ގައުމަށް ދިމާވެފައި ހުރި ބޮޑެތި މައްސަލަތަކަށް އިދިކޮޅު ފަރާތްތަކުން ދެވޭނެ ހައްލެއް ހުށަހަޅާފައި ނުވާ ކަމަށާއި އިންތިހާބުގައި ވާދަ ކުރައްވާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެކަން އިއުލާން ކުރެއްވި ނަމަވެސް ވޭތުވެ ދިޔަ މަހެއްހާ ދުވަހު އުމަރުގެ ފަރާތުން އެއްވެސް ހަރަކާތެއް ހިންގާފައެއް ނުވެއެވެ. އެހެންވެ ގިނަ ބަޔަކު ތިބީ އުމަރު ފަހަތަށް ޖެހިވަޑައިގެން އިންތިހާބުގައި ވާދަ ނުކުރައްވާނީ ކަމަށެވެ. ނަމަވެސް އުމަރު މިއަދު ވިދާޅުވީ ކުޑަކޮށް މަޑުކޮށްލީ އިދިކޮޅުން ގެނެސްދިން ހައްލުތައް ބެލުމަށް ކަމަށެވެ.
"ބޭނުން ކޮންމެ ގަޑިއެއްގައި ފަހަތަށް ޖެހެވިދާނެ. އިދިކޮޅުން އެއް ކެންޑިޑޭޓަކު ނެރުމުން މިހިރީ ހޯދައިދޭ ހައްލެއް ބަލަން. އެކަމަކު އެ ހައްލުތަކެއް ނުފެނުނު. މާދަމާ އަޅުގަނޑު ފޯމު ނަގާނަން،" އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑެތި މައްސަލަތަކަކީ މަސްތުވާތަކެއްޗާއި، މީހުން މެރުމާއި، ކޮރަޕްޝަނާއި ބިދޭސީންގެ މައްސަލައާއި، ސަރުކާރުން ވިޔަފާރިވެރިއަކަށް ވެގެން އުޅޭ މައްސަލަ ކަމަށެވެ. އަދި އެކަންތައްތަކަށް އަދި އިދިކޮޅުގައި ރަނގަޅު ހައްލުތަކެއް ނެތް ކަމަށް އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ ރަނިންމޭޓު ކަމަށް ބޭފުޅަކު ކަނޑައެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި ފޯމު ހުށަހަޅާއިރު ރަނިންމޭޓަކީ ކޮން ބޭފުޅެއްކަން ހާމަ ކުރައްވާނެ ކަމަށެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އުމަރު ނަސީރުގެ އިތުރުން ދެން ވާދަ ކުރައްވާނެ ކަމަށް ބެލެވެނީ އިދިކޮޅު ކެންޑިޑޭޓު އިބްރާހީމް މުހައްމަދު ސޯލިހާއި ރައީސް އަބްދުﷲ ޔާމީނެވެ.
ބޮޑެތި މައްސަލަތަކަށް އިދިކޮޅުގައި ހައްލެއް ނެތް، އިންތިހާބުގައި ވާދަ ކުރާނަން: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ