ވީއައިއޭގެ 60 ވަނަ އަހަރީ ދުވަސް ފާހަގަކުރަން ހަރަކާތްތަކެއް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ 60 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ.
ވީއައިއޭގެ އަހަރީ ދުވަހުގެ ހަރަކާތްތައް މިއަދު ފެށީ ހެނދުނު 6:00 ގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތަކުންނެވެ. ޓާމިނަލް 1 ކުރިމަތީގައި ބޭއްވި ރަސްމިއްޔާތުގައި ދިދަ ނަންގަވައިދެއްވީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފެވެ.
އެ ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ލަމްއާނާއި އެ ކުންފުނީގެ އިސްވެރިންނާއި މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ. ދިދަ ނެގުމުގެ ރަސްމިއްޔާތަށްފަހު ދުވަހާ ގުޅޭ ހާއްސަ ކޭކެއް ވަނީ ފަޅައިފައެވެ.
އެމްއޭސީއެލުން ބުނީ އެ ރަސްމިއްޔާތަށްފަހު އެ ކުންފުނީގެ މެނޭޖްމަންޓުގެ ބޭފުޅުންނާއި ޑިޕާޓްމަންޓުތަކުގެ އިސްވެރިން ވަނީ ކުންފުނީގެ ހުރިހާ ޑިޕާޓްމަންޓަކަށް ޒިޔާރަތްކުރައްވައި މުވައްޒަފުންނާ ބައްދަލުކުރައްވައި މުވައްޒަފުންނަށް ދުވަހުގެ ތަހުނިޔާ ވިދާޅުވެ ހިތްވަރުދެއްވާފައި ކަމަށެވެ.
ވީއައިއޭގެ އަހަރީ ދުވަހުގެ ހަރަކާތްތައް ނިންމާލުމުގެ ގޮތުން މިއަދު ހަވީރު ވަނީ ހާއްސަ ރަސްމިއްޔާތަކާއެކު ހަވީރުގެ ސައެއް ބާއްވައިފައި ކަމަށާއި އެ ރަސްމިއްޔާތުގައި އަހަރީ ދުވަހުގެ ލޯގޯ ޑިޒައިންކުރުމަށް ހުޅުވާލި މުބާރާތުން އެއްވަނަ ހޯދި މުވައްޒަފަށާއި އަހަރީ ދުވަހާ ގުޅުވައިގެން ޑިޕާޓްމަންޓްތަކަށް ހުޅުވާލައިގެން ބޭއްވި ޒީނަތްތެރިކުރުމުގެ މުބާރާތުން އެއްވަނައަށް ދިޔަ ޑިޕާޓްމަންޓަށް އިނާމުދީފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
އެ އިނާމުތައް ހަވާލުކޮށްދެއްވީ އެމްއޭސީއެލްގެ ސީއީއޯ ޝަރީފެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ