ރައީސް ޔާމީން ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖައްސަވައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކޮވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒް ޖައްސަވައިފިއެވެ.
އިތުބާރު ހުރި މަސްދަރަކުން މިކަން ވަނީ ވީނިއުސްއަށް ކަށަވަރު ކޮށްދެއްވާފައެވެ.
ރައީސް ޔާމީން ކޮވިޑް ވެކްސިން ޖެއްސެވީ އޭޑީކޭ ހޮސްޕިޓަލުން މިރޭ އިރާކޮޅުގެ ވަގުތެއްގައެވެ.
ރައީސް ޔާމީން ވެކްސިން ޖެހުމަށް ވަޑައިގެން އުޅުއްވި އިރު، އޭޑީކޭ ސަރަހައްދުގައި ގިނަ އަދަދަކަށް ފުލުހުން ތިއްބެވެ. އަދި ރައީސް ޔާމީންގެ ބައެއް ސަޕޯޓަރުންވެސް އެ ސަރަހައްދުގައި ތިއްބެވެ.
ރައީސް ޔާމީން ވެކްސިން ޖައްސަވާފަވާއިރު ވެކްސިން ޖެހުމަށް މީގެކުރިން އެމަނިކުފާނު އިންކާރު ކުރެއްވިކަމަށް ކަރެކްޝަނަލް ސަރވިސްއިން ބައެއް މީޑިއާތަކަށް މައުލޫމާތު ދީފައި ވެއެވެ.
އެކަމާ ގުޅޭގޮތުން އެމަނިކުފާނުގެ ގާނޫނީ ޓީމުން ފަހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކޮވިޑް ވެކްސިން ޖެހުމަށް އިންކާރުކުރައްވާފައި ނުވާކަމަށެވެ.
ވެކްސިން ޖެހުމަށް ކަމަށްބުނެ މޯލްޑިވްސް ކަރެކްޝަނަަލް ސަރވިސްއިން މިމަހުގެ 14 ވަނ ދުވަހުގެ ރޭގެ ވަގުތެއްގައި ލޯންޗެއްގައި ރައީސް ޔާމީން މާލެ ގެނައި ނަމަވެސް، ވެކްސިން ޖެހޭގޮތް ނުވެ އެނބުރި މާފުށީ ޖަލަށް ގެންދިޔައީކަމަށާއި، އެކަން އެގޮތަށް ދިމާވީ ވެކްސިން ޖެހުމަށްޓަކައި ހަމަޖައްސަންޖެހޭ އިންތިޒާމުތައް ކަރެކްޝަންސްގެ އިހުމާލުން ހަަމަޖެހިފައިނުވާތީ ކަމަށް ބުނެފައި ވެއެވެ.
ވެކްސިން ނުޖެހި އެނބުރި ދާންޖެހުނީ ރައީސް ޔާމީން ވެކްސިން ޖެހުމަށް އިންކާރު ކުރައްވާފައިވާތީ ކަމަށް ބަޔާންކޮށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ނޫސްތަކަށް މައުލޫމާތު ދީފައިވަނީ ސީދާ އެމަނިކުފާނު ބަދުނާމުކޮށް އަގު ވައްޓާލުމަށްޓަކައި ކަމަށް ދެކޭކަމަށް ގާނޫނީ ޓީމުން ބުނެފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ