111 އަހަރުވީ ސަންތޯސް ފުރަތަމަ ފަހަރަށް ރެލިގޭޓުވެއްޖެ

ބްރެޒިލްގެ ފުޓްބޯޅައިގައި އެންމެ ފާހަގަ ކޮށްލެވޭ އެއް ކުލަބު ކަމަށްވާ ސަންތޯސް ފުރަތަމަ ފަހަރަށް ރެލިގޭޓް ވެއްޖެއެވެ. ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ ކަމަށްވާ ޕެލޭ އެ ކުލަބަކަށް ކުޅެ މީހުންގެ މަގުބޫލުކަން ހޯދައިދީފައިވާ ސަންތޯސްވަނީ އެ ކުލަބްގެ 111 އަހަރުވީ ތާރީޚުގައި ފުރަތަމަ ފަހަރަށް ބްރެޒިލްގެ ސެރީ އޭއިން ރެލިގޭޓް ވެފައެވެ. ސަންތޯސްއަށް ވަނީ ފަހަކަށް އައިސް މާލީ ގިނަ މައްސަލަތަކެއް ކުރިމަތިވެފައެވެ. އަދި، އެ ޓީމުން ސެރީ އޭގައި އެންމެ ފަހުން ކުޅުނު ފަސް މެޗުން ވެސް މޮޅުވެވިފައެއް ނުވެއެވެ. ލީގުގެ ފަހު ބުރުގެ މެޗުތަކަށް ސަންތޯސް ތާވަލުގެ 15 ވަނައިގައި އޮވެގެން ނުކުތް ނަމަވެސް ލީގު ނިންމައިލީ 17ވަނައަށް ވެއްޓި ސެރީ އޭއިން މި ސީޒަންގައި ރެލިގޭޓްވި ހަތަރު ޓީމުގެ ތެރޭގައި ހިމެނިގެންނެވެ. އެ ޓީމު އެންމެ ފަހު މެޗުގައި ފޯޓެލޭޒާއާ ބައްދަލުކޮށް ބަލިވީ 2-1 އިންނެވެ. ސަންތޯސް މިހާތަނަށް ވެފައިވީ ބްރެޒިލް ސެރީ އޭގައި މިހާތަނަށް ދުވަހަކު ވެސް ރެލިގޭޓުނުވާ ތިން ޓީމުގެ ތެރެއިން އެއް ޓީމަށެވެ. އަނެއް ދެ ޓީމަކީ ސައޮޕާލޯ އާއި ފްލަމެންގޯއެވެ. ޕެލޭ ސްންތޯސްއަށް 1952 އިން 1963 އާއި ދެމެދު ކުޅުނު އިރު ސަންތޯސްއިން ވަނީ ގިނަ ކާމިޔާބީތަކެއް ހާސިލުކޮށްފައެވެ. މީގެ ތެރޭގައި، ކޮޕާ ލިބެޓަޑޯރެސްގެ ތަށި ދެ ފަހަރު ކާމިޔާބު ކުރުމާއި އިންޓަކޮންޓިނެންޓަލް ކަޕް އެއް ފަހަރު ކާމިޔާބު ކުރުން ހިމެނެއެވެ. އަދި، ބުރެޒިލް ލީގު ތަށި ހަ ފަހަރު ކާމިޔާބު ކުރުމުގެ އިތުރުން ސްޓޭޓް ތަށި 12 ފަހަރު ކާމިޔާބު ކޮށްފައިވެއެވެ. ޕެލޭގެ އިތުރުން ސަންތޯސްއިން ވިދާލާފައިވާ ކުޅުންތެރިންގެ ތެރޭގައި ބްރެޒިލް ޤައުމީ ޓީމަށް މިހާރު އެންމެ ގިނަ ލަނޑު ޖަހައިދީފައިވާ ނޭމާއާއި ރެއާލް މެޑްރިޑަށް މިހާރު ކުޅެމުންދާ ރޮޑްރިގޯ ފާހަގަ ކޮށްލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ