ގުޅިފައިވާ އިދިކޮޅު ޕާޓީ ތަކުގެ ޕާލިމެންޓްރީ ގުރޫޕްގެ މެންބަރުންގެ ބައްދަލުވުމެއްގެ ރިޔާސަތު ފުރަތަމަ ފަހަރަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ބަލަހައްޓަވައިފި އެވެ.
ރައީސް މައުމޫން ރިޔާސަތުގައި އިންނެވީ މިރޭ ކުނޫޒުގައި ކުރިއަށް ދިޔަ ސިއްރު ބައްދަލުވުމެއްގަ އެވެ.
ރައީސް މައުމޫން ގުޅިފައިވާ ޕާޓީ ތަކުގެ ޕާލިމެންޓްރީ ގުރޫޕްގެ ރިޔާސަތުގައި މިރޭ އިންނަވާފައި މިވަނީ އެމަނިކުފާނުގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން މިއަދު ހައްޔަރުކޮށް، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ހާލުކޮޅު ދެރަވެ އޭޑީކޭގެ އައިސީޔޫގައި އެޑްމިޓް ކޮށްފައިވާ ވަގުތެއްގަ އެވެ.
މިބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފާރިސް މައުމޫން ހުންނެވީ ވަރަށް ހިތްވަރާއެކު ހެޔޮހާލުގައި ކަމަށް ރައީސް މައުމޫން ވިދާޅުވި ކަމަށެވެ. އަދި ހުރިހާ މަޖިލިސް މެންބަރުން ވެސް ސާބިތުކަން މަތީ ތިއްބެވުމަށް ރައީސް މައުމޫން އިލްތިމާސް ކުރެއްވި ކަމަށްވެސް ރޮޒައިނާ ވަނީ ވިދާޅުވެފަ އެވެ.
ގުޅިފައިވާ އިދިކޮޅު ޕާޓީ ތަކުގެ ޕާލިމެންޓްރީ ގުރޫޕްގެ މެންބަރުންނާ ރައީސް މައުމޫން ބައްދަލުކުރައްވަމުން ގެންދަވާއިރު ރައީސް އަބްދުﷲ ޔާމީން ގެންދަވަނީ ޕީޕީއެމްގެ އޮފީހުގައި އެޕާޓީގެ ކައުންސިލް މެންބަރުންނާ ބައްދަލުކުރައްވަމުންނެވެ.
ގުޅިފައިވާ ޕާޓީތަކުންނާއި ޕީޕީއެމުން މުހިއްމު ބައްދަލުވުމެއް ބާއްވަމުން މިގެންދަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅި އަންނަ ހޯމަ ދުވަހުގެ ޖަލްސާއަށް އެމައްސަލަ އެޖެންޑާކޮށްފައި ވަނިކޮށެވެ.
ގުޅިފައިވާ ޕާޓީތަކުގެ ޕީޖީ ގުރޫޕްގެ ބައްދަލުވުމުގެ ރިޔާސަތުގައި މައުމޫން!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ