ދަނޑުވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެގްރޯނެޓާއި އެސްޑީއެފްސީން މަޝްވަރާކޮށްފި

ދަނޑުވެރިންނަށް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމާއި ގޫޅޭ ގޮތުން އެސްއެމްއީ ޑިވެލޮޕްމެން ފައިނޭންސް ކޯޕަރޭޝަން، އެސްޑީއެފްސީއާއެކު އެގްރޯނެޓް ކޯޕަރޭޝަނުން މަޝްވަރާކޮށްފިއެވެ.
އެގްރޯނެޓްއިން އެސްޑީއެފްސީއާއެކު ބޭއްވި ބައްދަލުވުމުގައި، ދަނޑުވެރިންނަށް ލުއިފަސޭހަ ގޮތެއްގައި މާލީ އެހީތެރިކަން ލިބޭނެ އިންތިޒާމު ހަމަޖެއްސުމާ ގުޅޭގޮތުން މަޝްވަރާ ކުރެވުނެވެ. އެގޮތުން އެ ކުންފުންޏާއެކު މިހާރު ކޮންޓްރެކްޓް ފާމިންގ މަސައްކަތް ކުރަމުންދާ ދަނޑުވެރިންނަށް މާލީ ދަތިތަކެއް ހުރުމުން އެކަމުގައި ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމަށް އިންތިޒާމުތައް ހަމަޖެއްސުމަށް މަޝްވަރާ ކުރެވުނެވެ.
އެގްރޯނެޓް ކޯޕަރޭޝަން އިން ބުނީ، އާންމު އުސޫލުން ކޮމާޝަލް ބޭންކަކުން ލޯނު ނަގާ ކަމަށްވާނަމަ އިންޓްރެސްޓް ރޭޓުތަކާއި، މުދާ ރަހުނުކުރުން ފަދަ ކަންކަން ހިމެނޭއިރު، ރަށްރަށުގައި ދަނޑުވެރިންނަށް އެއީ އެހާ ފަސޭހަ ގޮތަކަށް ނުވެދާނެ ކަމަށެވެ. އެހެން ކަމުން މިފަދަ މަޝްވަރާތަކާއެކު ދަނޑުވެރިންނަށް މާލީ އެހީތެރިކަން ހޯދުމާއި ލުއިގޮތްތަކެއް ފޯރުކޮށްދިނުމަށް ކުންފުނިން މަަސައްކަތް ކުރަމުންދާކަން އެކުންފުން ފާހަގަކުރެއެވެ.
މިބައްދަލުވުމުގައި އެގްރޯނެޓްގެ ޗެއާމަން އާއި މެނޭޖިންގ ޑިރެކްޓަރ އަދި ކުންފުނީގެ އިސްވެރިންގެ އިތުރުން، އެސްޑީއެފްސީގެ މެނޭޖިންގ ޑައިރެކްޓަރ އަދި އެކުންފުނީގެ ވެރިން ވަނީ ބައިވެރިވެފައެވެ.
މިވަގުތު އެގްރޯނެޓް ކޯޕަރޭޝަންއިން ކޮންޓްރެކްޓް ފާމިންގ މަޝްރޫއު ކުރިއަށް ގެންދަނީ ލ. އަތޮޅުގައެވެ. އެގްރޯނެޓްއާއެކު ކޮންޓްރެކްޓް ފާމިންގ މަޝްރޫއުގައި ބައިވެރިވާ ދަނޑުވެރިން އުފައްދާ ތަކެތި މާކެޓު ކުރުމާއި އަދި ދަނޑުވެރިންނަށް ތަމްރީނު ދިނުމާއި ދިމާވާ އެކި ގޮންޖެހުންތަކުގައި އެކުންފުނިން އެހީތެރިވެދޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ