ރައްޔިތުންނަށް ކޮށްދޭންޖެހޭ ކަންކަން ކޮށްދިނުމަށް އަދިވެސް ދަރަންޏަށް ފައިސާ ނަގާނަން: ރައީސް ޔާމީން

ރައްޔިތުންނަށް ބޭނުންވާ ހުރިހާ ކަމެއް ފުއްދައިދެއްވާނެ ކަމަށާއި އެކަންކަން ފުއްދައި ދެއްވުމަށް ދައުލަތަށް ލިބޭ އާމްދަނީން ފައިސާ ހަރަދު ކުރެވެން ނެތް ނަމަ ފައިސާ ހޯދެން ހުރި ގޮތަކުން ފައިސާ ހޯދައިގެން ނަމަވެސް އެކަން ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ. ކ. ތުލުސްދޫގެ ބަނދަރު ހުޅުވައިދެއްވުމަށް ފަހު ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، އެމަނިިކުފާނަށް އަމާޒުވާ އެންމެ ބޮޑު އެއް ސުވާލަކީ މި ސަރުކާރުން ނަގާފައިވާ ދަރަންޏާ ގުޅޭ ސުވާލު ކަމަށެވެ. އަދި މިސަރުކާރުން ނަގާފައިވާ ދަރަނި އަދާ ކުރާނީ ކިހިނަކުންތޯ ބައެއް މީހުން ސުވާލު އުފައްދާ ކަމަށެވެ. "ގެއްލޭ ދުވަހަކީ އަނބުރާ ހޯދޭނެ ދުވަހެއް ނޫން. ގެއްލޭ އަހަރަކީ އަޅުގަނޑުމެންނާ ތަރައްގީއާ އަޅުގަނޑުމެންނާ އުންމީދުތަކާ ދުރަށް ފަސްއަހަރު ދާ ކޮންމެ އަހަރެއް. އެހެން ކަމުން އަޅުގަނޑުމެންނަށް ކަންކަން ކުރެވެން އޮތް އިރު ފައިސާ ހޯދައިގެން، އާމްދަނީ ހޯދައިގެން. އާމްދަނީ ހޯދެން އޮތް ގޮތަކަށް ހޯދައިގެން ކަންކަން ކުރަންޖެހޭ،" ރައީސް ޔާމީން ވިދާޅުވިއެވެ. ރައީސް ޔާމީން ވިދާޅުވީ، ތުލުސްދޫގައި 40 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހަދާފައިވާ ބަނދަރެއް މިއަދު ހުޅުވިގެން ދިޔައިރު ދައުލަތުގެ ބަޖެޓުން ނުވަތަ ދައުލަތަށް ލިބޭ އާމްދަނީން އެކަން ނުކުރެވި ދިގުލައިގެން ދިޔުމަކީ އެރަށުގެ ރައްޔިތުން ގަބޫލު ކުރާނެ ކަމެއް ނޫން ކަމަށެވެ. އަދި ތުލުސްދޫ ރައްޔިތުން ފަދައިން އެހެން ރަށްރަށުގެ ރައްޔިތުންވެސް ތަރައްގީ ބޭނުންވާ ކަމަށާއި ކަންކަން އަވަހަށް ހައްލުވެގެން ދާންވެސް ބޭނުންވާ ކަމަށެވެ. އަދި އެކަންކަމަކީ ދައުލަތަށް ލިބޭ އާމްދަނީން ނުވާ ކަމެއް ކަމަށްވަނީ ނަމަ ދަރަންޏަށް ފައިސާ ނަގައިގެންވެސް އެ ކަންކަން ކުރައްވާނެ ކަމަށް ވިދާޅުވިއެވެ. "އަޅުގަނޑުގެ ވިސްނުމަކީ އަދިވެސް އަޅުގަނޑު ދަރަނި އިތުރު ކުރާނަން. އަދިވެސް ދަރަނި އިތުރު ކުރާނަން. ރައްޔިތުންނަށް ބޭނުންވާ ކަންކަން ކޮށްދޭނަން. ރައްޔިތުންނަށް މަދުވެފައި ހުރި ހުރިހާ ކަމެއް އަޅުގަނޑު ކޮށްދޭނަން،" ރައީސް ޔާމީން ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، އެމަނިކުފާނު ކަންކަން ކޮށްދެއްވިކަން ރާއްޖޭގެ އަރި ހުރަހަށް ބަލާއިރު ފެންނަން އޮންނާނެ ކަަމަށާއި ދެންވެސް ރާއްޖެ ތަރައްގީކޮށްދެއްވާނީ އެމަނިކުފާނު ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، އިދިކޮޅުން އެމަނިކުފާނާ މުގާބަލާ ކުރައްވަން ތިއްބެވި ބޭފުޅުންނަށް ދަރަނި ދެއްކޭނެ ގޮތެއް ނޭނގޭ ކަމަށް ބުނުމަކީ ވެރިކަން ކުރުމަށް އެބޭފުޅުންގެ ތަސައްރަފު ނުފުދޭ ކަމަށް އަމިއްލައަށް އިއުތިރާފުވުން ކަމަށެވެ. ރައީސް ޔާމީން ވިދާޅުވީ، އެކެއް ފެބްރުއަރީގައި ދިމާވި ކަންތައްތަކުގެ ސަބަބުން އެމަނިކުފާނު ހަލުވި ސްޕީޑުގައި ކުރައްވަމުން އައި ކަންކަމަށް ހުރަސް އެޅުނު ކަމަށެވެ. ނަމަވެސް "ކަޅުފޮއި މޫސުން ފިލާ އަލިވިލިއްޖެ" ކަމަށް ރައީސް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ