މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ ރައްކާތެރިވުމަށް އިލްތިމާސްކޮށްފި

ރާއްޖެ ސަރަހައްދުގެ މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ ރައްކާތެރިވުމަށް ދުރާލާ މަސައްކަތް ކުރުމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން އިލްތިމާސް ކޮށްފިއެވެ.
އެ އޮތޯރިޓީން ނެރެފައިވާ އިރުޝާދުގައި ބުނެފައިވަނީ ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވެ ކުރިއަށް އޮތް ފަސް ދުވަހު، ހާއްސަކޮށް އުތުރާއި މެދުރާއްޖެތެރޭގެ ސަރަހައްދުތަކަށް ވައިގަދަވެ، ކަނޑުތައް ވަރަށް ގަދަވުމާއެކު، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން މައުލޫމާތުދޭ ކަމަށެވެ.
އެހެންކަމުން ރައްޔިތުންގެ މުދަލާއި ގެދޮރަށް ލިބިދާނެ ގެއްލުމަކުން ރައްކާތެރިވުމަށް ދުރާލާ މަސައްކަތް ކުރުމަށް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން އިލްތިމާސްކޮށްފައިވެއެވެ.
އެގޮތުން ވާރޭވެހި ފެންބޮޑުވެދާނެ ކަމަށް ތައްޔާރުވުމަށާއި، ގެއަށް ފެން ނުވަންނާނެހެން ރައްކާތެރި ފިޔަވަޅު އެޅުމަށް އިރުޝާދު ދީފައިވެއެވެ. ގޭތެރޭގައި ފެންބޮޑުވެއްޖެނަމަ ގެއްލުންވެދާނެ މުދާ ފެން ނުޖޭހޭ އުސްތައްތަނަށް ބަދަލުކުރުމަށާއި، ގަދަވައިގެ ސަބަބުން ގޭގެ ފުރާޅު އެއްލާލަފާނެ ކަމަށް ލަފާކުރެވޭނަމަ ކުރިޔާލާ ވައު ފަދަ އެއްޗެއް ބޭނުންކޮށްގެން ފުރާޅު އެއްލާނުލާފަދަ ގޮތަކަށް ހައްޔަރުކުރުމަށް ލަފާ ދީފައިވެއެވެ.
މީގެއިތުރުން ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ބަލައިގެން ދަތުރު ކުރުމަށް ސަމާލުކަން ދިނުމަށްވެސް އިރުޝާދު ދީފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ