ތިބާއަށް ދެއްވަވާފައިވާ ނިޢުމަތްތަކާ އެންމެ އަގުބޮޑު ނިޢުމަތް!

އަޅުގަނޑުމެންގެ ތެރެއިން ގިނަ ބައަކަށް ބުނެވެއެވެ! "މިވެނި މީހަކަށް ދެއްވަވާފައިވާ ނިޢުމަތްތައް ހާދަ ގިނައެވެ!" ހިތާމައަކީ ތިމާއަށް ﷲ ތަޢާލާ ދެއްވަވާފައިވާ ނިޢުމަތްތަކުގެ ޢަދަދާއި ގިނަކަމާއިމެދު ވިސްނައި ނުލެވޭ ކަމެވެ. އެހެންކަމުން މިގެނެސްދެނީ ވިސްނައިލުން މުހިންމު ލިޔުމެކެވެ.
އިންސާނާގެ ވަށައިގެންވާ ގިނަ ނިޢްމަތްތަކަކީ ކިހާވަރެއްގެ ބޮޑު ނިޢްމަތްތަކެއް ކަން އޭނާއަށް އިހުސާސް ވެސް ނުވާހާ ގިނަގުނަ ނިޢްމަތްތައް މާތް ﷲ ވަނީ އޭނާއަށް ދެއްވައިފައެވެ. އަދި ކިއެއްތަ! ރެޔާދުވާލު އެ ނިޢްމަތްތައް އޭނާގެ ވަށައިގެން ވާތީ އެ ކަންކަމަށް އެއްގޯސްވެ، އެ ނިޢްމަތްތަކަކީ މާބޮޑު ކަމެއް ނޫންކަމުގައި އޭނާއަށް ޤަބޫލުކުރެވޭހައި ވެސް ގިނަގުނަ ނިޢްމަތްތައް މާތް ﷲ ވަނީ ލައްވައިފައެވެ. 
މިއިން އެންމެ ނިޢްމަތެއް ވެސް އުނިވެ، ނުވަތަ ބީވެގެން ދިޔުމުން މެނުވީ އެ ނިޢްމަތެއްގެ މުހިންމުކަން އެއްވެސް މީހަކަށް ނުވިސްނެއެވެ. ފާހަގަކޮށްލަންޖެހޭ މުހިންމު އަނެއް ނުކުތާއަކީ، އިންސާނާއަށް ދެއްވައިފައިވާ އެންމެ ބޮޑެތި ނިޢްމަތްތައް ގުޅިފައި ވަނީ އޭނާގެ ޙަޔާތުގެ ވަގުތުތަކާ ކަމެވެ. މި ސަބަބަށް ޓަކައި ވަގުތު ގަންދެއްވައި އެތައް އާޔަތެއްގައި މާތް ﷲ ވަނީ ހުވާގެ ބަސްފުޅު ވަޙީކުރައްވައިފައެވެ. އެ ގޮތުން، ޒަމާން ގަންދެއްވައި ﴿وَالْعَصْرِ﴾ ވަޙީކުރައްވައިފައި ވެއެވެ. ރޭގަނޑުގެ ވަގުތު ގަންދެއްވައި ﴿وَاللَّيْلِ﴾ ވަޙީކުރައްވައިފައި ވެއެވެ. ފަޖުރުގެ ވަގުތު ގަންދެއްވައި ﴿وَالْفَجْرِ﴾ ވަޙީކުރައްވައިފައި ވެއެވެ. ހެނދުނުގެ ވަގުތު ގަންދެއްވައި ﴿وَالضُّحَى﴾ ވަޙީކުރައްވައިފައި ވެއެވެ. 
މި އާޔަތްތަކުން ދޭހަވަނީ އިންސާނާގެ ޙަޔާތުގެ ވަގުތަކަކީ އޭނާއަށް ދެއްވައިފައިވާ އެންމެ ބޮޑު ނިޢްމަތް ކަމެވެ. ފާއިތުވެގެންދާ އެންމެ ހިނދުކޮޅަކީ ވެސް އަނބުރާ ލިބޭނޭ އެއްޗެއް ނޫނެވެ. ހަމަ އެހެންމެ، އިންސާނާ ދުނިޔެއާ ވަކިވާހިނދު ކޮންމެ ނަފުސެއް ވެސް އެދޭ އެދުމަކީ، ނުކޮށް ދޫކޮށްލެވުނު ހެޔޮ ޢަމަލުތައް ކުރުމަށް ޓަކައި ދުނިޔެއަށް އަލުން އައުމެވެ. އެކަމަށް ޓަކައި ކުރާ އުންމީދެއެވެ. 
އިންސާނާގެ ޙަޔާތުގެ ވަގުތުތައް؛ އޭގެ ތެރެއިން ވެސް ޒުވާންކަމުގެ ވަގުތަކާއި، ދުޅަހެޔޮ ޞިއްޙަތުގައި ހުންނަ ވަގުތުތަކާއި، ތަނަވަސްކަމުގައި ހޭދަކުރާ ވަގުތުތަކާއި، ކުރާނޭ ކަމެއް ނެތި ހުންނަން ލިބޭ ހުސްވަގުތުތަކާއި، މި ހުރިހާ ވަގުތުތަކެއްގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ކީރިތި ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّم ވަނީ އިރުޝާދުދެއްވައިފައެވެ. 
އިންސާނުންގެ ތެރެއިން ގިނަ ބަޔަކަށް ދެ ނިޢްމަތެއްގެ ފައިދާ ނުހޯދި ގެއްލިދާ ދެ ނިޢްމަތެއް ވާ ކަމުގައި ވެސް ޙަދީޘްކުރައްވައިފައި ވެއެވެ. އެ ދެ ނިޢްމަތަކީ ހުސްވަގުތާއި ދުޅަހެޔޮ ޞިއްޙަތު ކަމުގައި ވަނީ އަންގަވައިފައެވެ. އަދި އިންސާނާގެ އުމުރު ހޭދަކުރި ގޮތާ މެދު ޤިޔާމަތްދުވަހުން ސުވާލު ކުރެއްވުމަށް ފަހުގައި މެނުވީ އޭނާގެ ފައިތިލަ ހުރި މަޤާމުން ގުޑުވައި ވެސް ނުލެވޭނެއެވެ. 
ކީރިތި ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّم ޙަދީޘް ކުރައްވައިފައި ވެއެވެ. «لَا تَزُولُ قَدَمَا عَبْدٍ يَوْمَ القِيَامَةِ حَتَّى يُسْأَلَ عَنْ عُمُرِهِ فِيمَا أَفْنَاهُ، وَعَنْ عِلْمِهِ فِيمَ فَعَلَ، وَعَنْ مَالِهِ مِنْ أَيْنَ اكْتَسَبَهُ وَفِيمَ أَنْفَقَهُ، وَعَنْ جِسْمِهِ فِيمَ أَبْلَاهُ» (رواه الترمذي)  މާނައީ: [(ޤިޔާމަތްދުވަހުން) ހަތަރު ސުވާލަކަށް ޖަވާބުދީފުމަށް ދާންދެން، އެއްވެސް އަޅެއްގެ ފައިތިލަ ހުރިތަނުން ގުޑުވައި ނުލެވޭހުއްޓެވެ. (އެއީ) އެ މީހެއްގެ އުމުރު ހޭދަކުރީ ކޮން ކަމެއްގައި ތޯ؟ އާއި، އެ މީހަކު އުނގެނިފައިވާ ޢިލްމުން އޭނާކުރީ ކޮންކަމެއްތޯ؟ އާއި، އެ މީހެއްގެ މުދާ އޭނާ ހޯދީ ކޮން ގޮތަކަށްތޯ؟ އާއި، އެ ތަކެތި ހޭދަކުރީ ކޮން ކަމަކަށްތޯ؟ އަދި އޭނާގެ ހަށިގަނޑު މުސްކުޅިކުރުވީ ކޮން ކަމެއްގައިތޯ؟ މިއެވެ.]
ވީއިރު، ޙަޔާތުގެ ވަގުތުތައް ހެޔޮކަމެއްގައި މެނުވީ ހޭދަ ނުކުރާހުށި ކަމެވެ. ވަގުތައްވުރެ ބޮޑު ރައުސްމާލެއް މީހަކަށް ލިބިފައި ނުވެއެވެ.
މިއީ الشَّيْخ حَسَن مُوسَى فِكْرِي "ދީނުގެ މަގު" މަޖައްލާއަށް ލިޔުއްވާފައިވާ ލިޔުއްވުމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ