ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފްގެ މުހައްމަދުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ބާތިލްކުރަން އޭނާގެ ފަރާތުން ހުށަހެޅި މައްސަލަ ބަލައިގަތުމަށް ސުޕްރީމް ކޯޓުން ނިންމައިފި އެވެ.
ކުރިން ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި ހުންނެވި ލަތީފްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމީ އޭނާ ޕީޕީއެމުން ވަކިވެ ވަޑައިގަތުމުންނެވެ. އޭނާއާ އެކު އިތުރު ތިން މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް ވެސް އެ ކޮމިޝަނުން ނިންމައި، ބައި އިލެކްޝަން ބާއްވަން އޮތީ ނިންމައިފަ އެވެ.
އެ ނިންމުން ބާތިލްކުރަން ލަތީފްގެ ފަރާތުން ހުށަހެޅި އެ މައްސަލަ ބަލައިގަތުމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމައި، އެކަން މިހާރު ވަނީ އަންގައިފަ އެވެ. ސުޕްރީމް ކޯޓުގެ ގަވާއިދު ބުނާގޮތުން އެ ކޯޓަށް ހުށަހެޅޭ މައްސަލަތަކަށް ހުއްދަ ދޭނީ ފަނޑިޔާރުންގެ މަޖިލީހުންނެވެ.
ގާނޫނު އަސާސީ ބުނާގޮތުން މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމާ މެދު ސުވާލު އުފެދިއްޖެ ނަމަ އެކަމުގައި ގޮތެއް ނިންމާނީ ސުޕްރީމް ކޯޓުންނެވެ.
ލަތީފްގެ ގޮނޑި ގެއްލިފައިވާ ކަމަށް ކޮމިޝަނުން ނިންމީ މަޖިލީހުގެ މެމްބަރުން އިންތިޚާބުވާ ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ ނުވަތަ ޕާޓީ ބަދަލުކޮށްފި ނަމަ މެމްބަރުކަން ގެއްލޭ ގޮތަށް ސުޕްރީމް ކޯޓުން ކުރި ހުކުމާ ގުޅިގެންނެވެ. އެކަމަކު ލަތީފްގެ ޕާޓީން ވަކިވެ ވަޑައިގަތީ އެ ހުކުމުގެ ކުރިންނެވެ.
އެ ހުކުމަށް ފަހު ސުޕްރީމް ކޯޓުން ނެރުނު އަމުރެއްގައިވާ ގޮތުން އެ ހުކުމުގެ ކުރިން ހިނގައި، ނިމިފައިވާ ކަންކަމުގެ މައްޗަށް އެ ހުކުމުގެ އުސޫލެއް ނުހިނގާނެ އެވެ.
ލަތީފްގެ މެމްބަރުކަމުގެ ގޮނޑީގެ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ