ޕީޕީއެމްގެ މައްސަލަ މައުމޫނު ފެކްޝަނަށް ނޭނގި އިސްތިއުނާފުކޮށްފި

ޕީޕީއެމްގެ ހުރިހާ ބާރުތަކެއް ޕާޓީގެ މުސްތަޝާރު ރައީސް އަބްދުﷲ ޔާމީނާ ހަވާލުކުރުމަށް އަންގައި ސިވިލް ކޯޓުން ކުރި ހުކުމް ރައީސް މައުމޫނު އަބްދުލްގައްޔޫމު ފެކްޝަނަށް ނޭނގި އެހެން މީހަކު ހައިކޯޓުގައި އިސްތިއުނާފު ކޮށްފި އެވެ. އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައި ވަނީ ސ. ހުޅުދޫ ފެންފިޔާޒު ވިލާ އައްބާސް ވާފިރު ނަމަކަށް ކިޔާ މީހެކެވެ. އޭނާ އަކީ އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުއްވި މީހުންގެ ތެރޭގައި ހިމެނޭ މީހެއް ނޫނެވެ. މައްސަލަ ހައިކޯޓަށް ބަލައިގަނެ މިއަދަށް ތާވަލު ކުރުމަށް ފަހު ޕީޕީއެމަށް ފޮނުވާފައިވާ ޗިޓުން އެނގެން އޮތް ގޮތުން ޕީޕީއެމް އަކީ ދައުވާ ލިބޭ ފަރާތެވެ. އެހެންކަމުން އައްބާސް ވާފިރު އެ މައްސަލަ އިސްތިއުނާފު ކުރީ ކޮން ހައިސިއްޔަތަކުން ކަމެއް ނޭނގެ އެވެ. ޕީޕީއެމްގެ ރައީސް މައުމޫނު ފެކްޝަނުގެ އެސްޖީ އަބްދުލް އަލީމް ވިދާޅުވީ ޕީޕީއެމަށް މައްސަލާގައި ހާޒިރުވާން އެއްވެސް ޗިޓެއް ލިބިފައި ނުވާ ކަމަށެވެ. ނަމަވެސް ސޯޝަލް މީޑިއާއިން ޗިޓުގެ ފޮޓޯތަކެއް ފެންނަ ކަމަށް އަލީމް ވިދާޅުވި އެވެ. ޕީޕީއެމްގެ ފަރާތުން ރައީސް މައުމޫނުު ފެކްޝަނުން ދަނީ އެ މައްސަލަ އިސްތިއުނާފު ކުރުމަށް ތައްޔާރު ވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ