އެންއައިސީގެ މެމްބަރު ކަމަށް ހަތަރު ބޭފުޅަކު އައްޔަނުކުރައްވައިފި

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ މެމްބަރުންގެ މަގާމަށް ހަތަރު ބޭފުޅަކު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު އައްޔަނުކުރައްވައިފިއެވެ. 
އެ ކޮމިޝަނަށް މިއަދު އައްޔަނުކުރައްވާފައިވަނީ ރައީސް ސޯލިހު އެ މަޤާމަށް ޢައްޔަންކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ފޮނުއްވި ނަންފުޅުތަކުގެ ތެރެއިން މަޖިލީހުން ފާސްކުރެއްވި ހަތަރު ބޭފުޅުންނެވެ. 
މި ގޮތުން ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ މެންބަރުކަމުގެ މަޤާމަށް ޢައްޔަންކުރެއްވި ހަތަރު ބޭފުޅުންނަކީ، ފާދިއްޕޮޅު ނައިފަރު، ނިކަގަސްދަށުގެ އަލްފާޟިލް ޤާސިމް ޢަބްދުލްކަރީމާއި، މާފަންނު ޕިސްތާގެ އަލްފާޟިލާ އާމިނަތު ޝާދިޔާއާއި، ގަލޮޅު ދޫރެސްވިލާ އަލްއުސްތާޛާ ޢާޝިޔަތު ޝިއުނާއާއި، ދަފްތަރު. ނަންބަރު ރސ 1188 އަލްއުސްތާޛު ޝުޢައިބު ޢަބްދުއްރަޙްމާނެވެ.
މި ބޭފުޅުންގެ ތެރޭގައި ހިމެނޭ ޤާސިމް އަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިނގައިދިޔަ މޯލްޑިވްސް މަރކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ހިޔާނާތް ފަޅާ އަރުވާލި ފަރާތެވެ.
މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ މެންބަރުކަމަށް ޢައްޔަންކުރެއްވި ކަމުގެ ލިޔުން، ރައީސް އެބޭފުޅުންނާ ޙަވާލުކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ