ވަކީލުން ސަސްޕެންޑްކުރި މައްސަލައިގައި އިންޑިއާގެ ސުޕްރީމް ކޯޓްގެ ބާރ އެސޯސިއޭޝަނުން ކަންބޮޑުވުން ފާޅުކޮށްފި

ގިނަ އަދަދެއްގެ ވަކީލުން ސަސްޕެންޑްކުރި މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށް އިންޑިއާގެ ސުޕްރީމް ކޯޓްގެ ބާރ އެސޯސިއޭޝަނުން ދިވެހި ރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދަށް ސިޓީއެއް ފޮނުވައިފި އެވެ.
އިންޑިއާގެ ސުޕްރީމް ކޯޓްގެ ބާރ އެސޯސިއޭޝަންގެ ރައީސް ރުޕިންދަރު ސިންގް ސޫރީ، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައިވާ ގޮތުގައި ތިން ބައިކުޅަ އެއްބައި ވަކީލުން އެއްފަހަރާ ސަސްޕެންޑުކުރުމުން ދޭހަވަނީ ރާއްޖޭގެ ޝަރުއީ ނިޒާމުގައި މައްސަލަ އުޅޭ ކަމެވެ. ދިވެހި ވަކީލުން ހިޔާލު ފާޅުކުރަމުން ދިޔައީ ރާއްޖޭގެ ޝަރުއީ ނިޒާމު ވަރުގަދަ ކުރުމަށް ކަމަށް ބެލެވޭ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.
ސިޓީގައި ބުނެފައި ވަނީ ސުޕްރީމް ކޯޓު ދެމި އޮތުމުގައި ވެސް ވަކީލުންގެ އެއްބާރުލުން މުހިންމު ކަމަށާއި ޝަރުއީ ދާއިރާގެ މިނިވަންކަމާއި މުސްތަގިއްލުކަން ދެމިއޮތުމަށް ވެސް ވަކީލުންގެ މުހިންމުކަން ބޮޑު ކަމަށެވެ. 
ސިޓީގައި ބުނެފައި ވަނީ ނާއުންމީދުވެފައި ތިބި ރައްޔިތުންނާ ކުރިމަތިލަނީ ވަކީލުން ކަމަށާއި އެ ވަކީލުން ތަމްސީލްކުރަނީ އިންސާފަށް ބޭނުންވެފައިވާ ފަރާތްތައް ކަމަށެވެ. ޝަރުއީ ދާއިރާ އިސްލާހުކުރުމަށް އެދި އެ ފަރާތްތަކުން މަސައްކަތްކުރަނީ ވެސް އެހެންވެގެން ކަމަށް އެ ސިޓީގައި ވެއެވެ. ސުޕްރީމް ކޯޓަށް ވަކީލުން ހުށަހަޅާފައި ވަނީ އެ ބޭފުޅުންނަށް ފެންނަ ގޮތުގެ ހިޔާލުތަކެއް ކަމަށާއި އެ ހިޔާލުތައް ބަލައިގަތުމާއި ބަލައިނުގަތުމުގެ އިހްތިޔާރު ސުޕްރީމް ކޯޓަށް ލިބިގެންވާ ކަމަށް ވެސް އެ ސިޓީގައި ފާހަގަކޮށްފައި ވެއެވެ.
އެފަދަ ސިޓީއެއް ފޮނުވުމުން އޭގެ ބަދަލުގައި އިޖުރާއަތްތަކާ ހިލާފަށް ގަބޫލުކުރެވޭ ސަބަބުތަކެއް ނެތި ވަކީލުންނާ މެދު ފިޔަވަޅު އަޅައި ސަސްޕެންޑްކުރުމުން ދެވެނީ ވަރަށް ގޯސް މެސެޖެއް ކަމަށާއި އެއީ ޝަރުއީ ދާއިރާގެ މައިގަނޑު އުސޫލްތައް މުގުރައިލުން ކަމަށް ވެސް ސިޓީގައި ފާހަގަކޮށްފައި ވެއެވެ. އަދި އެކަމާ ދެކޮޅަށް ފިޔަވަޅު ނޭޅިއްޖެ ނަމަ މުޅި ޝަރުއީ ދާއިރާ ފުނޑުފުނޑުވުމުގެ ބިރު އެބަ އޮތް ކަމަށް އެ ސިޓީގައި ވެއެވެ.
ޝަރުއީ ދާއިރާގައި މަސައްކަތްކުރާ ވަކީލުންގެ ތިން ބައިކުޅަ ދެ ބައި ވަކީލުންގެ އިތުބާރު އެ ދާއިރާ އަށް ނެތުމުން ވެސް އިންޑިއާގެ ސުޕްރީމް ކޯޓުގެ ބާ އެސޯސިއޭޝަނުން ކަންބޮޑުވުން ފާޅުކޮށްފައި ވެއެވެ. އެހެންކަމުން އެކަންކަން އިސްލާހުކުރުމަށް ވެސް ގޮވާލާފައި ވެއެވެ. އަދި މިއީ އުއްތަމަ ފަނޑިޔާރު އިސްނަންގަވައި ފިޔަވަޅު އަޅުއްވަންވީ ވަގުތު ކަމަށާއި އެމަނިކުފާނު މިދަނޑިވަޅުގައި ކުރައްވާ މަސައްކަތް ތާރީހުގައި ލިޔެވިގެންދާނެ ކަމަށް ވެސް އެ ސިޓީގައި ވެއެވެ.
ސަސްޕެންޑްކުރި ވަކީލުންގެ ތެރޭގައި ފުންނާބު އުސް ވަކީލުންނާއި ސިޔާސީ ފަރާތްތައް ތަމްސީލްކުރާ ފަރާތްތައް ހިމެނޭ ކަމަށާއި ވަކީލުން ސަސްޕެންޑްކުރުމުން އެ މައްސަލަތައް ހުއްޓިގެންދާނެތީ ވެސް ރުޕިންދަރުގެ ސިޓީގައި ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. 
އިންޑިއާގެ ސުޕްރީމް ކޯޓުގެ ބާ އެސޯސިއޭޝަނަކީ 21 މެންބަރުންގެ މައްޗަށް އެކުލެވޭ ޖަމާއަތެކެވެ. 
 
ކޮސް ވެއްޖެ
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ