ކެރިއަރުގެ ކުރީކޮޅު ހަށިގަނޑަށް ބަދަލު ގެންނަން ބައެއް ޕްރޮޑިއުސަރުން މަޖުބޫރުކުރި: ދިއާ

ފިލްމީ ކެރިއަރުގެ ކުރީކޮޅު އަމިއްލަ ސިފައަށާއި ހަށިގަނޑަށް ބަދަލު ގެންނަން ގިނަ ބަޔަކު އެދުނު ކަމަށް ބޮލީވުޑްގެ ބަތަލާ ދިއާ މިރުޒާ ބުނެފިއެވެ. ފިލްމީ ކެރިއަރުގެ މާޒީގެ ހަނދާންތައް އާކުރަމުން ދިއާ ފާހަގަކުރިގޮތުގައި، އަންހެނުންގެ ސިފަ ރީތި ނޫން ކަމަށް ބުނެ އެކަންކަން ބަދަލުކުރަން ބާރުއަޅަނީ އަބަދުވެސް ފިރިހެނުންނެވެ. ފިލްމީ ދާއިރާގައި ރީތިކަމަށް ކަނޑައަޅާފައިވާ މިންގަނޑުތަކުގެ ސަބަބުން ކުރިމަތިވާ ނުތަނަވަސްކަމުގެ މައްޗަށް އަލިއަޅުވާލަމުން ދިއާ ބުނީ، އޭނާގެ ގުދުރަތީ ރީތިކަން ހުރި ނަމަވެސް، ދާއިރާގެ ނުފޫޒުގަދަ ބައެއް ފިރިހެނުން ވަނީ އޭނާގެ ސިފަ ރީތިކުރުމަށްޓަކައި ކޮސްމެޓިކް ސާޖަރީ ހެދުމަށް ވެސް ތަކުރާރުކޮށް ލަފާދީފައި ކަމަށެވެ. 'ޝީ ދަ ޕީޕަލް'އަށް ދިން އިންޓަވިއުއެއްގައި ދިއާ ބުނި ގޮތުގައި، ތުންފަތަށް އިންޖެކްޝަން ޖަހައިގެން ބޮޑުކުރުމަށް ނުވަތަ ހަށިގަނޑުގެ ބައެއް ގުނަވަންތަކަށް ބަދަލު ގެނައުމަށް އަންހެނަކު ދުވަހަކުވެސް ބާރުއަޅާފައެއް ނުވެއެވެ. ނެޓްފްލިކްސްގެ ފިލްމު "އިއްކާ"ގެ ޕްރޮމޯޝަނަލް ހަފްލާއެއްގައި ދިއާ އެކްޓަރު ސަނީ ޑިއޯލްއާ އެކު--ފޮޓޯ/ފޭސްބުކް މިފަދަ މިންގަނޑުތަކަކީ ހަމައެކަނި ބައެއްގެ އަމިއްލަ ހިޔާލެއް ނޫންކަމަށާއި މިއީ މުޅި ފިލްމީ ދާއިރާ ކޮންޓްރޯލް ކުރާ ފިރިހެނުން އުފައްދާފައިވާ މިންގަނޑުތަކެއްކަން ފިލްމު "ރެހެނާ ހޭ ތެރެ ދިލް މޭ"އިން ބޮޑު މަޝްހޫރުކަމެއް ހޯދި ބަތަލާ ފާހަގަކުރިއެވެ. މިއަދުގެ މުޖުތަމައުގައި ކޮސްމެޓިކް ސާޖަރީއަށް އަންހެނުން ޝައުގުވެރިވާ މިންވަރު އިތުރުވަމުންދާތީ ކަންބޮޑުވާ ކަމަށާއި ދިއާ ގަބޫލުކުރާ ގޮތުގައި މިއީ އަންހެނުންގެ ހިތްތަކުގައި ބިރުވެރިކަން އުފައްދައިގެން ފިރިހެނުން ހިންގާ އަމަލެއްކަމަށް ބަތަލާ ވަނީ ބުނެފައެވެ. މިފަދަ މަޅިތަކުގައި އަންހެނުން ޖެހުމަކީ ބިރުވެރި ކަމެއް ކަމަށާއި، މިކަމުގެ ސަބަބުން އަންހެނުންނަށް ލިބެންޖެހޭ އަސްލު އުފާވެރިކަމާއި އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ނުލިބޭ ކަންވެސް ދިއާ ވަނީ ފާހަގަކޮށްފައެވެ. ފިލްމު "ދީވާނާޕަން"، "ތުމްކޯ ނަ ބޫލް ޕާއޭންގޭ"، "ތުމްސާ ނެހި ދޭކާ: އަ ލަވް ސްޓޯރީ" އަދި "ލަގޭ ރަހޯ މުންނާ ބާއީ" ފަދަ ފިލްމުތަކުން މަގުބޫލުވި 44 އަހަރުގެ ބަތަލާ މިފަހަކަށް އައިސް ބޮޑަށް ފެންނަނީ ސަޕޯޓިންގް ރޯލްތަކުންނެވެ. ދިއާ އެންމެފަހުން ފެނުނު ފިލްމުތަކުގެތެރޭ، ދާދިފަހުން ރިލީޒްކުރި ވައިއާރްއެފްގެ ފިލްމު "އަލްފާ" އަދި ނެޓްފްލިކްސްގެ ފިލްމު "އިއްކާ" ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ