ސްޓެލްކޯއިން، ސިޓީ ކައުންސިލަށް: ވާހަކަ ނުދައްކާ، ކަރަންޓު ބިލުތައް ދައްކާ

"ފާޑުފާޑުގެ ވާހަކަ, އެކި ޕްރެސް ކޮންފަރެންސް ތަކުގައި ނުދައްކައި،" ފައިސާ ނުދައްކައި ހުރި ކަރަންޓު ބިލްތަކަށް ފައިސާ ދެއްކުމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފު، މާލޭ ސިޓީ ކައުންސިލަށް ގޮވާލައްވައިފިއެވެ. މިއަދު ސްޓެލްކޯއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝަރީފު މިހެން ވިދާޅުވީ ސިޓީ ކައުންސިލާއި ސްޓެލްކޯއާ ދެމެދު އޮތް ކަރަންޓު ބިލްތަކުގެ މައްސަލައާ ގުޅިގެންނެވެ. އޭނާ ވިދާޅުވީ ސިޓީ ކައުންސިލުން ސްޓެލްކޯއަށް ދައްކަން ޖެހޭ 21 މިލިއަނަށް ވުރެ ގިނަ ރުފިޔާ އެބަހުރި ކަމަށާއި، އެ ފައިސާތައް ނުދެއްކުމަށް އެކި ބަހަނާތައް ސިޓީ ކައުންސިލުން ދައްކަމުންދާ ކަމަށެވެ. "އަޅުގަނޑުމެންނަށް އެފަރާތުން [ސިޓީ ކައުންސިލުން] މިހާރު ޖުމްލަ ދައްކަން ޖެހޭ 21 މިލިއަނަށް ވުރެ ގިނަ ރުފިޔާ އެބަހުރި. އެންމެ ފުރަތަމަ 16 މިލިއަން ރުފިޔާގެ ޕެންޑިން އެއް އިނީމަ އެ ނުދައްކިގެން އެއްބަސްވުމެއްގެ ދަށުން ވެސް އެ ފައިސާ ނުދައްކާ،" ޝަރީފު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ސިޓީ ކައުންސިލުން 16 މިލިއަން ރުފިޔާ ސްޓެލްކޯއަށް ދައްކަން ޖެހިގެން ނިމިދިޔަ އަހަރުގެ ޖެނުއަރީ މަހު އެ ފައިސާ ދެއްކުމަށް އެ ކައުންސިލަށް ސިޓީއަކުން އެންގި ކަމަށެވެ. ނަމަވެސް، އެ ފައިސާ ނުދައްކައިގެން އެފަރާތާ އެކު މިދިޔަ ޖެނުއަރީ މަހު އެއްބަސްވުމަކަށް އައި ކަމަށާއި، އެ އެއްބަސްވުމުގެ ދަށުން ހަތް ޕޭމެންޓަކަށް ބަހާލައިގެން ފައިސާ ދެއްކުމަށް ދެ ފަރާތުން އެއްބަސްވި ކަމަށެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް، އެ އެއްބަސްވުމުގައި ވާ ފައިސާ ދައްކާފައި ނުވާ ކަމަށެވެ. އެހެން ކަމުން މި ވަގުތު، ޖޫރިމަނާއާ އެއްކޮށް ސިޓީ ކައުންސިލުން ސްޓެލްކޯއަށް ދައްކަން ޖެހޭ ފައިސާގެ ގޮތުގައި 21 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހުންނާނެ ކަމުގައި އޭނާ ވިދާޅުވިއެވެ. "ސިޓީ ކައުންސިލުން އަޅުގަނޑުމެންނަށް ފައިސާ ނުދައްކާތާނގައި، އަޅުގަނޑުމެންނަށް ކުރަނީ ޖެއްސުން،" ޝަރީފު ވިދާޅުވިއެވެ. މިކަމާ ގުޅިގެން ސިޓީ ކައުންސިލުން ބުނީ 2021ވަނަ އަހަރުގެ މޭ މަހުން ފެށިގެން 2022ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކާފައިވާނެ ކަމަށެވެ. އަދި އެ އަހަރުގެ ޑިސެމްބަރުގެ ނިޔަލަށް ނުދެއްކި ހުންނާނީ 16 މިލިއަނަށް ވުރެ ގިނަ ރުފިޔާ ކަމަށެވެ. އެހެންކަމުން ސްޓެލްކޯ އިން މިއަދު ފާހަގަ ކުރި އަދަދުތަކާއި، ސިޓީ ކައުންސިލުން ފާހަގަ ކުރި އަދަދުތައް ދިމާވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ