އިބޫ އަށް ވެސް ގައުމު ހަމައަކަށް ނޭޅުވޭނެ - އުމަރު

އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަށް ވެސް ގައުމު ހަމައަކަށް ނޭޅުވޭނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ކުރިއަ އޮތް އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާނެ ކަމަށް އިއުލާން ކުރައްވާފައިވާ އުމަރު ވިދާޅުވީ އަނިޔާވެރިކަން ނިންމާނަން ކަމަށް ވިދާޅުވުން ނޫން އެހެން ވާހަކަފުޅެއް އިބޫގެ ފަރާތުން މިހާތަނަށް އިވިވަޑައިނުގަންނަވާ ކަމަށާއި އަނިޔާވެރިކަން ނިންމުމަކީ އާ ވާހަކައެއް ނޫން ކަމަށެވެ.
ރައްޔިތުންނަށް ހުށަހަޅުއްވަނީ، މީގެ 10 އަހަރު ކުރިން ހުށަހެޅުއްވި ސިޔާސަތުތައް ކަމަށް ވިދާޅުވެ އުމަރު ވިދާޅުވި ގޮތުގައި ރައްޔިތުން އޭނާ ހޮވައިފި ނަމަވެސް، މި ސަރުކާރުގައި ނުހައްގުން ޖަލަށް ލާފައި ތިބި މީހުން ދޫކޮށްލައްވާނެ ކަމަށެވެ.
"ރައްޔިތުން ރައީސް ޔާމީނަށް ދިން ފަސް އަހަރުގެ ދައުރުގައި ހާލަތު ދަށްވި މިންވަރު ސާފު، އެ ހާލަތު ރަނގަޅު ކުރަން ސިޔާސަތެއް އިދިކޮޅު ކެންޑިޑޭޓު މިހާތަނަށް ހުށަހަޅުއްވާފައި ނުވުމުން އެނގެނީ ދެ ބޭފުޅުންނަށް ވެސް މައްސަލަތައް ހައްލު ނުކުރެއްވޭނެ ކަން" އުމަރު ވިދާޅުވިއެވެ.
ރާއްޖޭގެ ޑިމޮކްރަޓިކް މުޅި ހަޔާތް މިއޮތީ ވަރަށް ބޮޑަށް ވިއްސިވިހާލިވެ މުޅިން ޚަރާބުވެފައި ކަމަށާއި ދިވެހިރާއްޖެ މިދަނީ ޚާލިދާ ޒިއާއި، ޝައިޚް ހަސީނާގެ ސިނާރިއޯއާ ދިމާއަށް ކަމަށް އުމަރު ވަނީ މީގެ ކުރިންވެސް ވިދާޅުވެފައެވެ.
އުމަރު ވިދާޅުވި ގޮތުގައި އޭނާ އަދިވެސް ބޭނުންވަނީ މީހުން މެރުން ހުއްޓުވުމާއި މަސްތުވާތަކެތީގެ ވަބާގެ އިތުރުން ކޮރަޕްޝަން ހުއްޓުވައި ގައުމު އަމާންކުރުމެވެ.
މި ސިިޔާސަތުތަކާ އެކު އުމަރު ވަނީ ފާއިތުވެ ދިޔަ ދެ ރިޔާސީ އިންތިޚާބަށް ޕީޕީއެމުން ބޭއްވި ޕްރައިމަރީގައި ވާދަކޮށްފައެވެ. އެކަމަކު ދެ ފަހަރު ވެސް އުމަރު ނާކާމިޔާބުވެވަޑައިގަތީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ