ކްރިމިނަލް ކޯޓުން ހަނީފްގެ ބަންދަށް 10 ދުވަސް ޖަހައިފި

ހައިކޯޓުގެ ފަނޑިޔާރު ޝުޖާއު އުސްމާން އަވަހާރަކޮށްލަން ރޭވިކަމުގެ ތުހުމަތުގައި އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވް އިބްރާހިމް ހަނީފްގެ ބަންދަށް 10 ދުވަސް ކްރިމިނަލް ކޯޓުން މިއަދު ޖަހައިފިއެވެ.
ފަނޑިޔާރު ސުޖާއުއަށް ހަމަލާދޭން އުޅުނު މައްސަލާގައި މީހަކު ހައްޔަރުކޮށްފައިވާކަން ފުލުހުން ކަށަވަރު ކޮށްދީފައި ވިޔަސް އިތުރު މަޢުލޫމާތެއް ހާމައެއް ނުކުރައްވައެވެ. އެހެންނަމަވެސް އެނގިފައިވާ ގޮތުގައި ހަނީފްގެ މައްޗަށް ފުލުހުން ކުރާ ތުހުމަތަކީ ގްރޫޕެއް ފޮނުވައިގެން ޝުޖާއު އަވަހާރަކޮށްލަން އުޅުނު ކަމުގެ ތުހުމަތެވެ. އޭނާ ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިއުމުގެ ހުއްދަ ކްރިމިނަލް ކޯޓުން ވަނީ ފުލުހުންނަށް ދީފަ އެވެ.
އޮންލައިން ނޫހެއްކަމުގައިވާ "އަވަސް" ނޫހުން ހާމަކުރާ ގޮތުގައި ސުޖާއު އަވަހާރަކޮށްލުމަށް ރާވައި އެކަމުގެ މަޝްވަރާތަކެއް ކުރާއަޑު އިވޭ އޯޑިއޯއެއް އެނޫހަށް ވަނީ ލިބިފައެވެ. އެ އޯޑިއޯގައި ސުޖާއު އުސްމާނު އަވަހަރާކޮށްލައި، އެކަން ކާމިޔާބު ކޮށްފިނަމަ ހަތަރު ލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ދޭނެ ކަމަށް ބުނާއަޑު އިވޭކަމަށާއި އެހެންނަމަވެސް އެ އޯޑިއޯގައި ވާހަކަ ދައްކަނީ ކޮން ބައެއް ކަމެއް ކަށަވަރު ނުވާކަމަށްވެސް ހާމަ ކޮށްފައި ވެއެވެ.
އަދިވެސް އޭގެ އިތުރަށް އެ އޯޑިއޯގައި ސުޖާއު އުސްމާނު އަވަހާރަކޮށްލުމަށް ހަތަރު ލައްކަ ރުފިޔާގެ އިނާމެއް ހުށަހެޅިއިރު އެކަން ހަވާލުކުރާމީހާ އެކަމާއި އެއްބަސްވާ ކަމަށާއި އަދި އެޑްވާންސްއަށް 50 ޕަސެންޓް ފައިސާ ދެއްކުމުން "މިޝަން އޮން" އޭ ބުނާކަމަށްވެސް ހާމަކޮށްފައި ވެއެވެ.
ފަނޑިޔާރު ޝުޖާއު މާލެއަށް ގެނައީ ވެސް އޭނާ އަވަހާރަކޮށްލަން ބަޔަކު ރޭވި މައްސަލައާ ގުޅިގެން ކަމަށްވާއިރު ފަނޑިޔާރު މާލެ ވަޑައިގެންފައި ވަނީވެސް ފުލުހުންގެ ރައްކާތެރިކަމާއި އެކުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ