މަޖިލީހުގެ ރައީސް އަބްދުﷲ މަސީހާ ދެކޮޅަށް ހުށަހަޅާފައި އިތުބާރު ނެތް ކަމުގެ މައްސަލާގައި އިސްދޫ ދާއިރާގެ ޕީޕީއެމްގެ މެންބަރު އަހުމަދު ރަޝީދު ސޮއިކުރެއްވީ ދެ ހެކިންގެ ހާޒިރުގައި ކަމަށް ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.
މުސްތަފާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މެމްބަރު ރަޝީދު އެ ލިސްޓުގައި ސޮއިކުރީ އަމިއްލަ އަތުން ދިރިތިބި ދެ ހެކިންގެ ހާޒިރުގައި ކަމަށާއި އަދި ސޮއިކުރީ ދުއާ ވެސް ކޮށްފައި ކަމަށެވެ. އަދި އެކަމާ ގުޅޭ ވީޑިއޯ ވެސް އެބައޮތް ކަމަށް މުސްތަފާ ވިދާޅުވިއެވެ.
އެ ލިސްޓުގައި އަހުމަދު ރަޝީދުގެ ނަން އޮތް ނަމަވެސް އޭނާ ވަނީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެއްދުމަށް ލިސްޓެއްގައި ސޮއި ނުކުރާ ކަމަށާއި އަދި އެ ލިސްޓްގައި އޭނާގެ ނަމާއި ސޮއި ވަނީ ފޯޖް ކޮށްފައި ކަމަށް ވިދާޅުވެފައެވެ.
"އެއީ ދޮގު ވާހަކަތަކެއް. އަޅުގަނޑު ސޮއި ކުރި ކަމަށް ސޮއި އެވަނީ އޮޅުވާލާފައި" ރަޝީދު ވިދާޅުވިއެވެ.
މެމްބަރު ރަޝީދު މިގޮތަށް ވިދާޅުވެފައިވާއިރު އެ ލިސްޓުގައި ސޮއިކުރަން އިންނަ ފޮޓޯއެއް އިދިކޮޅު ފަރާތްތަކުން ވަނީ މިއަދު އާއްމުކޮށްފައެވެ. އެ ފޮޓޯއިން ފެންނަ ގޮތުގައި މެމްބަރު ރަޝީދު ސޮއިކުރައްވާއިރު ކައިރީގައި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ވެސް އިންނެވިއެވެ. ފާރިސް އަކީ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމުގައި އެންމެ އިސްކޮށް ހުންނެވި މެމްބަރެވެ.
މި މައްސަލަ މަޖިލީހަށް ވެއްދުމަށް 45 މެމްބަރުން ސޮއި ހުށަހަޅާފައިވާއިރު، އޭގެ ތެރޭގައި ޕީޕީއެމްގެ 10 މެމްބަރުން ހިމެނި ވަޑައިގަންނަވައެވެ.
މެމްބަރު ރަޝީދު ސޮއިކުރީ ދެ ހެކިންގެ ހާޒިރުގައި، ވީޑިއޯ ވެސް އެބައޮތް - މުސްތަފާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ