ތަހުގީގުތަކުގެ މައުލޫމާތު އެކިއެކި ފުލުހުން ކައިރިން ރިޔާޒު ހޯދާ: ޕީޖީ

ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލަތަކާ ގުޅޭ ގޮތުން ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު އެކި ރޭންކްތަކުގެ ފުލުހުންނަށް ސޯޝަލް މީޑިއާ މެދުވެރިކޮށް މެސެޖްކޮށްގެން މައުލޫމާތު ހޯދަން މަސައްކަތް ކޮށްފައިވާ ކަމަށް ޕްރޮސިކިއުޓާ ޖަނަރަލްގެ ފަރާތުން މިއަދު ކުރިމިނަލް ކޯޓުގައި ބުނެފި އެވެ.
މިއަދު ރިޔާޒުގެ މައްޗަށް އެންމެ ފަހުން އުފުލި ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ދައުވާގެ ޝަރީއަތް މިއަދު ވަނީ ފަށާފަ އެވެ. މައްސަލާގައި ފުރަތަމަ ބޭއްވި އަޑުއެހުމުގައި ދައުލަތުން ވަނީ ދައުވާ އިއްވާފަ އެވެ.
ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް ރިޔާޒުގެ މައްޗަށް ކުރާ ދައުވާގައި ބުނެފައިވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް އެކި ރޭންކްތަކުގެ ފުލުހުންނާ ތަހުގީގުކުރަމުންދާ މައްސަލަތަކާ ގުޅޭ ގޮތުން ތަކުރާރުކޮށް ސުވާލުކޮށް އެކަންކަމާ ގުޅޭ ގޮތުން ވާހަކަ ދައްކައި މުއާމަލާތްތައް ކޮށްފައިވާ ކަމަށެވެ.
ދައުވާ އިއްވުމުން ރިޔާޒު ވަނީ ދައުވާ ސާފުވެއްޖެ ކަމަށާއި އެ ދައުވާއަށް އިންކާރު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. އަދި ވަކީލަކު ހޯދަން އެކަށީގެންވާ ފުރުސަތު ދެއްވުމަށް އޭނާ އެދިވަޑައިގަތެވެ. އޭނާ މިހާރު ހުންނެވީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުގައި ކަމުން ވަކީލަކު އައްޔަންކޮށް މައްސަލާގެ ލިޔެކިޔުންތައް ހަވާލުކޮށް ތައްޔާރުވުމަށް ފަސޭހަނުވާނެކަން ފާހަގަކުރައްވަމުން އެކަންކަމަށް ޝަރީއަތުން ބަލައިދިނުމަށް އެދިވަޑައިގަތެވެ. ރިޔާޒު އެދިވަޑައިގަތީ 10 ދުވަހެވެ. އެއީ އެކަމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން އެދެވޭނެ އެންމެ ދިގު މުއްދަތެވެ. ނަމަވެސް މައްސަލަ ބައްލަވާ ގާޒީ އަހުމަދު ހައިލަމް ރިޔާޒަށް ދެއްވީ ފަސް ދުވަހެވެ.
ދެން އޮންނަ އަޑުއެހުމެއްގައި ދައުވާއަށް ޖަވާބުދާރީވުމަށް ތައްޔާރުވެގެން ވަޑައިގަތުމަށް ރިޔާޒަށް ގާޒީ އެންގެވި އެވެ.
މި ދައުވާ ރިޔާޒުގެ މައްޗަށް ސާބިތުވެއްޖެނަމަ ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ. ރިޔާޒުގެ މައްޗަށް މީގެ ކުރިން ގާނޫނު ތަންފީޒު ކުރަން ހުރި މުވައްޒަފެއްގެ ވާޖިބަށް ހުރަސްއެޅި ކަމުގެ ދައުވާ އުފުލި އެވެ. އެ ދައުވާ އުފުލީ، ތަހުގީގަށް ރިޔާޒުގެ ފޯނު ހިފެހެއްޓުމުން ޕިން ކޯޑް ދީފައިނުވާތީ އެވެ. ފޯނު ޕިން ކޯޑް ނުދިނުމުން އުފުލި ދައުވާ ރިޔާޒުގެ މައްޗަށް ސާބިތެއް ނުވެ އެވެ.
އިދިކޮޅު 12 މަޖިލިސް މެންބަރުންނާއެކު ވެސް ރިޔާޒުގެ މައްޗަށް ވަނީ ދައުވާއެއް އުފުލާފަ އެވެ. އުފުލާފައިވަނީ، ގާނޫނު ތަންފީޒުކުރަން ހުރި މުވައްޒަފަކަށް ގަސްދުގައި ހުރަސް އެޅިކަމުގެ ދައުވާ އެވެ. އެ ދައުވާ ކޮށްފައިވަނީ، ޖުލައި މަހުގެ 24 ވަނަ ދުވަހު މަޖިލިސް އިދާރާގެ ސަރަހައްދު ބަންދުކޮށްފައި ވަނިކޮށް ފުލުހުންގެ ސަފުތައް ފަޅާލައި މަޖިލީހުގެ ތެރެއަށް އެ މެންބަރުން ވަދެފައިވާ މައްސަލައިގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ