ސިޔާސީ މުވައްޒަފުންނަށް މަހަކު 160 މިލިއަން; މިއީ 10 ރަށުގެ ފެނާއި ނަރުދަމާގެ ފައިސާ: ޣަފޫރު ސިޔާސީ މުވައްޒަފުންނަށް މަހަކު 160 މިލިއަން; މިއީ 10 ރަށުގެ ފެނާއި ނަރުދަމާގެ ފައިސާ: ޣަފޫރު

ރައީސް މުހައްމަދު މުއިއްޒު އައްޔަން ކުރައްވާފައިވާ ސިޔާސީ މަގާމުތަކުގައި ތިއްބެވި މުވައްޒަފުންގެ މުސާރައަށް ރައްޔިތުންގެ ޓެކްސް ފައިސާއިން މަހަކު 160 މިލިއަން ރުފިޔާ ހޭދަކަމުން އެބަދާ ކަމަށާއި އެއީ 10 ރަށުގެ ފެނާއި ނަރުދަމާއަށް ހޭދަވާ ވަރު ކަމަށް އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދައިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެ އެވެ.
އެމްޑީޕީން ރޭ ބޭއްވި ހަރުގެ ޖަލްސާގައި ޣަފޫރު ވިދާޅުވީ، މި ސަރުކާރުގެ އަތަށް ރައްޔިތުންގެ ކަންކަން ފުއްދުމަށް 174 ބިލިއަން ރުފިޔާ ދެވިފައިވީ ނަމަވެސް، އެ ފައިސާއިން ރަށްރަށުގެ ތަރައްގީއަށް ކުރެވުނު ކަމެއް ފެންނަން ނެތް ކަމަށެވެ. ނަމަވެސް ސިޔާސީ މަގާމުތަކުގެ އަދަދު އިންތިހާއަށް އިތުރުވެފައިވާކަން އޭނާ ފާހަގަ ކުރެއްވި އެވެ.
ދުނިޔޭގެ ބޮޑު ބާރު ކަމަށްވާ އެމެރިކާގެ ސަރުކާރުގައި 4،000 ސިޔާސީ ބޭފުޅުން ތިއްބެވިއިރު، މުއިއްޒުގެ މި ވެރިކަމުގައި އެ އަދަދު 4،100 އަށް އަރާފައިވާ ޣަފޫރު ވިދާޅުވި އެވެ.
ޣަފޫރު ވިދާޅުވި ގޮތުން ސިޔާސީ މުވައްޒަފުންގެ މަހު މުސާރަ އަށް މަހަކު 160 މިލިއަން ހޭދަކުރާނަމަ އެއީ އަހަރަކަށް ގާތްގަނޑަކަށް ދެ ބިލިއަން ރުފިޔާ އެވެ.
ދައުލަތުގެ ދަރަންޏާ ގުޅޭ ގޮތުން ޣަފޫރު ވިދާޅުވީ، މި އަހަރު ނިމޭއިރު ދައުލަތުގެ ދަރަނި 168 ބިލިއަން ރުފިޔާގައި ހުންނާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މީގެ ތެރެއިން 28 ޕަސެންޓަކީ މި ސަރުކާރުން އުފެއްދި ދަރަނި ކަމަށާއި، މިއީ ވޭތުވެދިޔަ ހަ ސަރުކާރުގައި ވެސް ނުއުފައްދާ މިންވަރެއްގެ ބޮޑު ދަރަންޏެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
އެމްޑީޕީގެ ވެރިކަން ނިމުނުއިރު ދަރަނި ހުރީ 126 ބިލިއަން ރުފިޔާގައި ކަމަށް ޣަފޫރު ފާހަގަ ކުރެއްވި އެވެ.
"ރަނގަޅު އެމްޑީޕީގެ ވެރިކަމުގައި ދަރަނި ބޮޑުވެގެން ދިޔަ ހާލަތެއް ވެސް އައި. އެއީ ކޮވިޑުގެ ހާލަތުގައި. އޭރު ޖެހުނީ ހަރަދު ވެސް ކުރަން. އޭރު އާމްދަނީ ވެސް ނުލިބި ހަރަދު ކުރަން ޖެހުނީ. އޭގެ ސަބަބުން ދަރަނި ބޮޑުވެގެން ދިޔަ. އެއީ ހަގީގީ ހާލަތެއް،" ޣަފޫރު ވިދާޅުވިއެވެ.
"އެ މައްސަލަ ދިމާނުވާ އެއްވެސް ގައުމެއް ނެތް."
ކޮވިޑުގެ ދަތިހާލުގައި އެމްޑީޕީގެ ސަރުކާރުން ރައްޔިތުން ގެންގުޅުނީ އުފަލާއި އަރާމުގައި ކަމަށާއި ނަމަވެސް މިއަދު ދިވެހި ރައްޔިތުން އުޅަމުން ދަނީ އެއަށް ވުރެ ދަތި ހާލަތުގައި ކަމަށް ޣަފޫރު ވިދާޅުވި އެވެ. މިފަދަ ކަންކަމަކީ ރައްޔިތުން ވިސްނައި، އިބުރަތް ލިބިގަންނަންޖެހޭ ކަންކަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސަރުކާރުގެ އިސްރާފު އިންތިހާއަށް ގެންދިޔުމަށް ފަހު، ރައްޔިތުންގެ ކައިރިއަށް ގޮސް ދެ އިންތިހާބު އެއްކޮށްލަނީ ދައުލަތުގެ ހަރަދު ކުޑަކުރާށޭ ވިދާޅުވަނީ މި ސަރުކާރުގެ "ލަދެއް ހަޔާތެއް ނެތިގެން" ކަމަށް ޣަފޫރު ވިދާޅުވި އެވެ.
"އެއީކީ އަޅުގަނޑުމެއް ގަބޫލުކުރާނެ ކަމެއް ނޫން. އެއީ ބަލައިގަނެވޭނެ ކަމެއް ނޫން،" އޭނާ ވިދާޅުވި އެވެ.
ދެ އިންތިހާބުގެ ވާހަކައަށް ފަހު ދެން ދައްކާނީ 10 އަހަރަށް ދައުރު ދައްމާލާ ވާހަކަ ކަމަށް ވެސް ޣަފޫރު ވިދާޅުވި އެވެ. އެހެންވެ "މިކަމަށް ނޫނެކޭ ބުނަން އެބަޖެހޭ" ކަމަށް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ