ރައްޔިތުން މަޖިލީހުގެ ހަތަރު މެންބަރެއްގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަން ކޮމިޝަން އިން ކަނޑައެޅި މައްސަލައާ މެދު ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ގޮތްތަކެއް ނިންމާފައިވާ ކަމަށާއި ނަމަވެސް އެ ހުކުމް ނުކުރެވި އޮތީ އުއްތަމަފަނޑިޔާރު އަބްދުﷲ ސައީދުގެ ރައުޔު ނުދެއްވައިގެން ކަމަށް އިދިކޮޅު އެމްޑީޕީގެ ޕީޖީ ގްރޫޕް ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެ އެވެ.
އިދިކޮޅު އިއްތިހާދުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ މަޖިލީސް މެންބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް އިލެކްޝަން ކޮމިޝަނުން ކަނޑައެޅި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާތާ 35 ދުވަސްވެފައިރު އެ މައްސަލާގެ ހުރިހާ ނިންމުންތަކެއް ފަނޑިޔާރުގެ މެދުގައި ނިންމާ ހުކުމް ކުރާ ހިސާބުގައި އޮތް ކަމަށެވެ.
ނަމަވެސް އެކަން ލަސްކުރައްވާ ހުކުމް ނުކޮށް ހުރުމުގެ ޒިންމާ އުއްތަމަފަނޑިޔާރު ނަންގަވަން ޖެހޭނެ ކަމަށް އިބޫ ވިދާޅުވިއެވެ.
"ސުޕްރީމް ކޯޓުގެ ގަވައިދާ އުސޫލުތައް އޮންނަ ގޮތުން ހުކުމް ކުރަން ޖެހެނީ އުއްތަމަފަނޑިޔާރު، ފަނޑިޔާރުންގެ މަޖިލީހަށް ގޮވާލާ ހުކުމް ކިޔުމުގެ މަސްއޫލީއްޔަތު އެޅިފައި ވަނީ އުއްތަމަފަނޑިޔާރުގެ އިސްތަށިފުޅުގައި، ނަމަވެސް މިއަދާ ހަމަޔަށް އައިއިރު ހުކުމަކާ ހިސާބަށް ގޮސްފައެއް ނުވޭ، އޭގެ ޒިންމާ އުއްތަމަފަނޑިޔާރު ނަގާ އެކަން އަވަސްކޮށްދެވާ، މެންބަރުންނަށް މައްސޫލިޔަތުތައް އަދާ ކުރުމަށް ފުރުސަތު ދެއްވަން ޖެހޭ،" އިބޫ ވިދާޅުވި އެވެ.
އިބޫ ވިދާޅުވީ ރާއްޖޭގައި ހިނގާ އެފަދަ ބޮޑެތި މައްސަލަތަކުގެ ތެރެއަށް ސަރުކާރުގެ ސިޔާސީ ނުފޫޒުވަދެފައިވާ ކަމަށެވެ. އަދި އެކަން ކުރުމުގެ ފުރުސަތު ބަންޑާރަ ނައިބު މުހައްމަދު އަނިލް ނަންގަވަމުން އަންނަ ކަމަށާއި ނަމަވެސް އެކަން ހުއްޓާލުމަށް އެދި ވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ. އަދި ކޯޓުތަކަށް މިނިވަންކަމާ އެކު މަސައްކަތް ކުރުމުގެ ފުރުސަތު ދޭން ޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.
މި ނޫސްވެރިނގެ ބައްދަލުވުމުގައި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދު ރިޔާޒް ވިދާޅުވީ ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުންގެ ސެކިއުރިޓީ ކަނޑާލާފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެހެން ނަމަވެސް އެއީ އެ ފަރާތްތަކަށް ގާނޫނީ ގޮތުން ކޮންމެހެން ވެސް ދޭން ޖެހޭ ހިދުމަތެއް ކަމަށް ރިޔާޒް ވިދާޅުވިއެވެ.
އަދި ވެރިމީހާ ބުންޏަސް ގާނޫނު އަސާސީއާއި ގާނޫންތަކާ ދެކޮޅު ނުވުމުގެ ހިތްވަރު ހުންނަންވާނެ ކަމަށް ވެސް ރިޔާޒް ވިދާޅުވިއެވެ. އަދި މަގާމްތަށް ދިފާއު ކުރުމަށް އެހެން މީހުންނަށް އަނިޔާވެރި ނުވުމަށް އޭނާ ގޮވާލެއްވިއެވެ.
އަދާލަތު ޕާޓީގެ މަކުނުދޫ ދާއިރާގެ މެންބަރު އަނާރާ ނައީމް ވިދާޅުވީ ގޮނޑި ގެއްލިއްޖެ ކަމަށް ބުނެ ހައްގުތައް ހިފަހައްޓާފައިވާ ހަތަރު މެންބަރުންގެ ދާއިރާގެ ރައްޔިތުންނަށް އިންސާފު ހޯދައިދީ އެ ރައްޔިތުންގެ އަޑު ކަނޑުވާލާފައި ނުބޭއްވުމަށް ހުކުމް އަވަސް ކުރަން ޖެހޭ ކަމަށެވެ.
ސުޕްރީމް ކޯޓުގެ ހުކުމް އޮތީ ހުއްޓުވާފައި - އިބޫ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ