ވަކީލަކު ހަމަޖައްސައިގެން މާދަމާ ހަވީރު 4:00 ޖަހާއިރު ފުލުސް އޮފީހަށް ހާޒިރުވާން ފަލާހަށް އަންގައިފި

ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހު ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފި އެވެ.
ފުލުހުންގެ އިދާރާއަށް ފަލާހު މިއަދު ހާޒިރުކޮށްފައި މިވަނީ މިމަހުގެ 24 ވަނަ ދުވަހު ރައްޔިތުންގެ މަޖިލިސް އިދާރާ ސަރަހައްދު ފުލުހުން ބަންދުކޮށްފައި ވަނިކޮށް ފުލުހުންގެ ސަފުތައް ފަޅާލާފައިވާ ކަަމަށް ބުނާ މައްސަލާގަ އެވެ.
ފަލާހު ފުލުސް އޮފީހަށް ހާޒިރުކުރީ މިއަދު މެންދުރުފަހު 3:00 އަށެވެ.
ފުލުހަށް ހާޒިރުވުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވާ ފަލާހު ވިދާޅުވީ އޭނާ ފުލުސް އޮފީހަށް ހާޒިރުކޮށް މައްސަލައިގެ މައުލޫމާތު ހިއްސާކުރުމުން ވަކީލަކު ހަމަޖައްސަން ވަގުތު ދިނުމަށް ފުލުހުންނަށް ދެންނެވުމުން މާދަމާ ހަވީރު 4:00 ޖަހާއިރު ވަކީލަކާއި އެކު ފުލުސް އޮފީހަށް ހާޒިރުވާން އެންގި ކަމަށެވެ. ނަމަވެސް މިދުވަސް ވަރަކީ މިނިވަން ދުވަހުގެ ބަންދު ދުވަސްވަރަށް ވާތީ ގިނަ ވަކީލުން މާލޭގައި ނެތުމުން ވަކީލަކު ހަމަޖައްސަން އިތުރު ފުރުސަތު ދިނުމަށް ފުލުހުންނަށް ދެންނެވި ކަމަށާއި އެކަމަކު އެފުރުސަތު ފުލުހުން ނުދެއްވި ކަމަށްވެސް ވިދާޅުވި އެވެ.
ފަލާހު ފުލުސް އޮފީހަށް ހާޒިރުކުރީ ސިޔާސީ ބޭނުމެއްގައި ކަން ސިފަކުރައްވަމުން ފަލާހު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ފުލުސް އޮފީހަށް ހާޒިރުކޮށް ނުކިއްސަރު ގޮތަކަށް ޖަލަށްލާ އުޅެނީ ރައްޔިތުންގެ މަޖިލީހުގައި މިސަރުކާރަށް ލިބިފައި އޮތް މަޖިލީހުގެ އަގުލަބިއްޔަތު ގެއްލުމުން ކަމަށެެވެ.
ފަލާހުގެ އިތުރުން އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހީމް މުހައްމަދު ސޯލިހާއި، ޖޭޕީގެ ނައިބް ލީޑަރު އަދި ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ވެސް މިއަދު ފުލުސް އޮފީހަށް ހާޒިރުކުރުމަށް ވަނީ ނިންމާފަ އެވެ.
އިބޫ އާއި ރިޔާޒު ވެސް ފުލުސް އޮފީހަށް ހާޒިރުކުރަނީ މިމަހުގެ 24 ވަނަ ދުވަހު ރައްޔިތުންގެ މަޖިލިސް އިދާރާ ސަރަހައްދު ފުލުހުން ބަންދުކޮށްފައި ވަނިކޮށް ފުލުހުންގެ ސަފުތައް ފަޅާލާފައިވާ ކަަމަށް ބުނާ މައްސަލާގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ