މި އަހަރުގެ ރިޔާސީ އިންތިޚާބަށް އިދިކޮޅު ކޯލިޝަނުން ނެރޭ ކެންޑިޑޭޓަކަށް، ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމް ވާނެ ކަމުގެ އުންމީދު އެބައޮތް ކަމަށް އެ ޕާޓީން މިރޭ ބުނެފި އެވެ.
ޖޭޕީ އަށް ބައެއް މީހުން ސޮއިކުރުމަށް މިރޭ ބޭއްވި ހަފުލާއެއްގައި، އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު ޑރ. ހުސެއިން ރަޝީދު ހަސަން އެހެން ވިދާޅުވިއިރު، އިދިކޮޅު ކޯލިޝަންގައި ހިމެނޭ އެންމެ ބޮޑު ޕާޓީ އެމްޑީޕީން ވަނީ އެ ޕާޓީގެ ކެންޑިޑޭޓެއްގެ ގޮތުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ހަމަޖައްސައިފަ އެވެ.
މިދިޔަ ބުދަ ދުވަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި، އެ ޕާޓީގެ ޓިކެޓު ނަޝީދު ކަށަވަރު ކުރުމާ ގުޅިގެން، އެމަނިކުފާނަށް މިއަދު ވަނީ ޓިކެޓު އަރުވައިފަ އެވެ. އަދި އެމްޑީޕީގެ ކެންޑިޑޭޓަކީ ނަޝީދު ކަމަށް އަންގައި އިދިކޮޅު ކޯލިޝަނަށް އެ ނަންފުޅު ހުށަހަޅާނެ ކަމަށް އެ ޕާޓީން މިއަދު ވަނީ ބުނެފަ އެވެ.
ޖުމްހޫރީ ޕާޓީގެ އަސީސީ ގަވައިދު ބުނާގޮތުން، އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކަށް ވާނީ ޕާޓީގެ ލީޑަރެވެ. ނަމަވެސް، މިހާރު ރާއްޖެ އިން ބޭރުން ހިމާޔަތް ހޯއްދަވައިގެން އުޅުއްވާ ނަޝީދާއި ގާސިމަކީ ޖަލު ހުކުމެގައި ތިއްބެވި ދެ ބޭފުޅުންނަށް ވުމުން ރިޔާސީ އިންތިޚާބަށް ކުރިމަތިލެއްވުމަށް ގާނޫނުތައް ހުރަސްއަޅަ އެވެ.
ޖުމްހޫރީ ޕާޓީ އަށް މެމްބަރުން އިތުރު ކުރުމަށް ކުރިއަށް ގެންދާ "ހޭވައްލާ" ހަރަކާތުގެ ތެރެއިން، އެ ޕާޓީއާ އަލަށް ގުޅުނު މެމްބަރުންނާ އެކު، މިރޭ ބޭއްވި ހަފުލާގައި ޖޭޕީގެ ޑެޕިއުޓީ ލީޑަރު ޑރ. ހުސެއިން ވިދާޅުވީ އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓަކަށް ގާސިމް ހަމަޖެއްސި ދާނެ ކަމަށް ގަބޫލް ކުރައްވާ ކަމަށެވެ.
"ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓެއްގެ ގޮތުގައި ޖުމްހޫރީޕާޓީގެ ކެންޑިޑޭޓް ނެރުމަކީ އަދި އެ ކެންޑިޑޭޓަކީ ޕާޓީގެ ލީޑަރު [ގާސިމް] ވުމަކީ އަޅުގަނޑުމެން އެންމެން އެދޭ ކަމެއް. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް އެކަން ކާމިޔާބު ކުރެވިދާނެ"، އިދިކޮޅު ކެންޑިޑޭޓަކު ނެރުމަށް އެކުލަވާލާފައި "އަށާރަ، ނަވާރަ" ކޮމެޓީގައި ވެސް ޖޭޕީ ތަމްސީލް ކުރައްވާ ހުސެއިން ވިދާޅުވި އެވެ.
ޖޭޕީގެ ލީޑަރު ގާސިމް ރައީސް އަބްދުﷲ ޔާމީނާ ސަލާމް ކުރައްވަނީ-- ފޮޓޯ: ރައީސް އޮފީސް
އޭނާ ވިދާޅުވި ގޮތުގައި، ރިޔާސީ އިންތިޚާބުން ގާސިމަށް ފުރުސަތު ނެތަސް ރައީސް އަބްދުﷲ ޔާމީން ބަލިކުރުމަކީ ޖޭޕީގެ އެންމެ ބޮޑު ޒިންމާ އެވެ.
މި އަހަރުގެ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިޚާބުގައި، އިދިކޮޅު ޕާޓީތަކުން ކާމިޔާބު ކުރުމަށްޓަކައި ގަދަ އަޅައި މަސައްކަތް ކުރަން ޖެހޭ ކަމަށާއި ޖޭޕީގެ މެމްބަރުން އެ ޕާޓީގެ ކަންކަމުގައި އަމަލީ ގޮތުން ބައިވެރިވުން ވަރަށް މުހިންމު ކަމަށް ޑރ. ހުސެއިން ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި ކުރާ މަސައްކަތުގައި، ގުޅިފައިވާ ޕާޓީތަކާ އެކު މަސައްކަތް ކުރަން ޖެހޭ ވަގުތުގައި އެއްކޮށް މަސައްކަތް ކުރުން. އަޅުގަނޑުމެން ވަކިން ކުރަން ޖެހޭ މަސައްކަތްތައް ވަކިން މަސައްކަތް ކުރުން. އަދި އަޅުގަނޑުމެންގެ ޕާޓީ އަކީ ވެސް މި ގުޅުމުގެ ތެރޭގައި މުހިންމު، ވަރުގަދަ އެންމެ ބޮޑު ޕާޓީ ކަމުގައި ހެދުމަށް އަޅުގަނޑުމެން އަޒުމް ކަނޑައަޅައި މަސައްކަތް ކުރުމަކީ މި ކަމުގައި އަޅުގަނޑުމެންނަށް ކޮށްދެވޭނެ އެންމެ ބޮޑު މަސައްކަތް،" އޭނާ ވިދާޅުވި އެވެ.
ރިޔާސީ އިންތިޚާބުގެ ޓިކެޓު ހޯއްދެވުމަށްޓަކައި ނަޝީދު މަސައްކަތްޕުޅު ކުރައްވަނީ އިދިކޮޅު ކޯލިޝަނާ ވަކިން، އަމިއްލަފުޅު ގޮތުން ވިދާޅުވެ، ޖުމްހޫރީ ޕާޓީގެ ބައެއް އިސްބޭފުޅުން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.
އިދިކޮޅު ކޯލިޝަނުން ރިޔާސީ އިންތިޚާބަށް އެއް ކެންޑިޑޭޓަކު ނެރުމަށް ނިންމައި އެކަން އިއުލާން ކޮށްފައިވީ ނަމަވެސް އެ ކެންޑިޑޭޓު ކަނޑައެޅުމުގެ މަޝްވަރާތަކުގެ ތަފުސީލެއް މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.
ކޯލިޝަންގެ ކެންޑިޑޭޓަކަށް ގާސިމް ވެދާނެ: ޖޭޕީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ