ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަކީ ރައްޔިތުން އިންތިހާބުކުރާ ބަޔަކަށް ހަދަންޖެހޭ - ފައްޔާޒު

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަކީ ސީދާ ރައްޔިތުން އިންތިހާބު ކުރާ ފަނޑިޔާރުން ތިއްބަވާ ތަނަކަށް ހަދަން ޖެހޭ ކަމަށް ގަމު ދާއިރާގެ މެންބަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
ފައްޔާޒު މިހެން ވިދާޅުވެފައިމިވަނީ ދިވެހިރާއްޖޭގެ 54 ޤާނޫނީ ވަކީލަކު ޝަރުޢީ ކޯޓުތަކުގައި ވަކާލާތު ކުރުން ވަގުތީ ގޮތުން މަނާކުރުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ނިންމާފައިވާ ދަނޑިވަޅެއްގައެވެ.
ސަސްޕެންޑް ކޮށްފައި ވަނީ ދާދިފަހުން ސުޕްރީމް ކޯޓަށް ޤާނޫނީ ވަކީލުންތަކެއް ހުށަހެޅި ޕެޓިޝަނުގައި ސޮއި ކުރި ވަކީލުންނެވެ.
އެކަމާ ގުޅިގެން ފައްޔާޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ ގާނޫނު އަސާސީ އާއި ޑިމޮކްރެސީ ފުޑުފުޑުކޮށްލާ ރައްޔިތުންނަށް ދެމުންދާ އަނިޔާގެ އެންމެ ބޮޑު ޒިންމާއެއް އެޅޭނީ ސުޕްރީމް ކޯޓުގެ ކުރީގެ އަދި މިހާރު ފަނޑިޔާރުންގެ ބޮލުގައި ކަމަށެވެ.
އަދި އިދިކޮޅު ފަރާތްތަކުން ކުރާ އިސްލާހީ މަސައްކަތް ނިމޭއިރު ސުޕްރީމް ކޯޓަކީ ސީދާ ރައްޔިތުން އިންތިހާބު ކުރާ މަގާމްތަކަކަށް ހަދަން ގާނޫން އަސާސީއަށް ބަދަލު ގެންނަން ޖެހޭ ކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ.
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ރޭ ނެރުނު ބަޔާނެއްގައި ވިދާޅުވީ "ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 141 ވަނަ މާއްދާގެ (ނ) އާއި (ރ) އާ ޚިލާފަށް، އަދި ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރާ ޤާނޫނީ ވަކީލުންނާބެހޭ ޤަވާޢިދާއި، އެ ޤަވާޢިދުގެ ޖަދުވަލު 1 ގައިވާ ޤާނޫނީ ވަކީލުންގެ އިޤުރާރާއި، އަދި ކޯޓުގެ ޙުރުމަތް ރައްކާތެރިކުރުމާބެހޭ ޤަވާޢިދާއި، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޤަވާޢިދާ ޚިލާފަށް، އަދި ޤާނޫނުއަސާސީއާ ޚިލާފަށް ދިވެހިރާއްޖޭގެ ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރުގެ މުސްތަޤިއްލުކަމާއި، ފަނޑިޔާރުންގެ މުސްތަޤިއްލުކަމަށް ހުރަސް އެޅޭގޮތަށް ޖަމާޢަތް ހަދައިގެން ޣައިރު ޤާނޫނީ ގޮތެއްގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ދޮށަށް އެއްވެ، ޢަދުލު އިންޞާފުގެ ބާރުގެ މަސައްކަތާއިބެހި، ނުފޫޒު ފޯރުވަން މަސައްކަތްކޮށް ކޯޓުތަކުގެ އިޚްތިޞާޞްތަކާއި ކޯޓުތަކުގެ އިޖުރާއަތުތަކާއި، ކޯޓުތަކުން ނިންމާ ނިންމުންތަކާ ޚިލާފު ޣައިރު ޤާނޫނީ ލިޔުމެއް ލިޔެ، އެ ލިޔުމުގައި ސޮއިކޮށް، ދިވެހިރާއްޖޭގެ ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރަށް ދަތިކޮށް، ކޯޓުތަކުގެ ޙުރުމަތް ކެނޑި މައްސަލަ ބަލައި ތަޙްޤީޤުކުރަމުންދާތީ، ބައެއް ވަކީލުންދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރުން ވަނީ މަނާކުރެވިފައެވެ."
ސަސްޕެންޑް ކުރި ޤާނޫނީ ވަކީލުންގެ ތެރޭގައި މަޝްހޫރު ބައެއް ވަކީލުން ވެސް ހިމެނެއެވެ. އޭގެތެރޭގައި ކުރީގެ ބަންޑާރަނައިބު ހުސްނުއް ސުޢޫދު، މަހްފޫޒް ސައީދު، މޫސާ ސިރާޖު، ރައްޔިތުންގެ މަޖިލީހުގެ މެންބަރު މާރިޔާ އަހްމަދު ދީދީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރު އިމްތިޔާޒް ފަހްމީ، ނާޒިމް އަބްދުއްސައްތާރު އަދި އަނަސް އަބްދުއްސައްތާރު ވެސް ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ