ފަރުވާ ނުނިމެނީސް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މާލެ ގެންނަން އުޅުމަކީ ކަނޑައެޅިގެން ގާސިމްގެ ބޭސްފަރުވާއަށް ހުރަސްއެޅުން ކަމަށް ޖުމްހޫރީ ޕާޓީގެ ނާއިބް ލީޑަރު އަމީން އިބްރާހިމް ވިދާޅުވެއްޖެއެވެ.
އަމީން މިހެން ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ބޭސްފަރުވާގެ މުއްދަތު އިތުރުކޮށްދެވެން ނެތް ކަމަށާއި ރާއްޖެ ވަޑައިގަތުމަށް ކަރެކްޝަނުން އަންގާފައިވާ ކަމަށް މީޑިއާތަކުގައި ޚަބަރުފެތުރެމުންދާތީ، އެކަމާއި ކަންބޮޑުވުން ފާޅު ކުރައްވާ ކުރެއްވި ޓްވީޓެއްގައެވެ.
އަމީން ވިދާޅުވީ ގާސިމްގެ ބޭސްފަރުވާއަށް އެމަނިކުފާނު ބައްލަވާ ޑޮކްޓަރު ކަނޑައެޅުއްވި މުއްދަތު ނުދެއްވާ، ގާސިމަށް މަޖުބޫރު ފަރުވާ ނުނިމެނީސް އެމަނިކުފާނު މާލެ ގެނައުމަށް ސަރުކާރުން މަސައްކަތްކުރުމަކީ ކަނޑައެޅިގެން ގާސިމްގެ ބޭސްފަރުވާއަށް ހުރަސްއެޅުން ކަމަށެވެ.
އަމީން ވަނީ ގާސިމް އިބްރާހިމަށްވެސް އަދި ހައްޔަރުކޮށްފައިވާ އެހެން މީހުންނަށްވެސް ބޭސްފަރުވާގެ ފުރުސަތު ލިބުމަކީ ހައްގެއް ކަމުގައި ވިދާޅުވެފައެވެ.
އަދި އެ ފުރުސަތު ދިނުމަކީ ދައުލަތުގެ މައްޗަށް އޮތް ޒިންމާއެއް ކަމަށްވެސް އަމީން ވިދާޅުވިއެވެ.
ސިންގަޕޫރުގައި މިހާރު ގާސިމް ބައްލަވަމުން ގެންދަވާ ސިންގަޕޫރުގެ ހާޓް ސްޓްރޯކް އެންޑް ކެންސާ ސެންޓަރުގެ ޑޮކްޓަރު މައިކަލް ލިމް ޗުން ލެންގް، ގާސިމްގެ ބޭސް ފަރުވާއަށް އިތުރު ތިން މަސް ބޭނުންވާކަން ލިޔުމުން އާއިލާއަށް އެންގުމުން އާއިލާ އިން އެމައުލޫމާތު މޯލްޑިވްސް ކަރެކްޝަނަށް ސާވިސްއާއި ވަނީ ހިއްސާކޮށްފައެވެ.
އެ މުއައްސަސާއިން ވަނީ ދެ ފަހަރެއްގެ މަތިން ގާސިމްގެ ބޭސްފަރުވާއަށް 20 ދުވަހުގެ މުއްދަތެއް ދީފައެވެ.
ގާސިމް އިބްރާހީމްގެ ހިތްޕުޅުގައި ހުރި ތިން ބްލޮކް ނައްތާލުމަށް އޮޕަރޭޝަނެއް ކޮށްފައިވާއިރު، ވައިގެ މަގުން އަވަހަކަށް ދަތުރުނުކުރެއްވޭނެ ކަމަށް ގާސިމް ބައްލަވާ ޑޮކްޓަރުން ވަނީ ވިދާޅުވެފައެވެ.
އެކަމާއި ގުޅިގެން އާއިލާއިން ވަނީ އިތުރު ލިޔުންތައް ހޯދުމަށްފަހު ކަރެކްޝަނަށް ހުށައަޅާ އެކަށީގެންވާ މުއްދަތެއް ބޭސްފަރުވާ ކުރެއްވުމަށް ގާސިމަށް ދިނުމަށް އެދިވަޑައިގެންފައެވެ.
ފަރުވާ ނުނިމެނީސް ގާސިމް މާލެ ގެންނަން އުޅުމަކީ ފަރުވާއަށް ހުރަސްއެޅުން: އަމީން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ