މަޖިލީހުގެ 12 މެންބަރުންގެ ގޮނޑިއާއިމެދު ސުވާލު އުފައްދާ އެ މެންބަރުން މަޖިލީހަށް ވަނުމަށް ހުރަސްއަޅާފައިވާތާ އަހަރު ދުވަސްވެފައިވާއިރު، އެ މެންބަރުންނަށް ގާނޫނީ ވާޖިބު އަދާކުރުމަށް ފުރުސަތު ދެއްވުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ގޮވާލައްވައިފިއެވެ.
އެކަމަށް ގޮވާލާ ގާސިމް އިބްރާހިމް ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ މީގެ އަހަރު ދުވަސްކުރިން، ބާރަ ދާއިރާއެއްގެ މެންބަރުންނަށް މަޖިލީހުގައި ތަމްސީލްވުމުގެ ފުރުސަތު ގެއްލުވާލާފައިވާކަމަށެވެ. އެއީ ދިވެހި ރައްޔިތުންގެ ތެރެއިން 60،000 ރައްޔިތުންގެ އަޑު މަޖިލީހުގައި އިއްވުމަށް އެޅުނު ހުރަހެއްކަމަށާ އެ ހައްގުން ރައްޔިތުން އަހަރު ދުވަސްވަންދެން މަހުރޫމްކޮށްފައިވާކަމަށެވެ.
ގާސިމް އިބްރާހިމް ވިދާޅުވީ މި ފަރާތްތަކުގެ ހައްގުތައް ލިބިދީ، ޑިމޮކްރަސީގައި މިއިން ކޮންމެ ރައްޔިތެއްގެ ހިއްސާ އަދާކުރުމަށް ފުރުސަތު ދިނުމަށް ދައުލަތުގެ ހުރިހާ މުއައްސަސާތަކަށް ގޮވާލައްވާކަމަށެވެ.
މީގެ ކުރިންވެސް ގާސިމް ވަނީ 12 މެންބަރުންގެ ދިފާއުގައި ވާހަކަފުޅު ދައްކަވާފައެވެ.
އަދި އެންޓި ޑިފެކްޝަން ގާނޫނާ ގުޅޭގޮތުން ސުޕްރީމް ކޯޓުން އިއްވި ހުކުމާ ގުޅިގެން، ގޮނޑި ގެއްލިފައިވާ ކަމަށް ބުނާ 12 މެންބަރުންގެ ގޮނޑި ނުގެއްލޭކަން ސާފުވެގެން ހިނގައްޖެ ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
ގާސިމް އިބްރާހީމް ވިދާޅުވީ 12 މެންބަރުންގެ ގޮނޑި ނުގެއްލޭކަން ސާފުވަނީ ޕީޕީއެމުން ވަކިވުމުގެ އިޖުރައާތުތައް އެ މެންބަރުން ހިންގާފައިވަނީ ގާނޫނުގައި ބުނާ ތާރީހު ކަމަށްވާ 13 ޖުލައި 2017ގެ ކުރިން ކަން ސާފުކޮށް އެނގޭތީ ކަމަށެެވެ.
12 މެންބަރުންގެ ގޮނޑިއާއިމެދު ސުވާލު އުފައްދާ، އެ މެންބަރުންނަށް މަޖިލީހުގައި ތަމްސީލްވުމުގެ ފުރުސަތު ނުދެއްވާ، މުސާރައާއި އިނާޔަތްތައް ހިފަހައްޓާފައިވާތާ މިއަދަށް އަހަރު ދުވަސްވަނީވެފައެވެ. އެ މެންބަރުންގެ ގޮނޑި ގެއްލިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނަމަވެސް ބައި އިލެކްޝަންސް ބޭއްވުމަށާއި، އެ މެންބަރުންނަށް ރަސްމީކޮށް އެކަން އެންގުމަށްވެސް އިލެކްޝަންސް ކޮމިޝަން ވަނީ ނުކުޅެދިފައެވެ.
މަޖިލީހުގެ އެ 12 މެންބަރުން ވަނީ އިންސާފު ލިބޭ ދުވަހަކުން ކޮމިޝަންގައި ތިއްބެވި 5 މެންބަރުންނާއި ދެކޮޅަށް ދައުވާކޮށް، އެ މެންބަރުންނަށް ހައްގު އަދަބު ލިބޭނެކަމަށް ވިދާޅުވެފައެވެ.
ބާރަ މެންބަރުންނަށް ފުރުސަތު ދިނުމަށް ގާސިމް އިބްރާހިމް ގޮވާލައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ