ސިއްހީ މައްސަލަތަކާއި އުމުރުގެ ގޮތުން ސިއްހީ ކުއްލި ނުރައްކަލެއް ކުރިމަތިވެދާނެ ކަމުގެ ބިރު އެބަ އޮތް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިއަދު ކުރިމިނަލް ކޯޓުގެ ޝަރީއަތުގައި ވިދާޅުވެއްޖެ އެވެ. ރައީސް މައުމޫން މިހެން ވިދާޅުވީ އެމަނިކުފާނުގެ މައްޗަށް ކުރާ ޓެރަރިޒަމްގެ އަމަލެއް ހިންގުމުގެ ދައުވާގެ އިބްތިދާއީ ފުރަތަމަ އަޑުއެހުމުގަ އެވެ.
އަޑުއެހުމުގައި ދައުލަތުން އެމަނިކުފާނުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އިއްވުމުން އެ ދައުވާއާ ގުޅިގެން ކުރިއަށް ވަޑައިގަތުމަށް ބޭނުންފުޅު ވަނީ ގާނޫނީ ވަކީލަކާއެކު ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ. އަދި އެކަމަށް ފުރުސަތަށް އެދިވަޑައިގަތުމަށްފަހު އެކަމުގައި މައްސަލަ ބައްލަވާ ގާޒީ އަހުމަދު ހައިލަމް ދެ ދުވަސް ދެއްވުމަށް ނިންމެވުމުން ގާޒީގެ އިޒުނައާއެކު ބަންދާ ގުޅޭ ގޮތުން ރައީސް މައުމޫން ވާހަކަފުޅު ދެއްކެވި އެވެ.
އޭރު ރައީސް މައުމޫން ކޮޅަށް ހުންނަވައިގެން ވާހަކަފުޅު ދައްކަވާތާ އިރުކޮޅެއްވެފައިވާތީ ގާޒީ ހައިލަމް ވަނީ ރައީސް މައުމޫން އިށީދެވަޑައިގެން ވާހަކަފުޅު ދެއްކެވިޔަސް މައްސަލައެއް ނެތް ކަމަށް ވިދާޅުވެފަ އެވެ. އަތުން އިށީދެވަޑައިގަތުމަށް ގާޒީ ހައިލަމް އިޝާރަތްކޮށް ލެއްވުމުން ހިނިފުޅުވެޑުވުމަށްފަހު ރައީސް މައުމޫން ވިދާޅުވީ އެންމެ ރަނގަޅު ކަމަށާއި ވާހަކަފުޅު ދައްކަވާނީ ކޮޅަށް ހުންނަވައިގެން ކަމަށެވެ.
ވާހަކަފުޅު ކުރިއަށް ގެންދަވަމުން ރައީސް މައުމޫން ވިދާޅުވީ، އެމަނިކުފާނު ޖަލު ބަންދުގައި ހުންނަވާތާ މިއަދަށް 83 ދުވަސް ހަމަވެފައިވާއިރު އެގޮތަށް ޖަލުގައި ހުންނަވަން ޖެހުމަކީ މިހާރު އެމަނިކުފާނުގެ އުމުރުފުޅާއި ސިއްހީ މައްސަލަތައް ހުރި ގޮތުން ވަރަށް ނުރައްކާތެރި ކަމެއް ކަމަށާއި ކުއްލި ނުރައްކަލެއް ކުރިމަތިވެދާނެ ކަމުގެ ބިރު އެމަނިކުފާނަށް އެބަ އޮތް ކަމަށެވެ.
އެހެންވެ ބަންދަށް ލުޔެއް ދެއްވުމަކީ ވަރަށް އެދިވަޑައިގަންނަވާ ކަމެއް ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ. ރައީސް މައުމޫން އެދިވަޑައިގަތީ ގޭބަންދަށް ބަދަލުކޮށްދެއްވުމަށެވެ. އެގޮތަށް އެދިވަޑައިގެން ވިދާޅުވީ، އެންމެ ރަނގަޅު ގޮތަކީ އެމަނިކުފާނު ބަންދުން މިނިވަން ކުރުން ކަމަށާއި އެއީ ދައުލަތުން ބުނާފަދަ އެއްވެސް ކުށެއް އެމަނިކުފާނު ކުރައްވާފައިނުވާނެތީ ކަމަށެވެ.
ރައީސް މައުމޫން އެ ކަންބޮޑުވުން ފާޅު ކުރެއްވުމުން ގާޒީ ހައިލަމް ވިދާޅުވީ، ރައީސް މައުމޫންގެ އުމުރުފުޅާއި ސިއްހީ ހާލަތަށް ބެލުމަށްފަހު މިހާރު ވެސް ހާއްސަ ގޮތްތަކާއި އުސޫލުތަކެއް އެމަނިކުފާނަށް ލިބިވަޑައިގަންނަވާނެ ކަމަށާއި ރިމާންޑް ޖަލެއްގައި ބަންދުކުރުމަށް އަމުރު ކޮށްފައިވަނިކޮށް ރައީސް މައުމޫންގެ އެދިވަޑައިގަތުމަށް ކަސްޓޯޑިއަލް ޖަލުގައި ހުންނެވުމުގެ ފުރުސަތު ވެސް ދެއްވާފައިވާނެ ކަމަށެވެ. އެއީ ވެސް އެންމެ ރަނގަޅު ސިއްހީ ފަރުވާއެއް ލިބޭނީ ކަސްޓީޑިއަލް ޖަލުން ކަމަށްވާތީ ކަމަށެވެ. އަދި ޖަލުގައި ބަންދުކުރުމަށް އަމުރު ކުރީ ރައީސް މައުމޫންގެ ސިއްހީ ކަންކަމާއި އެހެންވެސް ކަންކަމުގެ ޒިންމާ ނެންގެވޭނެ ކަމަށް ދައުލަތުން ބުނުމުން ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.
ގާޒީގެ ވާހަކައަށްފަހު ރައީސް މައުމޫން ވިދާޅުވީ، އެމަނިކުފާނާ ދޭތެރޭ ހާއްސަ ގޮތްތަކެއް ގެންގުޅުއްވާ ކަމަށް ގަބޫލުކުރައްވާ ކަމަށާއި އަދި އެކަމަށްޓަކައި މުއައްސަސާތަކަށް ޝުކުރު ވެސް އަދާކުރައްވާ ކަމަށެވެ. ނަމަވެސް އެއީ އެމަނިކުފާނަށް އޮތް ހެލްތް ރިސްކު ކުޑަކޮށްދޭނެ ކަމެއް ނޫން ކަމަށާއި އެކަމުގެ ލިޔުންތައް ކޯޓަށް ހުށަހަޅާނެ ކަމަށެވެ. އަދި ސިއްހީ މައްސަލަތަކުގެ ތަފްސީލާއި ނުރައްކާގެ ތަފްސީލް ވަކީލާއެކު އެހެން އަޑުއެހުމެއްގައި ގާޒީގެ ސަމާލު ކަމަށް ގެންނަވާނެ ކަމަށް ވިދާޅުވެ އެމަނިކުފާނުގެ ވާހަކަފުޅު ނިންމަވާލެއްވި އެވެ.
މަޑު ނޫ ކުލައިގެ ގަމީހަކާއި ގަދަ ނޫ ޓައީ އަޅުއްވައިގެން ހުންނެވި ރައީސް މައުމޫން ކޯޓުގެ ޝަރީއަތުން ނުކުމެވަޑައިގަންނަވަމުން އަޑު އަހަން މަޖިލީހުގެ ތެރޭގައި ތިބި މީހުންނަށް އަތުން އިޝާރަތް ކުރައްވައި ސަލާމް ގޮވާލެއްވި އެވެ. މިއަދުގެ އަޑުއެހުމަށް އެމަނިކުފާނުގެ އާއިލާގެ އެންމެ ގާތް ބޭފުޅުންނަށް ފުރުސަތެއް ނުލިބެ އެވެ. މިއަދުގެ އަޑުއެހުމަށް ވަންނަން ދިނީ 12 ޖާގަ އެވެ. އެއީ މީޑިއާ ހަ ޖާގަ އާއި އާންމުންނަށް ހަ ޖާގަ އެވެ. ޖާގަ ފުލްވެފައިވާތީ ރައީސް މައުމޫންގެ ޝަރީއަތްތަކަށް އާންމުކޮށް ވަޑައިގަންނަވާ އެމަނިކުފާނުގެ ދަރިކަނބަލުން ޔުމްނާ މައުމޫނަށް ވެސް ހުންނަވަންޖެހުނީ ކޯޓުން ބޭރުގަ އެވެ.
ސިއްހީ ކުއްލި ނުރައްކަލެއް އަޅުގަނޑަށް ކުރިމަތިވެދާނެ: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ