ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތުދިންކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން ދޫނިދޫ ޖަލުން މާފުށީ ޖަލަށް ބަދަލުކޮށްފިއެެވެ.
ފާރިސް މައުމޫން ދޫނިދޫ ޖަލުން މާފުށީ ޖަލަށް ބަދަލުކޮށްފައިވަނީ މިއަދު ހަވީރު 4:30 ގައެވެ.
ވީނިއުސްއަށް މައުލޫމާތު ދެއްވަމުން ފާރިސް މައުމޫންގެ ގާނޫނީ ވަކީލު އަލްއުސްތާޒު މައުމޫން ހަމީދު ވިދާޅުވީ ފާރިސް މައުމޫން ދޫނިދޫ ޖަލުން މާފުށީ ޖަލަށް މިއަދު ބަދަލުކޮށް އެކަން އަންގާފައިވާކަމަށެވެ.
ނަމަވެސް ފުލުހުންގެ އެ އަމަލަކީ ގާނޫންތަކާއި ޚިލާފު އަމަލެއްކަމަށާ ކުށެއްގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހަކު ކަރެކްޝަނަލް ސާރވިސްއިން ބަލަހައްޓަމުންދާ ކުށްވެރިން ތިބޭ ޖަލަކަށް ބަދަލުނުކުރެވޭނެކަމަށެވެ.
ޖަލުތަކާއި ޕެރޯލްގެ ގާނޫނުގައި ޖަލުތައް ގިންތިކޮށްފައިވާކަމަށާ އަދި އެ ޖަލުތަކުގައި ބޭއްތިއްބޭނީ ކޮންކޮން ބައެއްކަން ބަޔާންކޮށްފައިވާކަމަށެވެ.
މައުމޫން ވިދާޅުވީ ކްރިމިނަލް ކޯޓުން ފާރިސް މައުމޫން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށްކުރި އަމުރުންވެސް އެއީ އަދި ތަހުގީގުކުރަމުންދާ މައްސަލައެއްކަން ސާފުކޮށް އިނގޭކަމަށާ އެހެންކަމުން މާފުށީ ޖަލަށް ފާރިސް މައުމޫން ބަދަލުނުކުރެވޭނެކަނަށް މައުމޫން ވިދާޅުވިއެވެ. މައުމޫން ވިދާޅުވީ ފާރިސް މާފުށި ޖަލަށް ބަދަލުކުރާތީ އެކަން މިއަދު ހެނދުނު ކްރިމިނަލް ކޯޓްގެ އިސް ގާޒީގެ ސަމާލުކަމަށް ގެނެސްފައިވާނެކަމަށާ ނަމަވެސް އެކަމުގައި ކޯޓުން އިންސާފު ގާއިމްކޮށްދީފައިނުވާތީ ކަންބޮޑުވެ ހިތާމަ ކުރާކަމަށެވެ.
މިއަދު ފާރިސް މައުމޫނާއިމެދު އަމަލުކުރަނީ ގާނޫންތަކާއި ޚިލާފަށްކަމަށާ އެހެންކަމުން އެގޮތަށް އަމަލުކުރާ ފަރާތްތަކުން ފަރުދީގޮތުން ކުށުގެ ޒިންމާ ނަގަންޖެހޭނެކަމަށެވެ. އަދި ގާނޫންތަކާއި ޚިލާފަށް ފާރިސް މާފުށީ ޖަލަށް ބަދަލުކުރި ފަރާތްތަކާއި ދެކޮޅަށް މިއަދުވެސް ޕީޖީ ދައުވާ އުފުލަންޖެހޭނެކަމަށް މައުމޫން ހަމީދު ވިދާޅުވިއެވެ.
މައުމޫން ވިދާޅުވީ ޝަރީއަތް ނިމެންދެން ފާރިސް ބަންދުގައި ބަހައްޓަން އަމުރުކޮށްފައިވާއިރު، މިމައްސަލައިގައި ފާރިސްގެ މައްޗަށް ދައުވާ އުފުލޭނެކަންވެސް އަދި ނޭނގޭ ކަމަށާ ދައުވާ އުފުލުމާއިމެދު ގޮތެއް ނުނިމި އޮއްވައި ޕްރޮސެކިއުޓަރ ޖެނެރަލްގެ ފަރާތުންވެސް ފާރިސް ބަންދުގައި ބެހެއްޓުމަށް އެދުމަކީ ވަރަށް ޒިންމާދާރުކަން ކުޑަކޮށް ކޮށްފައިވާ ކަމެއް ކަމަށެވެ.
އަދި ފާރިސްއަށް އިންސާފު ހޯދާދިނުމަށް ކުރަންޖެހޭ ކޮންމެކަމެއް ކުރައްވާނެކަމަށާ އެކަމުގައި ފަހަތަށް ނުޖެހޭނެކަމަށްވެސް މައުމޫން ހަމީދު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރުނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަށް މެމްބަރުންނަށް ނުފޫޒު ފޯރުވައި ރިޝްވަތު ހުށަހެޅިކަމުގެ ތުހުމަތުގައި ފާރިސް ހައްޔަރުކުރީ އަންގާރަ ދުވަހުއެވެ.
އަންގާރަ ދުވަހު 3 ގަޑިއިރު ވަންދެން ފާރިސް ދިރިއުޅޭގެ ބަލާ ފާސްކޮށްފައިވާއިރު، ބުދަ ދުވަހު ވަނީ އެގޭގައި ހަރުކޮށްފައިވާ ސީސީޓީވީ ސިސްޓަމު ފުލުހުން ގެންގޮސްފައެވެ.
ގާނޫންތަކާއި ޚިލާފަށް ފާރިސް މައުމޫން މާފުށީ ޖަލަށް ބަދަލުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ