އިޒްރޭލާއި އެމެރިކާއިން އީރާނު ފުނޑުފުނޑު ކޮށްލުމަށް ދޭ ހަމަލާތަކުގައި އެގައުމުގެ ހަކަތައިގެ ވިއުގަ ނުވަތަ ޕަވާ ޕްލާންޓް ތަކަށް ހަމަލާ ދެއްވާނެ ކަމަށް ވިދާޅުވުމަށް ފަހު އެކަން މަޑުޖައްސާލިކަމަށް ޓްރަމްޕް ވިދާޅުވުމުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ތިރިވެލައިފިއެވެ.
ޓްރަމްޕް އެކަން އިއުލާން ކުރެއްވުމުގެ ކުރިން 113 ޑޮލަރަށް ހުރި ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު 95 ޑޮލަރަށް ތިރިވިއެވެ.
ހަމަ މި ވަގުތުގެ ތެރޭގައި ދުނިޔޭގެ ސްޓޮކްމާކެޓް ގައި ހިއްސާގެ އަގުތައް މައްޗަށް ޖެހިފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. އެގޮތުން ލަންޑަން ގެ 'އެފްޓީއެސްއީ 100' ވަނީ 2 ޕަސެންޓް މަތިވުމެއް ރެކޯޑް ކޮށްފައެވެ. ޖަރުމަނުގެ 'ޑެކްސް' ވަނީ 1.2 ޕަސެންޓަށް މަތިވެފައެވެ. ފްރާންސުގެ 'ކެކް' ވަނީ 0.9 ޕަސެންޓަށް ޖެހިލައިފައެވެ.
އެމެރިކާގައި 'އެސްއެންޑްޕީ 500' 1.1 ޕަސެންޓަށް އުފުލިގެން ދިޔައިރު 'ޑޯ ޖޯންސް' ވަނީ 1.4 ޕަސެންޓަށް އުފުލިފައެވެ.
ނަމަވެސް ޓްރަމްޕް އެކަން އިއުލާން ކުރެއްވުމުގެ ކުރިން ދުވަސް ބަންދު ކުރި ޖަޕާން އާއި ދެކުނު ކޮރެއާގެ ސްޓޮކް މާކެޓްގެ ޝެއާ ވަނީ ބޮޑުތަނުން ވެއްޓިފައެވެ. އެގޮތުން ޖަޕާނުގެ 'ނިކެއި' 3.5 ޕަސެންޓަށް ވެއްޓުނު އިރު ދެކުނު ކޮރެއާގެ 'ކޮސްޕީ' ވަނީ 6.5 ޕަސެންޓަށް ވެއްޓިފައެވެ.
މި ހަނގުރާމައިގެ އަސަރު ބޮޑަށް ކުރާ ގައުމުތަކުގެ ތެރޭގައި ޖަޕާނާއި ދެކުނު ކޮރެއާ ހިމެނެއެވެ. އެ ދެ ގައުމަކީ އީރާނުން ހިފަހައްޓަމުން ގެންދާ ހޮރުމޫޒު ކަނޑުއޮޅި ހުރަސްކޮށް ގިނަ އަދަދެއްގެ ތެލާއި ގުދުރަތީ ގޭސް ގެންދާ ދެގައުމެވެ.
ފެބްރުއަރީ 28 ގައި ހަނގުރާމަ ފެށިގެން އައިތާ ދުވަސްކޮޅެއްގެ ތެރޭގައި އީރާނުން ވަނީ، ހޮރުމޫޒު ކަނޑުއޮޅީގެ ހަރަކާތްތައް ހުއްޓުވާފައެވެ. އެމެރިކާއާއި އިޒްރޭލު އަދި ބައިވެރިންގެ ބޯޓު ފަހަރު ފިޔަވައި އެހެން ބޯޓު ފަހަރު ވަދެ ނުކުތުމުގެ ހުއްދަ ދިން ނަމަވެސް އެ ކަނޑުއޮޅި ނުރައްކަލަކަށް ހުށަހެޅިފައި ވުމުގެ ސަބަބުން ދުނިޔޭގެ ތެލުގެ ސަޕްލައިއަށް ވަނީ ބުރޫއަރާފައެވެ.
ދުނިޔޭގެ އެތަންމިތަނަށް ބޭރުކުރާ ތެލާއި ގުދުރަތީ ގޭހުގެ 20 ޕަސެންޓް ބޭރު ކުރަނީ މި ކަނޑުއޮޅިންނެވެ. އެއީ ގަލްފުގެ ގައުމުތަކުގެ ބަރުކުރާ ތެލާއި ގޭހެވެ.
މިއަދުގެ ނިޔަލަށް ހޮރުމޫޒު ކަނޑުއޮޅި ނުހުޅުވައިފިނަމަ އީރާނުގެ ޕަވާ ޕްލާންޓްތައް ގޮއްވާލާނެ ކަމުގެ އިންޒާރު މީގެ ކުރިން ޓްރަމްޕް ދެއްވުމާއެކު އަގުތައް އުފުލިގެން ދިޔައެވެ. ޓްރަމްޕް ވިދާޅުވި ވާހަކައަކީ ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން މަނާ ކަމެއް ނަމަވެސް އެކަން ކުރައްވާނެ ކަމަށް އޭނާ ވިދާޅުވުމާއެކު، އެމެރިކާ އާއި އިޒްރޭލު ހިމެނޭހެން ގަލްފުގެ ގައުމުތަކުގައި ހުރި ހަކަތައިގެ ވިއުގަތަކާއި ފެން އުފައްދާ ޕްލާންޓްތަކަށް ހަމަލާ ދޭނެ ކަމަށް އީރާނުން ބުނެ ރައްދު ދިނެވެ.
ނަމަވެސް ޓްރަމްޕް ދެއްކެވި ވާހަކަ އިއްޔެ ބަދަލު ކުރައްވައި، މިހާރު ހަމަލާ ދިނުން މަޑުޖައްސާލި ކަމަށާއި ޑީލަކަށް ދާން އީރާނުގެ އޮފިޝަލުންނާ ވަރަށް ރަނގަޅު ވާހަކައެއް ދެކެވޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ކުރިއަށް އޮތްތާނގައި ހޮރުމޫޒު ބަލަހައްޓާނީ އޭނާ އާއި ދެން ވަޑައިގަންނަވާ އާޔަތުﷲ އާ ދެބޭފުޅުން ކަމަށް ވެސް ވިދާޅުވެއެވެ.
ނަމަވެސް އީރާނުން ބުނެފައި ވަނީ، ޓްރަމްޕް އެހައްދަވަނީ ދޮގު ކަމަށާއި ޑީލަކަށް ދިއުމާ ގުޅޭގޮތުން އެއްވެސް ވާހަކައެއް ނުދައްކާ ކަމަށެވެ. އަދި ޓްރަމްޕް އެވާހަކަ އެ ދެއްކެވީ ހަކަތައިގެ އަގުތަކާ ކުޅެލައި މާލީ ނިޒާމަށް އޭގެ އަސަރު ކުރުވުމުގެ ބޭނުމުގައި ކަމަށް ވެސް އީރާނުން ބުނެއެވެ.
ހަކަތައިގެ ވިއުގައަށް ހަމަލާ ނުދީ ޑީލަކަށް އީރާނާ ވާހަކަ ދައްކަވާ ކަމަށް ޓްރަމްޕް ވިދާޅުވުމުން ތެލުގެ އަގު ދަށަށް ޖެހިލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ