އަފްޣާން ހަނގުރާމައިގެ މުހިއްމު ޙާދިސާތަކަށް އަވަސްކަޅިއެއް

ލިޔުނީ: އަހްމަދު ޚަލީލު1979: ރަޝިޔާގެ ފައުޖުތައް އަފްޣާނިސްތާނަށް އަރައިގަތުމަށްފަހު ރަޝިޔާގެ ގޮނޑިކޮއްކޮ ސަރުކާރެއް އަފްޣާނިސްތާނުގައި ޤާއިމްކުރި. އަދި ރަޝިޔާގެ ފައުޖުތަކާ ދެކޮޅަށް ޖިހާދު ކުރި މުޖާހިދުންނަށް އެމެރިކާ، ޕާކިސްތާން، ޗައިނާ، އީރާން އަދި ސަޢޫދީ ޢަރަބިއްޔާއިން އެހީތެރިވެދިން. 1988-1989: މުޖާހިދުންނާ ދެކޮޅަށް ކުރި ހަނގުރާމައިގާ ރަޝިޔާއަށް ބޮޑެތި ގެއްލުންތައް ކުރިމަތިވެ ރަޝިޔާގެ 15000 ސިފައިން މަރުވުމާ ގުޅިގެން ރަޝިޔާ ސިފައިން އަފްޣާނިސްތާނުން ބޭލި. 1992: މުޖާހިދުންގެ ލީޑަރ އަޙްމަދު ޝާހް މަސްޢޫދުގެ ފައުޖުތަކުން ރަޝިޔާގެ ގޮނޑިކޮއްކޮ ސަރުކާރު ވައްޓާލި. އަދި މުޖާހިދުންގެ ތަފާތު ޖަމާޢަތް ތަކުގެ މެދުގައި ވާދަވެރިކަން އުފެދި އަފްޣާނިސްތާނުގައި އަހްލީ ހަނގުރާމައެއް ފެށުނު. 1994: އިސްލާމީ ޢިލްމު ވެރިއެއް ކަމުގައިވާ މުއްލާ ޢުމަރު، އިސްލާމީ ކިޔަވާ ކުދިންގެ ޙަރަކާތެއްކަމުގައިވާ ޠާލިބާން ޙަރަކާތް އުފައްދާ އަފްޣާނިސްތާނުގައި ހިނގާ ހަމަނުޖެހުންތައް ހުއްޓުވުމަށްޓަކައި ހަތިޔާރާއެކު ޙަރަކާތްތެރިވެ ކަންދަހާރާއި ކާބުލް ހިފި. 1996: ޠާލިބާނުން ކާބުލް ހިފުމަށްފަހު، ރަޝިޔާ ސިފައިން އަފްޣާނިސްތާނަށް އަރައިގެން އުޅުނު ދުވަސްވަރު ރަޝިޔާއިން ޢައްޔަނު ކޮށްފައިވާ ވެރިޔާ ނަޖީބުﷲ ދަންޖައްސާ މަރާލި. އަދި ރަޝިޔާއާގެ ފައުޖުތަކާ ދެކޮޅަށް އެމެރިކާއާ އިސްލާމީ ޤައުމުތަކުގެ ތާއީދާއެކު އަފްޣާނިސްތާނުގައި ޖިހާދުކުރި އަލްޤާޢިދާގެ ލީޑަރ އުސާމާ ބިން ލާދިން އަފްޣާންނިސްތާނަށް އެނބުރި ވަޑައިގެންނެވި. 1998: ޓެންޒޭނިޔާއާ ކެންޔާގައި ހުރި އެމެރިކާގެ އެމްބަސީތަކުގައި ބޮންގޮއްވި ކަމުގެ ތުހުމަތު އެމެރިކާއިން އުސާމާ ބިން ލާދިންގެ ބޮލުގައި އަޅުވާ އުސާމާއާ ދެކޮޅަށް އެމެރިކާއިން މިސައިލް ޙަމލާތަކެއްދިން. 1999: އުސާމާ ބިން ލާދިން އެމެރިކާއާ ޙަވާލުކުރުމަށް މަޖުބޫރު ކުރުމުގެ ގޮތުން އދ. އިން އަފްޣާނިސްތާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައްއަޅާ އަފްޣާނިސްތާނުގެ އެސެޓްތައް ހިފެހެއްޓި. 2001: އަފްޣާނިސްތާނުގައި ޠާލިބާނު ސަރުކާރުން އިސްލާމީ ޝަރީޢަތް ޤާއިމްކުރި. މިއަހަރސެޕްޓެމްބަރމަހު ނޮދަން ކޮމާންޑްގެ ވެރިޔާ އަޙްމަދު ޝާހް މަސްޢޫދަށް އަމާޒުކޮށް ޖާނުން ފިދާވުމުގެ ޙަމަލާއެއްދީ ޒަޚަމް ކޮއްލި. އަދި ޒަޚަމްތައް ފަސޭހަނުވެ އޭނާ އަވަހާރަވި. މިއަހަރު ސެޕްޓެމްބަރު މަހު 11 ވަނަދުވަހު އެމެރިކާއަށް ވަރުގަދަ ޓެރަރިސްޓު ޙަމަލާއެއްދިން. އަދި މިއީ އުސާމާ ބިން ލާދިން ރާވާ ހިންގި ޙަމަލާއެއްކަމަށްބުނެ އުސާމާ އެމެރިކާއާ ޙަވާލު ކުރުމަށް ޖޯޖް ބުޝް ޠާލިބާން ސަރުކާރުގެ ކިބައިން އިތުރަށް އެދުނު. ނަމަވެސް އެޙަމަލާ ހިންގުމުގައި އުސާމާ ބައިވެރިވި ކަމުގެ ހެކިދެއްކުމުންނޫނީ އުސާމާ އެމެރިކާއާ ޙަވާލު ނުކުރާނެ ކަމަށްބުނެ ޠާލިބާން ސަރުކާރުން އެމެރިކާގެ އެދުމާ ދެކޮޅުހެދި. މިއަހަރު އޮކްޓޯބަރ މަހު އެމެރިކާއާ އިނގިރޭސިން އަފްޣާނިސްތާނަށް ބޮންއަޅާ އަފްޣާނިސްތާނަށް އަރައިގަނެ އެމެރިކާގެ ގޮނޑިކޮއްކޮ ސަރުކާރެއް އުފައްދާ އެސަރުކާރުގެ ވެރިކަން އެމެރިކާއަށް ވަފާތެރި ޙާމިދު ކަރުޒާއީއާ ޙަވާލުކުރި. 2002: ބައިނަލް އަޤްވާމީ ޞުލްޙަ ބަލަހައްޓާ ފައުޖެއް ފުރަތަމަ ފަހަރަށް އަފްޣާނިސްތާނަށް އެރި. އަދި މިއަހަރު، އެމެރިކާއިން އަފްޣާނިސްތާނުގައި އުފެއްދި ސަރުކާރުގެ ނާއިބު ރައީސް ޙާޖީ ޢަބްދުލްޤާދިރަށް ކާބުލްގައި ޙަމަލާދީ މަރާލެވުނު. އަދި ކަންދަހާރުގައި ކަރުޒާއީ އަށް އަމާޒުކޮށް ދެވުނު ޙަމަލާއަކުން އޭނާ ސަލާމަތްވި. 2003: އަފްޣާނިސްތާނަށްއަރާތިބި އެމެރިކާސިފައިންނާ ދެކޮޅަށް އަފްޣާނިސްތާނުގެ މުޖާހިދުންގެ ޙަމަލާތައް އިނތިހާއަށް ވަރުގަދަވެފައި ވަނިކޮށް، އަފްޣާނިސްތާނަކީ މިހާރު ރައްކާތެރި ތަނެއް ކަމުގައި އެމެރިކާގެ ދިފާޢީ ވަޒީރު ޑޮނަލްޑް ރަމްސްފެލްޑް އިޢްލާނުކުރި. އަދި ތާކުންތާކުނުޖެހޭ ވާހަކަ މީނާ ދައްކާލެއް ގިނަކަމުން، މިއަހަރު އެންމެ ތާކުންތާކު ނުޖެހޭ ވަހާކަ ދައްކާ މީހަކަށް ދޭ “ފުޓް އިން މައުތު އެވޯރޑް” ބްރިޓެއިންސް ޕްލޭން އިންގްލިޝް ކެމްޕޭންގެ ފަރާތުން ޑޮނަލްޑް ރަމްސްފެލްޑަށް ދިން. ހަމަ މިއަހަރު ނޭޓޯ ސިފައިން އަފްޣާނިސްތާނަށް އަރާ ކާބުލް ކޮންޓްރޯލް ކުރެވޭތޯ މަސައްކަތް ފެށި. 2004: ޠާލިބާން ސަރުކާރުން އަފްޣާނިސްތާނުގައި ޤާއިމް ކުރި އިސްލާމީ ޝަރްޢީ ނިޒާމު އުވާލާ އާ ގާނޫނު އަސާސީއެއް އެކުލަވާލި. އަދި ޠާލިބާން މުޖާހިދުންގެ ޙަމަލާތައް ވަރުގަދަކޮށް އެމެރިކާއާ ހުޅަނގުގެ ފައުޖުތަކާ ދެކޮޅަށް މެދުކެނޑުމެއްނެތި ޙަމަލާތައް ކުރިއަށް ގެންދެވުނު. 2005: އަދި ޠާލިބާނުން ބޮއިކޮޓް ކޮށްފައި ވަނިކޮށް ކުޑަގޮތަކަށް އިންތިޚާބެއް ބާއްވާ އެމެރިކާގެ ފުރިހަމަ ނުފޫޒާއެކު ޙާމިދު ކަރްޒާއީ ރައީސްކަމަށް އިންތިޚާބު ކުރި. 2006: އެމެރިކާއާ ހުޅަނގުގެ ލަޝްކަރުތަކުން ޠާލިބާން މުޖާހިދުންނާ ދެކޮޅަށް ވަރުގަދަ ޙަމލާތަކެއް ފެށި. އެމރިކާއާ ހުޅަނގުގެ ލަޝްކަރުތަކުންދޭ ޙަމަލާތަކުގައި ޝަހީދުވާ ކުށެއްނެތް ޢާއްމު ރައްޔިތުންގެ އަދަދު އިންތިހާއަށް ގިނަވަމުން ދިއުމާއެކު އެރިކާއާ ދެކޮޅަށް އަފްޣާނިސްތާނުގެ އެކި ކަންކޮޅުތަކުގައި ވަރުގަދަ މުޒާހަރަތަކެއް ކުރެވުނު. 2007: ނޭޓޯއާ ކަރުޒާއީއަށް ވަފާތެރި ސިފައިން ގުޅިގެން ޠާލިބާން މުޖާހިދުންނާ ދެކޮޅަށް ވަރުގަދަ ޢަސްކަރީ އޮޕަރޭޝަނެއް ހިންގި. އަދި މިހަނގުރާމައިގާ ޠާލިބާން މުޖާހިދުންގެ އިސް ކޮމާނޑަރ ޝަހީދުވި. 2008: ޠާލިބާން މުޖާހިދުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި ކަންދަހާރުގެ ޖަލެއްގައި ބަންދުކޮށްފައިތިބި މުޖާހިދުންތަކެއް މިނިވަން ކުރެވުނު. އަދި މިއަހަރު ނިމުނުއިރު އެމެރިކާ ސަރުކާރުން އިތުރު 4500 ސިފައިން އަފްޣާނިސްތާނަށް ފޮނުވި. 2009: އެމެރިކާގެ އިލެކްޝަން ބަރަކް އޮބާމާ ކާމިޔާބު ކުރުމަށްފަހު އަފްޣާނިސްތާނާމެދު ޢަމަލުކުރާނެ އާ ގޮތްތަކެއް އެކުލަވާލާނެކަން އިޢްލާންކުރި. މިއަހަރު މުޖާހިދުންގެ ޙަމަލާތައް ބޭރުން އަރާތިބި ފައުޖުތަކާ ދެކޮޅަށް ވަރުގަދަކުރުމުގެ ސަބަބުން އެމެރިކާއާ ހުޅަނގުގެ ގިނަ ޢަދަދެއްގެ ސިފައިން މަރުވެ ބޮޑެތި ގެއްލުންތަކެއް ލިބުނު. މިއަހަރު އަފްޣާނިސްތާނުގައި އާ އިލެކްޝަނެއް ބޭއްވި. މިއަހަރު ޑިސެމްބަރު މަހު އެމެރިކާގެ 30000 ސިފައިން އަފްޣާނިސްތާނަށް ފޮނުވި. އެއާއެކު އަފްޣާނިސްތާނުގައި ތިބޭ އެމެރިކާ ސިފައިންގެ ޢަދަދު އެއްލައްކައަށް އެރި. އަދި 2011 ވަނަ އަހަރު އެމެރިކާ ސިފައިން އަފްޣާނިސްތާނުން ބާލާނެ ކަމުގައި އިޢްލާންކުރި. 2010: ކާބުލްގައި މުޖާހިދުންގެ ޙަމަލާތައް އިތުރަށް ވަރުގަދަ ކުރެވި، ވަކި އިންތިޒާމެއްގެ ދަށުން ސިލްސިލާ ޙަމަލާތައް ކުރިއަށް ގެންދެވުނު. މިއަހަރު އަފްޣާނިސްތާނުގެ މުސްތަޤްބަލާ ބެހޭގޮތުން ލަންޑަންގައި ބައިނަލް އަޤްވާމީ ބައްދަލުވުމެއް ބޭއްވުނު. މިއަހަރު ފެބްރުއަރީގައި ކަރްޒާއީއަށް ވަފާތެރިސިފައިންނާ އެމެރިކާ އަދ ނޭޓޯ ސިފައިން ގުޅިގެން ޠާލިބާން މުޖާހިދުންނާ ދެކޮޅަށް ‘އޮޕަރޭޝަން މުޝްތަރަކް’ގެ ނަމުގައި ހަނގުރާމަ ފެށި.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ