މީހެއްގެ ކިބައިން ވާގި އެދުމަކީ ދީނުން ބޭރުވެދާނެ ބޮޑު ފާފައެއް! ދުޢާކޮށްދޭން ބުނުމާ ވާގި އެދުމަކީ ދެކަމެކެވެ.!

މީހަކަށް ބޮޑުކަމެއް ޖެހިގެން އުޅޭނަމަ އަދި ކަމެއް ޙާޞިލުކުރަން ކުރިމަތިލާނަމަ ފުރަތަމަވެސް މިކުރާ ކަމަކީ އެކަމެއް ހިންމަވައި ދެއްވެވުން އެދި ﷲ ތަޢާލާއަށް ދުޢާކުރުމެވެ. އަދި މިފަދަ ޙާލަތުގައި ތިމާއަށްޓަކައި ﷲ ތަޢާލާގެ ޙަޟްރަތަށް ދުޢާކޮށްދޭން ބުނެވިދާނެއެވެ. ބަލިހާލެއްގައި އުޅޭ މީހެއްގެ ފަރާތުންވެސް ބުނެވިދާނެއެވެ. އޭނާއަށް ޝިފާދެއްވެވުން އެދި ﷲ ތަޢާލާގެ ޙަޟްރަތަށް ދުޢާކޮށްދިނުމަށެވެ! 
ނަމަވެސް ނުކުރެވޭނެ ކަމެއް އެބައޮތެވެ. އެއީ އެހެން މީހުންގެ ކިބައިން ވާގިއެދުމެވެ. މިވެނި މީހަކު ދުޢާކޮށްދިފިނަމަ އެކަމެއް ހިންމަވައިދެއްވަވާނެ ކަމަށް ޤަބޫލުކުރުމެވެ. ކިތަންމެ ބޮޑު ޢިލްމުވެރިއަކު ނަމަވެސް ޖެހޭނީ ހަމަ ﷲ ތަޢާލާގެ ޙަޟްރަތުން ވާގިއެދޭށެވެ. އޭނާއަށް އަމިއްލައަށް އެއްވެސް ކަމެއް ކޮށެއް ނުދެވޭނެއެވެ. ވީމާ މިވެނި މީހަކު ދުޢާކޮށްދީފިނަމަ ހިންމަވައި ދެއްވަވާނެ ކަމަށް ޤަބޫލުކޮށްގެން ނުވާނެއެވެ. 
ތިމާގެ ބޭނުންތަކަށް އެދި ދަންނަވަން އެންމެ އަޢުލާކަންބޮޑީ ތިމާއެވެ! އެހެންކަމާއިއެކުވެސް ހެޔޮއެދޭ އެކުވެރިންނާއި ގާތް މީހުންނާއި އަދި ޢާއިލާގެ މީހުންނާއި އަދި ދީނުގެ ޢިލްމުވެރިންނާއި އިމާމުން ގާތު ތިމާއަށްޓަކައި ހެޔޮ ދުޢާއެއް ކޮށްދިނުމަށް އެދުމަކީ މައްސަލައެއް ނޫނެވެ. 
މަރުވެފައިވާ އެއްވެސް މީހެއްގެ ކިބައިން ވާގިއެދުމަކީ ޝިރުކުގެ ޢަމަލެކެވެ. އެއްވެސް މީހަކު މަރުވުމަށް އެހެންމީހަކަށް ކޮށްދެވޭނެ އެއްވެސް ކަމެއް ނޮއޮންނާނެއެވެ. 
- އިސްލާމީ ތިލަފަތުގެ ދަރުސަކުން 
މިމައުޟޫގައި މީހާ ދީނުން ބޭރުވާނެ ކަންކަން ބަޔާންކުރައްވަމުން އައްޝައިޚް އިމްރާން މުޙައްމަދު ޢަލީ ވިދާޅުވެފައިވެއެވެ. 
"އެ މީހަކާ މާތް ﷲ އާ ދެމެދު މެދެވެރިންތަކެއް ލުމުގެ މިޘާލަކީ: މަރުވެފައިވާ މީހުންގެ ކިބައިން ކަންތައްތައް ކޮށްދިނުމަށް އެދި ދުޢާކުރުމާއި ބޮޑެތި ކަންތައްތައް ޖެހުމުން އެބައިމީހުންގެ ގާތުން އެކަންކަން ކޮށްދިނުމަށް އެދުމެވެ. ނުވަތަ މަރުވެފައިވާ މީހުންނަށް ދުޢާކޮށްފައި ﷲ ގެ ޙަޟްރަތުގައި ދުޢާކުރާމީހާ އެދޭ ކަންތައްތައް ދަންނަވާ ދެއްވުމަށް އެދި ބުނުމެވެ. އަދި ﷲ ގެ ޙަޟްރަތުގައި ޝަފާޢަތްތެރިވެ ދިނުމަށާއި މެދުވެރިންތަކެއް ކަމުގައި ވުމަށް، މަރުވެފައިވާ މީހުންގެ ކިބައިން އެދުންވެސް އެކަމުގައި ހިމެނޭނެއެވެ. މިއީ އިސްލާމީ އުންމަތުގައި ވަރަށް ބޮޑަށް ފެތުރިފައިވާ ކަމެކެވެ.
މީހަކު މަރުވުމުން އެމީހެއްގެ މައްޗަށް ކަށުނަމާދުކުރަނީ މަރުވެފައިވާ މީހާއަށްޓަކައި ހެޔޮ ދުޢާކޮށްދިނުމަށެވެ. މަރުވެފައިވާ މީހުންނަކީ ދިރި ތިބީންނަށް އެއްވެސް ފައިދާއެއް ކޮށްދެވޭނެ ބައެއް ނޫނެވެ. މަރުވެފައިވާ މީހެއްގެ ކިބައިން ކަމަކަށް އެދުމަކީ ބޮޑު ޝިރުކެވެ."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ