ރާއްޖެއާއި މެލޭޝިއާ ދެމެދު އޮތް ގުޅުން ކުރިމަގުގައި އިތުރަށް ބަދަހިވެގެންދާނެ: ރައީސް

ދަތޯ ސެރީ އަންވަރު އިބްރާހީމް މެލޭޝިޔާގެ ބޮޑުވަޒީރުކަމަށް ހޮވިވަޑައިގެންނެވުމާ ގުޅިގެން ރާއްޖެއާއި މެލޭޝިޔާއާ ދެޤައުމުގެ ދެމެދުގައި މިހާރު އޮތް ގުޅުން ކުރިއަށް އޮތް ތަނުގައި އިތުރަށް ބަދަހިވެގެންދާނެކަމަށް ޔަޤީންކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ އަންވަރު ބޮޑުވަޒީރުކަމަށް ހޮވިވަޑައިގަތުމާއި ގުޅިގެން އެމަނިކުފާނަށް މަރުޙަބާ ވިދާޅުވުމަށް ފޮނުވި މެސެޖެއްގައެވެ.
ރައީސްގެ މެސެޖުގައި، އަންވަރު އިބްރާހީމްގެ ލީޑަރޝިޕްގެ ދަށުން މެލޭޝިއާގެ ރައްޔިތުންނަށް އުފާފާގަތިކަމާއި ކާމިޔާބީއަށް އެދިވަޑައިގެންނެވިއެވެ. އަދި ރާއްޖެއާއި މެލޭޝިޔާއާ ދެޤައުމުގެ ދެމެދުގައި މިހާރު އޮތް ގުޅުން ކުރިއަށް އޮތް ތަނުގައި އިތުރަށް ބަދަހިވެގެންދާނެ ކަމަށް ޔަޤީންކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން، ބައިނަލްއަޤްވާމީ މުހިންމު ކަންކަމުގައި މެލޭޝިޔާގެ އާއު ބޮޑުވަޒީރާއި، މެލޭޝިޔާ ސަރުކާރާ ގުޅިގެން މަސައްކަތް ކުރެއްވުމަށް އުއްމީދުކުރައްވާކަމުގައި ރައީސް ވިދާޅުވިއެވެ.
އަދި އެމަނިކުފާނު ވަނީ މެލޭޝިޔާގެ އާ ބޮޑުވަޒީރަށް ދުޅަހެޔޮކަމާއި ރަނގަޅު ޞިއްޙަތަކަށް އެދިވަޑައިގަންނަވާ ކަމަށާއި މެލޭޝިޔާގެ ރައްޔިތުންނަށް ފާގަތިކަމާއި ކުރިއެރުމަށްވެސް އެދިވަޑައިގަނަވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ