ހުދުމުހުތާރު ވެރިކަމެއްގައި އަދުލު އިންސާފަކީ ލިބޭނެ އެއްޗެއް ނޫން: އަބްދުﷲ

ހުދުމުހުތާރު ލީޑަރެއްގެ ވެރިކަމެއްގައި އަދުލު އިންސާފަކީ ލިބޭނެ އެއްޗެއް ނޫން ކަމަށް ވިދާޅުވެ ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި ކުރީގެ ވަޒީރު އަބްދުﷲ ކަމާލުއްދީން ސަރުކާރަށް ފާޑު ވިދާޅުވެއްޖެ އެވެ.
ގުޅިފައިވާ ޕާޓީ ގއ. ވިލިނގިލީގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އަބްދުﷲ ކަމާލުއްދީން ވިދާޅުވީ ހުދުމުހުތާރު ލީޑަރެއްގެ ވެރިކަމުގައި އަދުލު އިންސާފަކީ ހަތުރެއް ކަމަށެވެ. އެހެންކަމުން އެފަދަ ވެރިކަމެއްގައި އަދުލު އިންސާފަކީ ލިބޭނެ އެއްޗެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ.
އަބްދުﷲގެ ވާހަކަފުޅު ބިނާކުރައްވާފައިވަނީ ސްޕެއިންގެ މަޝްހޫރު ކުރެހުންތެރިޔާ ޕަބްލޯ ޕިކާސޯގެ ކުރެހުމަކުން ހުދުމުހުތާރު ވެރިކަމުގެ ކަންކަން ސިފަކޮށްދީފައިވާ ގޮތުގެ މައްޗަށެވެ. ބޭއިންސާފު ރަމުޒުކޮށްދޭ ޕަބްލޯގެ ކުރެހުމުގައި ސިފަކޮށްދޭ ކަންކަމާއި މިސަރުކާރުގެ އަމަލުތަކާ އެއްގޮތްވާ ކަންތައްތަކެއް ހުރި ކަމަށް ދޭހަވާ ގޮތަށް އަބްދުﷲ ވަނީ ވާހަކަދައްކަވާފަ އެވެ.
އެގޮތުން އަބްދުﷲ ވިދާޅުވީ ޕަބްލޯގެ ކުރެހުމުގައިވާ މަންޒަރަށް ބަލާއިރު ހުރިހާ ބާރެއް އޮންނަނީ އެކެއްގެ އަތުގައި ކަމަށާއި ރާއްޖޭގައިވެސް މިއަދު ހާލަތު އޮތީ އެކެއްގެ އަތުގައި ހުރިހާ ބާރެއް އޮތުމުން ކަންކަންވާނެ ގޮތަށް ކަމަށެވެ.
އަބްދުﷲ ވިދާޅުވީ އަދުލު އިންސާފު ގެއްލި އަނިޔާވެރިކަން އާންމުވި ނަމަވެސް ހައްގުތައް ހޯދުމަށް ދިވެހިން ކުރާ މަސައްކަތް ހުއްޓާލައިގެން ނުވާނެ ކަމަށެވެ. އަދި އެމަސައްކަތުގައި އަތުކުރި އޮޅާލައިގެން ކުރިއަށް ދިއުމަށް އަބްދުﷲ ވަނީ ހިތްވަރު ދެއްވާފަ އެވެ.
އަބްދުﷲ ވިދާޅުވީ ރާއްޖޭގައި ތިއްބެވި ސިޔާސީ ލީޑަރުންގެ ތެރޭގައި ކޮންމެވެސް ކަހަލަ އަނިޔާއެއް ތަހައްމަލް ކުރަން ޖެހިވަޑައިނުގަންނަވާ ބޭފުޅަކު މިއަދު ނެތް ކަމަށެވެ. އެހެންނަމަވެސް ގައުމުގައި އަދުލު އިންސާފު ގާއިމުކޮށް ރައްޔިތުންނަށް ހަމަޖެހޭ ދިރިއުޅުމެއް ހޯދައިދޭން ކުރާ މަސައްކަތުގައި ލީޑަރުން ފަހަތަށް ޖެހިވަޑައިނުގަންނަވާ ކަމަށްވެސް ވިދާޅުވި އެވެ.
އަބްދުﷲ އިތުރަށް ވިދާޅުވީ އިސްލާހަށް އެދިގެން ދިވެހި ރައްޔިތުން ފަށާފައިވާ މަސައްކަތް ކާމިޔާބުވާނެ ކަމަށާއި މަސައްކަތް ހުއްޓާލާނީ ކާމިޔާބު ލިބުމުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ