ބޭސްފަރުވާއަށް ބޭރަށް ދާއިރު ބީއެމްއެލްގެ އެޕް މެދުވެރިކޮށް މިހާރު ޑޮލަރަށް އެދި ހުށަހެޅޭނެ
ގައުމީ ބޭންކު ބީއެމްއެލްގެ މޯބައިލް އެޕް މެދުވެރިކޮށް، ބޭސްފަރުވާއަށް ރާއްޖޭން ބޭރަށްދާ ފަރާތްތަކަށް ޑޮލަރަށް އެދި ހުށަހެޅޭ ގޮތް ހަދައިފިއެވެ. ބީއެމްއެލުން ބުނީ، ބޭސްފަރުވާއަށް ރާއްޖޭން ބޭރަށްދާ ފަރާތްތަކަށް ޑޮލަރަށް އެދި މިއަދުން ފެށިގެން ބީއެމްއެލްގެ އެޕް މެދުވެރިކޮށް ހުށަހެޅޭނެ ކަމަށެވެ. އެގޮތުން، ޑޮލަރަށް އެދި ހުށަހަޅާނަމަ މޯބައިލް އެޕުގައި "ޑޭޝްބޯޑް"އަށް ގޮސް، ދާން ޖެހޭނީ "މެޑިކަލް ޑޮލާ ރިކުއެސްޓް"އަށެވެ. ބޭންކުން ބުނީ، ޑޮލަރު ގަތުމަށް އެދި ހުށަހަޅާއިރު، ބޭނުންވާނެ ލިޔެކިޔުންތައް މައުލޫމާތު އެޕުން ހުށަހަޅައި، އެޕްލިކޭޝަންގެ ކަންކަން ކުރިއަށްދާ ގޮތް ވެސް ވަގުތުން ކަސްޓަމަރުންނަށް ބަލައިލެވޭނެ ކަމަށެވެ. އާސަންދަ އަދި އެންސްޕާ މެދުވެރިކޮށް ދަތުރުކުރާ ފަރާތްތަކަށް 2،000 ޑޮލަރާ ހަމައަށް ބޭންކުން ޑޮލަރު ވިއްކާނެ ކަމަށާއި، އަމިއްލަ ގޮތުން ބޭސްފަރުވާއަށް ދަތުރުކުރާ ފަރާތްތަކަށް 1،000 ޑޮލަރާ ހަމައަށް ޑޮލަރު ވިއްކާނެ ކަމަށް، ބީއެމްއެލުން މައުލޫމާތުދެއެވެ. ސިއްހީ ފަރުވާއަށް ރާއްޖޭން ބޭރަށްދާ ފަރާތްތަކަށް ޑޮލަރު ޖަމާކޮށްދޭނީ ޑޮލަރަށް އެދި ހުށަހަޅާ ފަރާތުގެ ބީއެމްއެލް ޑޮލަރު އެކައުންޓަށް ކަމަށް ވެސް ބޭންކުން ބުންޏެވެ. ފާހަގަކުރެވޭ ގޮތުގައި ބީއެމްއެލުން ވަނީ، ޢުމްރާ ގްރޫޕްތައް މެދުވެރިކޮށް ރަމަޟާން މަހު ދަތުރުކުރާ ޢުމްރާވެރިންނަށް ފަސޭހަކަމާއެކު ޑޮލަރު ގަތުމަށް ޚާއްސަ އިންތިޒާމެއް މި މަހު ހަމަޖައްސައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ