާލެ ނޮޅާލާނެ ކަމަށާއި މޭޔަރަކަށް ހޮވަންޖެހޭނީ މާލޭގެ ރައްޔިތުންގެ ހައްގުގައި ބަސް ބުނާ މީހެއް ކަމަށެވެ.
"ހަމަ ސަރުކާރުން ބުނާއިރަށް އެ ބިން ކަނޑާފައި ދޭ ގޮތަށް، ހަމަ ސަރުކާރުން ބުނީމަ ހައުސިންގެ ކޮންމެ ޓަމަކަށް އެއްބަސްވާ ގޮތަށް ހެޔޮނުވާނެ އެނގޭތޯ. މައި ސަރުކާރުގެ ބޭނުމަށް މާލެ ނޮޅާލާނެ ނޫންތޯ. އެއިނދީ ޔެސް ސާ ހަމަ އެނގޭތޯ. އެހެންވީމަ މާލޭ މީހުންގެ ހައްގުގައި އެއްޗެއް ބުނެވޭނެ މީހަކަށްވާންޖެހޭ. ޔެސް ސާއަކީ އެހެން ފީލްޑަކަށް ކަމުދާނީ،" ސައިފް ވިދާޅުވި އެވެ.
މީގެއިތުރުން ސައިފް ވިދާޅުވީ ކައުންސިލް އިންތިހާބުގައި މާލޭގެ މެޖޯރިޓީ ޕީއެންސީއަށް ދޭން ޖެހޭ ސަބަބެއް ނެތް ކަމަށާއި މިހާރު މެޖޯރިޓީ އޮވެގެން ވެސް އެ ޕާޓީއަށް އެއްވެސް ކަމެއް ނުކުރެވޭ ކަމަށެވެ.
މާލޭގެ މޭޔަރަކަށް މިވަގުތު އެމްޑީޕީ ބޭފުޅަކު ހުއްޓަސް މުޅި ކައުންސިލްގެ މެޖޯރިޓީ މިވަގުތު ޕީއެންސީއަށް އޮތްއިރު، ގިނަ ޖަލްސާތަކަށް ޕީއެންސީ މެންބަރުން ހާޒިރުނުވާކަން ވެސް ސައިފް ފާހަގަކުރެއްވި އެވެ.
މާލޭގެ މޭޔަރުގެ އިންތިހާބުގައި ސައިފް ވަނީ މިހާރުވެސް މޭޔަރުކަމުގައި ހުންނެވި އާދަމް އާޒިމްއަށް ތާއީދުކުރައްވާފަ އެވެ. ސައިފް ވިދާޅުވީ މޭޔަރުކަމުގެ އިންތިހާބު ފަސޭހަކަމާއެކު އާދަމް އާޒިމް ކާމިޔާބުކުރައްވާނެ ކަމަށެވެ.
މާލޭގެ މޭޔަރުކަމަށް މޫސާ އަލީ ޖަލީލް ކަހަލަ "ޔެސް މޭން" އެއް ކަމުނުދާނެ: ސައިފް މާލޭގެ މޭޔަރުކަމަށް މޫސާ އަލީ ޖަލީލް ކަހަލަ "ޔެސް މޭން" އެއް ކަމުނުދާނެ: ސައިފް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ