ވިޕްލައިނާ ހިލާފުވި ކަމަށް ބުނެ ދާންދޫ ދާއިރާގެ މެންބަރާ މެދު ވެސް ފިޔަވަޅު އަޅައިދިނުމަށް ހުށަހަޅައިފި

ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ތްރީލައިންވިޕާ ޚިލާފުވި ކަމަށް ބުނެ ދާންދޫ ދާއިރާގެ މެމްބަރު އަހުމަދު އަސްއަދާ މެދު ފިޔަވަޅު އަޅައިދިނުމަށް އެ ޕާޓީގެ އާންމު މެމްބަރަކު ސުލޫކު ކޮމެޓީއަށް މައްސަލަ ހުށަހަޅައިފި އެވެ. ޕީޕީއެމްގެ ސުލޫކު ކޮމެޓީއަށް އެ ޕާޓީގެ އާންމު މެމްބަރަކު ފޮނުވި ސިޓީގައި ބުނެފައި ވަނީ ކުރީގެ ޕީޖީ މުހުތާޒު މުހުސިންގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް ޕާލަމެންޓްރީ ގްރޫޕުން ނިންމާފައި ވަނިކޮށް އެ ނިންމުމާ ޚިލާފުވެވަޑައިގެންފައިވާ ކަމަށް ސަން ޓީވީގެ ސިޔާސީ އޮއިވަރު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އައްސަދު އިއުތިރާފުވެވަޑައިގެންފައިވާ ކަމަށެވެ. އެހެންކަމުން ޕާލަމެންޓްރީ ގްރޫޕްގެ ނިންމުންތަކާ ޚިލާފުވާ އެހެނިހެން މެމްބަރުންނާ މެދު ފިޔަވަޅު އަޅާ އުސޫލުން އައްސަދާ މެދު ވެސް ފިޔަވަޅު އަޅައިދިނުމަށް އެ ސިޓީގައި ވަނީ އެދިފަ އެވެ. މިދިޔަ ހުކުރު ދުވަހުގެ ރޭ ސަން ޓީވީގައި ވާހަކަ ދައްކަވަމުން އައްސަދު ވިދާޅުވެފައި ވަނީ އެ ވޯޓުގައި އޭނާ ބައިވެރިވެވަޑައިނުގަތީ ރައީސް އަބްދުﷲ ޔާމީންގެ ހުއްދައާ އެކު ކަމަށެވެ. "އަޅުގަނޑު އިންތިޚާބުގައި [ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި] ހުރީ ޕީޖީ މުހުތާޒުމެން ގޭގައި. އެމީހުންނާ އެކު ދޮޅުއަހަރުވަންދެން މަސައްކަތްކޮށްފައި އައިސްފައި، މުހުތާޒު ވަކިކުރާ ވޯޓުގައި ބައިވެރިވާން އަޅުގަނޑަށް އުޒުރުވެރިވެވުނީ. އަޅުގަނޑު ބޭނުމެއްނުވޭ އެ އާއިލާ އަށް އަނިޔާވެރި ނުވަތަ އަނިޔާއެއް ލިބެންވާ ވަގުތުގައި އެކަމަށް އެހީތެރިވާ މީހެއްގެ ގޮތުގައި އަޅުގަނޑު ވާކަށް،" އައްސަދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ