ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ކުރީގެ ރައީސް ބައްސާމް ޢަދީލް ޖަލީލުގެ މަނީލޯންޑަރިންގެ މައްސަލައިގައި ހިމެނޭ އެފްއޭއެމްގެ 1000،000 (އެއް މިލިއަން އެމެރިކާ ޑޮލަރު) ގެ ޗެކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ކަމަށް ނިންމި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.
ޕްރޮސިކިއުޓަރ ޖެނެރަލްގެ (ޕީޖީ) އޮފީހުން ބުނީ މި ދަޢުވާ ސާބިތުކުރުމަށް ހުށަހެޅި ގިނަ ޝަފަހީ ހެކިންގެ ހެކިބަސް ނުނެގުމަށް މައްސަލަ ބެއްލެވި ފަނޑިޔާރު ނިންމަވާފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް އެ އޮފީހުން ދެކޭތީ، އެ ބައި ދިވެހިރާއްޖޭގެ ހައިކޯޓުގައި އިއްޔެ އިސްތިއުނާފުކޮށްފައިވާ ކަމަށެވެ.
ބައްސާމުގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅި މަނީ ލޯންޑްރިންގގެ ކުށުގެ ދަޢުވާ ސާބިތުވާކަމަށް އެ ކޯޓުން ކަނޑައެޅިއިރު، އެފްއޭއެމްގެ އެއްމިލިއަން ޑޮލަރުގެ ޗެކަކީ އަމީން ކޮންސްޓްރަކްޝަން ޕވޓ. ލޓޑ. ގެ އަމީން އެވެނިއު A1205 އަދި A1206 އެޕާޓްމަންޓު ގަތުމަށް ބޭނުންކުރި ފައިސާކަން ސާބިތުނުވާކަމަށާއި، އެފައިސާއަކީ އެފް.އޭ.އެމްއާއި އަމީން ކޮންސްޓްރަކްޝަން ޕވޓ. ލޓޑ. އާއި ދެމެދު ކުރެވުނު ޑޮލަރު މާރުކުރުމުގެ މުޢާމަލާތެއް ކަމަށް ސާބިތުވާކަމަށް މިދިޔަ ޖެނުއަރީގައި ކޯޓުން ވަނީ ނިންމާފައިވެއެވެ.
ޕީޖީ އޮފީހުން ބުނީ އެއްމިލިއަން ޑޮލަރުގެ ޗެކަކީ ޑޮލަރު މާރުކުރުމުގެ މުޢާމަލާތެއްކަމަށް މައްސަލަ ބެއްލެވި ފަނޑިޔާރު ކަނޑައަޅުއްވާފައިވަނީ ޤާނޫނީ ހަމަތަކާއި ޚިލާފަށް ހެކި ވަޒަންކޮށްގެންކަމަށެވެ.
އެހެންކަމުން ޕީޖީ އޮފީހުން ހައިކޯޓުގައި އެދިފައިވަނީ، ދަޢުވާގެ އެ ބައި ސާބިތުކުރުމަށް ހުށަހެޅި އެންމެހައި ހެކިންގެ ހެކިބަސް ނަގައި، ދަޢުވާ ސާބިތުކުރުމަށް ހުށަހަޅާފައިވާ އެންމެހައި ހެކިތައް އަލުން ވަޒަންކޮށް، އެ އެއްމިލިއަން ޑޮލަރުގެ ޗެކާ ގުޅޭ މުޢާމަލާތަކީ މަނީ ލޯންޑްރިންގގެ ޢަމަލެއްކަމާމެދު އަލުން ގޮތެއް ކަނޑައެޅުމަށް މައްސަލަ ދަށު ކޯޓަށް ތަޙުވީލުކޮށްދިނުމަށެވެ.
ބައްސާމު ޢަދީލް ޖަލީލްގެ މައްޗަށް މަނީ ލޯންޑްރިންގގެ ކުށުގެ މިދަޢުވާ ސާބިތުވާކަމަށް ކަނޑައަޅާފައިވާ ކަނޑައެޅުމަކަށް މި އިސްތިއުނާފާއި ގުޅިގެން އަސަރެއް ނުކުރާނެ ކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ. ބައްސާމް ގެންދަނީ މަނީ ލޯންޑްރިންގެ
މި އެއްމިލިއަން ޑޮލަރުގެ ޗެކާއި ގުޅިގެން އަމީން ކޮންސްޓްރަކްޝަން ޕވޓ. ލޓޑ. ގެ މައްޗަށް އުފުލި މަނީ ލޯންޑަރކުރުމަށް އެހީތެރިވުމުގެ ކުށުގެ ދަޢުވާ ސާބިތުނުވާކަމަށް ޖެނުއަރީގައި ކޯޓުން ނިންމި ނިންމުން 2 މާރިޗު 2026 ގައި ޕީޖީ އޮފީހުން ހައިކޯޓުގައި ވަނީ އިސްތިއުނާފުކޮށްފައެވެ.
ބައްސާމް ގެންދަނީ އެފްއޭއެމްގެ ފައިސާއަށް ހިޔާނާތްތެރިވުމާއި، މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ ސާބިތުވެ 23 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ.
އެފްއޭއެމްގެ 1 މިލިއަން ޑޮލަރުގެ ޗެކާ ގުޅޭ ބައި އިސްތިއުނާފުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ