އިންތިހާބަކާ ނުލާ ކައުންސިލް އިންތިހާބުގެ %10 ގޮނޑި ޕީއެންސީއަށް ލިބޭނެ: ފަލާހު

އިންތިހާބަކާ ނުލާ ކުރިއަށް އޮތް ކައުންސިލް އިންތިހާބުގެ %10 ގޮނޑި ވެރިކަންކުރާ ޕާޓީ ޕީއެންސީއަށް ލިބޭނެ ކަމަށާއި މިހާރު ވެސް އިންތިހާބަކާ ނުލާ %7 ގޮނޑި ލިބިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - އަންނަ އޭޕްރީލް މަހު ބާއްވާ ކައުންސިލް އިންތިހާބަށް ކުރިމަތިލާން ހުށަހެޅި ފޯމުތަކުގެ ތެރެއިން، އިލެކްޝަންސް ކޮމިޝަން (އީސީ)ން އެންމެ ގިނައިން ހުއްދަދީފައިވަނީ ޕީއެންސީގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުންނަށެވެ. އެގޮތުން، އެ ޕާޓީގެ 665 ކެންޑިޑޭޓުން ކައުންސިލް ގޮނޑިތަަކަށް ވާދަކުރާއިރު، އަންހެނުންގެ ކޮމެޓީއަށް 658 ކެންޑިޑޭޓުން ވާދަކުރެ އެވެ.
ދެން އެންމެ ގިނައިން ވާދަކުރަނީ އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓުންނެވެ.  އޭގެ ތެރޭގައި ހިމެނެނީ ކައުންސިލް ގޮނޑިތަކަށް ވާދަކުރާ 495 ކެންޑިޑޭޓުންނާއި އަންހެނުންގެ ކޮމެޓީއަށް 417 ކެންޑިޑޭޓުންނެވެ. 
މި އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރަން ހުށަހެޅި މީހުންގެ ތެރެއިން ބަލައިގަނެފައިވަނީ 401 މީހެއްގެ ފޯމެވެ.
ބުނީ ކީކޭ؟ - ކައުންސިލް އިންތިހާބުގެ އައްޑޫ ކެމްޕޭން އިފްތިތާހުކުރުމަށް ރޭ ބޭއްވި ޖަލްސާގައި އެ ޕާޓީގެ ފަރާތުން މި އިންތިހާބުގެ ކެމްޕެއިން މެނޭޖަރުކަން ވެސް ކުރައްވާ ފަލާހު ވިދާޅުވީ، މި އިންތިހާބުގައި ޕީއެންސީގެ ފަރާތުން މުޅި ރާއްޖޭގައި 1000އަށް ވުރެ ކެންޑިޑޭޓުން ވާދަކުރައްވާ ކަމަށެވެ. ބޮޑު އަގުލަބިއްޔަތަކުން މި ކެންޑިޑޭޓުން ކައުންސިލްތަކަށް ހޮވިއްޖެ ނަަމަ ރާއްޖެ ދުވަހަކު ވެސް ނުދެކޭ ފަދަ ތަރައްގީ ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ތިބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ އަޅުގަނޑުމެންގެ މި ޕާޓީއަށް އިންތިހާބަކާ ނުލާ މި އިންތިހާބުގައި ވަނީ ކާމިޔާބުވެފައި. ގާތްގަނޑަކަށް މިހާރު ވެސް %7 ގޮނޑި ކާމިޔާބުކުރެވިއްޖެ އިންތިހާބަކާ ނުލާ. އަޅުގަނޑުމެންނަށް ޔަގީން އިރާދަކުރެއްވިއްޔާ އިންތިހާބަކާ ނުލާ %10 ގޮނޑި މި އިންތިހާބުގައި ކާމިޔާބުކުރެވޭނެ،" ފަލާހު ވިދާޅުވި އެވެ.
ދެން މި އިންތިހާބުގައި އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރާ އެމްޑީއަށް ފާޑުވިދާޅުވެ ފަލާހު ވިދާޅުވީ، އެމްޑީޕީގެ ޓިކެޓުގައި މިހާރު ކުރިމަތިލާފައިވާ މީހުން ވެސް އެ ޕާޓީއާ އެކު ކުރިއަށް ދިއުމުގެ ޝައުގުވެރިކަމެއް ނެތް ކަމަށެވެ. އެއީ އެމްޑީޕީގެ ސިޔާސަތުތަކާއި މިހާރު ކަންކަން ކުރަމުންދާ ގޮތުން، ކައުންސިލްތަކަށް ހޮވުނަސް ރަށުގެ ތަރައްގީއަށް މަސައްކަތްކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް ނުދެކޭތީ ކަމަށް އޭނާ ވިދާޅުވި އެވެ.
ފަލާހު އިތުރަށް ވިދާޅުވީ، އެމްޑީޕީން މިހާރު ކުޅެނީ ޑިފެންސަށް ކަމަށާއި ކުރިއަށް އަރައިގެން ލަނޑެއް ޖަހަން އުޅޭ ތަން ނުފެންނަ ކަމަށެވެ. ޕާޓީއެއްގެ ލީޑާޝިޕުން ރަށްރަށުގެ ވަލުތަކަށް ވަދެ ކުދިކުދި ވީޑިއޯކޮޅުތައް ހަދާ ހިސާބަށް ހިނގައްޖެ ނަމަ، އޭގެ މާނައަކީ ވަރަށް ބޮޑަށް ޕާޓީގެ އެތެރެ ހަލާކުވެފައިވާކަން ކަމަށް އޭނާ ވިދާޅުވި އެވެ.
އެހެންކަމުން، ޕީއެންސީގެ ކެންޑިޑޭޓުން މި އިންތިހާބު ކާމިޔާބުކުރުމަށް ވަރަށް ބަދަހިކަމާ އެކު، ބައިބައިނުވެ މަސައްކަތްކުރުމަށް ފަލާހު އެދިވަޑައިގަތެވެ.
"ޕީއެންސީގެ ފަރާތުން ހުރިހާ ރަށެއްގައި ކުރިމަތިލާފައިވާ ކެންޑިޑޭޓުންނަށް ދަންނަވާލަން ބޭނުންވަނީ، ތިބޭފުޅުން މިއަދުން ފެށިގެން ވަރަށް ފޯރި އާއި ޖޯޝާ އެކު ވަރަށް ގުޅިގެން ޓީމެއްގެ ގޮތުގައި ވަކިވަކިނުވެ، ބައިބައިނުވެ ކެމްޕޭން ކުރިއަށް ގެންދަވާށޭ. އަޅުގަނޑުމެން ޕާޓީގެ ފަރާތުން އިއްޒަތްތެރި ރައީސް ތިބޭފުޅުންނަށް އުސޫލުތަކާއި ހަމަތަކާއި ގާނޫނުތަކުގެ މަތިން ތިބޭފުޅުން އިންތިހާބުކޮށްދެއްވަން ކުރެވެން އޮތް ހުރިހާ ކަމެއް ކޮށްދެވާނެ ކަމުގެ ޔަގީންކަން ވަނީ ދެއްވާފައި،" ނިންމާލަމުން ފަލާހު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ