"އަމާޒަކީ އެސްއެމްއީ ޑިޖިޓަލްއަކީ ކުދި ވިޔަފާރިތަކުން ބައިވެރިވާ ތަނަކަށް ހެދުން"

އަމާޒަކީ އެސްއެމްއީ ޑިޖިޓަލްއަކީ ހަމައެކަނި ފައިނޭންސިން ފޯރުކޮށްދޭ ތަނެއްގެ ބަދަލުގައި، ކުދި ވިޔަފާރިތަކުގެ ހުރިހާ މަރުޙަލާއެއްގައި އަމަލީގޮތުން ބައިވެރިވާ މުއައްސަސާއަކަށް ހެދުން ކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ބަދުރުއްދީން ޙަސަން ވިދާޅުވެއްޖެއެވެ.
ބަދުރުއްދީން ވިދާޅުވީ، ވޭތުވެދިޔަ އަހަރުތަކުގައި އެސްއެމްއީ ޑިޖިޓަލް ހިންގަމުން އައި ގޮތް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ބަދުރުއްދީން ވިދާޅުވީ، ވޭތުވެދިޔަ ހަތް އަހަރު އެ ކުންފުނި ހިންގާފައިވަނީ ހަމައެކަނި ފައިނޭންސިން ދޫކުރާ ތަނެއްގެ ގޮތުގައި ކަމަށެވެ. ނަމަވެސް، ކުރިއަށް އޮތް ތަނުގައި ފައިނޭންސިންގ ޕްރޮޑަކްޓުތަކުގެ އިތުރުން އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ޚާއްޞަ އެކި ކަހަލަ ޑިޖިޓަލް ޕްރޮޑަކްޓުތައް ތައާރަފްކުރަން ނިންމާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
އެސްއެމްއީ ޑިޖިޓަލުގެ މެދު ރާސްތާގެ އަމާޒުތަކަށް އިޝާރާތް ކުރައްވާ ބަދުރުއްދީން ވިދާޅުވީ، ސަރުކާރުގެ "އިސްލާމިކް ފައިނޭންސް ފަސްޓް" ސިޔާސަތާ އެއްގޮތަށް، އެސްއެމްއީ ޑިޖިޓަލުންދޭ ހުރިހާ ޚިދުމަތްތަކަކީ އިސްލާމިކް ޝަރީޢާ ކޮމްޕްލަޔަންޓް ޚިދުމަތްތަކަކަށް ހެދުމަށްވެސް މިހާރު މަސައްކަތް ކުރަމުންދާ ކަމަށެވެ.
"އަޅުގަނޑުމެންވެސް ބޭނުންވަނީ އެސްއެމްއީ ޑިޖިޓަލުންދޭ ހުރިހާ ޚިދުމަތަކީވެސް އިސްލާމިކް ޝަރީޢާ ކޮމްޕްލަޔަންޓް ޚިދުމަތްތަކަށްވުން. އެހެންމެ އަޅުގަނޑުމެންގެ އެ މަސައްކަތް ފަށައިގެން މިހާރު ވަރަށް ބާރު ސްޕީޓެއްގައި އެ ކުރިއަށްދަނީ. ބީއެމްއެެލުން އެންމެ ފުރަތަމަ އެސްއެމްއީ ޑިޖިޓަލް އެކުއަޔަރކޮށްފަ އިއުލާން ކުރި އިރުވެސް އޮންނާނެ މިތަނަކީ، ބީއެމްއެލްގެ ޑިޖިޓަލް ފަސްޓް ޝަރީއާ ކޮމްޕްލަޔަންޓް ސަބްސިޑިއަރީ ކުންފުންޏަކަށް މިތަން ހަދަން. އެއީ އެހެންމެ އަމާޒަކީ." ބަދުރުއްދީން ވިދާޅުވިއެވެ.
ކުންފުނީގެ ހިންގުން ހަރުދަނާ ކުރުމަށް ކުރާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން އެމްޑީ ބަދުރުއްދީން ވިދާޅުވީ، ވޭތުވެދިޔަ ހަތް އަހަރުގެ ތެރޭގައި ކުންފުނި ވަރަށް ބޮޑަށް ފުޅާވެ، މިހާރު 100 އަށްވުރެ ގިނަ މުވައްޒަފުންނާއި 4000 އަށްވުރެ ގިނަ ކަސްޓަމަރުންނަށް ޚިދުމަތް ފޯރުކޮށްދެމުންދާ ކަމަށެވެ.
އެހެންކަމުން، ކުންފުނީގެ ގަވަރނެންސް ރަނގަޅު ކުރުމަށްޓަކައި ވޭތުވެދިޔަ ހަ މަސްދުވަހުގެ ތެރޭގައި އައު ސްޓްރަކްޗަރއަކާއި، ޕޮލިސީތައް އެކުލަވާލައި، ބޯޑު އަދި މެނޭޖްމެންޓް ލެވެލުގައި ކޮމިޓީތައް ޤާއިމުކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.
ބަދުރުއްދީން ވިދާޅުވީ، މި ބަދަލުތަކުގެ އެންމެ ބޮޑު ބޭނުމަކީ އެމްއެމްއޭ އަދި ސީއެމްޑީއޭ ފަދަ ރެގިއުލޭޓަރީ އިދާރާތަކުން ޤަބޫލުކުރާ ފަދަ މިންގަނޑަކަށް ކުންފުނީގެ ހިންގުން ގެންދިއުން ކަމަށެވެ. އަދި މި ހަރުދަނާ ފިޔަވަޅުތަކާއެކު، ކުދި ވިޔަފާރިތަކަށް ބޭނުންވާ މާލީ އަދި ފަންނީ އެހީތެރިކަން އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދޭ އިތުބާރު ހުރި މުއައްސަސާއަކަށް އެސްއެމްއީ ޑިޖިޓަލް ވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް އެސްއެމްއީ ޑިޖިޓަލްގެ މެނޭޖިންގ ޑިރެކްޓަރ ބަދުރުއްދީން ޙަސަން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ