ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަބަބުން އިދިކޮޅު ޕާޓީތަކުގެ ގުޅުމަށް ގެއްލުން ލިބިދާނެ ކަމަށް ވިދާޅުވެފައި ނުވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ބާނީ ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
ގާސިމް އިބްރާހީމް މިހެން ވިދާޅުވެފައި މިވަނީ ރައީސް ނަޝީދުގެ ސަބަބުން ގުޅިފައިވާ ޕާޓީތަކަށް ގެއްލުން ވެދާނެ ކަމަށް ބުނެ ގާސިމް އިބްރާހީމާ ހަވާލާދީ ރާއްޖޭގެ ނޫހަކުން ފެތުރި ހަބަރަކާ ގުޅިގެން އެކަމުގެ ހަގީގަތް ހާމަކުރައްވާ، ކުރައްވާފައިވާ ޓްވީޓެއްގަ އެވެ.
ގާސިމް އިބްރާހީމް ވިދާޅުވީ ރައީސް ނަޝީދުގެ ސަބަބުން ގުޅިފައިވާ ހަތަރު ޕާޓީގެ ގުޅުމަށް ގެއްލުމެއް ލިބިދާނެ ކަމަށް އެމަނިކުފާނުވެސް އަދި ޖުމްހޫރީ ޕާޓީވެސް ބުނެފައި ނުވާނެ ކަމަށެވެ.
ގާސިމް ވިދާޅުވީ އެމަނިކުފާނާ ހަވާލާދީ އެގޮތަށް ދައްކާ ވާހަކަތަކަކީ ބަޔަކު ހަދައިގެންނާއި އުފައްދައިގެން ދައްކާ ބޮޑެތި ދޮގު ވާހަކަތަކެއް ކަމަށެވެ. އެފަދަ ވާހަކަތައް ދައްކަނީ ޕާޓީތަކުގެ އެއްބައިވަންތަކަން ކުރިއަށްދާތީ އެކަން ނެތިކޮށްލުމަށް ހިންގާ ބޮޑު ބޮޑު ޖަރީމާއެއްގެ ގޮތުގައި ކަމަށްވެސް ގާސިމް ވަނީ ސިފަކުރައްވާފަ އެވެ.
ގާސިމް އިބްރާހީމް ކުރައްވާފައިވާ އިތުރު ޓްވީޓެއްގައި ވަނީ ރައީސް އަބްދުﷲ ޔާމީންގެ އަމަލުތަކަށް ވަރަށް ބޮޑަށް ފާޑު ވެސް ވިދާޅުވެފަ އެވެ. އެގޮތުން ގާސިމް އިބްރާހީމް ވަނީ ރައީސް ކަމަށް ކުރިމަތިލައްވާނެ ކަމަށް ރައީސް ޔާމީންގެ ހިތްޕުޅަށް އެރިހާ ބޭފުޅަކާއި، ގައުމާ ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރެއްވި އެތައް މަޖިލިސް މެންބަރަކާއި، ގާނޫނު އަސާސީއާ ގާނޫނުތަކާއި އެއްގޮތްވާ ގޮތަށް ކަންކަން ކުރެއްވި އެތައް ފަނޑިޔާރުންނެއް ތިއްބެވީ އަނިޔާވެރި ހުކުމްތައް ކުރެވި ޖަލުގައި ނޫންތޯއޭ ވިދާޅުވެ ގާސިމް އިބްރާހީމް ވަނީ ސުވާލުވެސް ކުރައްވަވާފަ އެވެ.
ގާސިމް އިބްރާހީމަށް އަމާޒުކޮށް ބައެއް ފަރާތްތަކުން ފާޑުކިޔަމުންދާއިރު ކޮންމެ އިންތިހާބަކާ ދިމާކޮށް ސިޔާސީ ބޭފުޅުން އެންމެ ބޮޑަށް މަސައްކަތް ކުރައްވަނީ ގާސިމް އިބްރާހީމްގެ ތާއީދާއި އިތުބާރު ހޯއްދެވުމަށް ކަން ފާހަގަކުރެވެ އެވެ.
ނަޝީދުގެ ސަބަބުން ޕާޓީތަކުގެ ގުޅުމަށް ގެއްލުން ލިބިދާނެ ކަމަށް ބުނެފައެއް ނުވާނެ: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ