ބަދަލު ހިފުމަށް އަބަދު މަސައްކަތް ކުރުމަކީ ވަރަށް ނާތަހުޒީބު އަމަލެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ. ޝަރީފް މިހެން ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން އެމަނިކުފާނު ނެރުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.
މިއަދު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ޝަރީފްގެ ނަން އިއްވައި ވަނީ ތަޅުމުން ނެރެފައެވެ.
މިއީ މިއަދުގެ ޖަލްސާ ފެށުނު ވަގުތު ފުލުހުންގެ ގާނޫނަށް ގެންނަން ނިންމާފައިވާ އިސްލާހުތަކާއި މެދު މެމްބަރު ޝަރީފް ހިތްހަމަ ނުޖެހި އަޑުގަދަ ކުރައްވަން ފެއްޓެވުމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނިންމެވި ނިންމެވުމެކެވެ.
މެމްބަރު ޝަރީފް ތަޅުމުން ނެރެފައިވަނީ އެއްވެސް މަސައްކަތެއް ފެށުމުގެވެސް ކުރިންނެވެ. މަޖިލީހުގެ ރައީސްއަށް ވާހަކަދައްކަވަން އުދަގޫވުމުން ތިންފަހަރު ނަން އިއްވުމަށްފަހު ޝަރީފް މަޖިލީހުގެ ތަޅުމުން ނެރުމަށް ސާރޖެންޓް އެޓް އާރމްސް އަށް މަޖިލީހުގެ ރައީސް ނަޝީދު ވަނީ އަންގަވާފައެވެ.
މިކަމާ ގުޅިގެން ޓްވީޓް ކުރައްވަމުން މެމްބަރު ޝަރީފް ވިދާޅުވީ، މަޖިލީހުގެ ތެރޭގައި ހަމަނުޖެހުން އުފެދުނީ ކޮމިޝަންޑް އޮފިސަރުން ގާނޫނުގެ ޒަރީޔާއިން ވަކި ކުރާ ގޮތަށް ދިވެހި ފުލުހުންގެ ބިލަށް ހުށަހަޅަން އުޅޭ އިސްލާހަށް ތާއީދު ނުކުރާނެކަމަށް ބުނުމުން ކަމަށެވެ. ޝަރީފް ތުހުމަތުކުރައްވާ ގޮތުގައި މިއީ ފުލުހުންގެ މުއައްސަސާ ސިޔާސީ ކޮށް ބަދަލު ހިފުމުގެ ރޫހުގައި ކުރެވޭ ކަމެކެވެ. އަދި މިއީ ވަކި ބަޔަކަށް އަލުން ވަޒީފާ ދިނުމަށް ގެންނަން ހުށަހަޅާ އިސްލާހެކެވެ.
މެމްބަރު ޝަރީފް އާއި ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް) އާ ދެ ބޭފުޅުން މިކަމާ ގުޅިގެން ޒުވާބު ކުރުމުން ނަން އިއްވައި ބޭރަށް ނެރުނީ އެމަނިކުފާނު އެކަނި ކަމަށް ބުނެ ޝަރީފް ނުރުހުންވެސް ފާޅުކޮށްފައިވެއެވެ.
ޝަރީފް ތަޅުމުން ނެރުމާއި ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ، މިއީ ބަގާވާތާއި ގުޅޭގޮތުން އުފެދުނު ޒުވާބެއް ކަމަށާއި އެ ޒުވާބުގައި ވަރަށްބޮޑަށް ޖޯޝު އުފެދިގެން ދިޔައީ ކަމަށެވެ. އަދި މިފަދަ ވާހަކަތައް ހޫނުވެ މެމްބަރުންގެ މެދުގައި ޒުވާބަކަށް ދިއުމަކީ އެމަނިިކުފާނު ދެކެންބޭނުންވާ މަންޒަރެއް ނޫންކަމަށްވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
އިތުރަށް ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގައި އެއް ފަހަރާ ދެ މެމްބަރެއްގެ ނަން ނުއިއްވޭ ކަމަށެވެ. ފުރަތަމަ މެމްބަރުގެ ނަން އިއްވުމަށްފަހު ހިނދުކޮޅެއް ވީއިރު ދެވަނަ މެމްބަރު ފެންނަން ނެތްކަމަށްވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
ބަދަލު ހިފުމަށް އަބަދު މަސައްކަތް ކުރުމަކީ ނާތަހުޒީބު އަމަލެއް: މެމްބަރު ޝަރީފް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ