އަބްދުﷲ އަބްދުއްރަހީމް އަނެއްކާ ވެސް އެހެން ޕާޓީއަކަށް!

މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު އަބްދުﷲ އަބްދުއްރަހީމް ޑީއާރުޕީ ދޫކުރައްވައި އަނެއްކާ ވެސް އެހެން ޕާޓީއަކާ ވަރަށް އަވަހަށް ގުޅިވަޑައިގަންނަވާނެ ކަމަށް އޭނާ މިއަދު ވިދާޅުވެއްޖެ އެވެ.
މިވަގުތު ލަންކާގައި ހުންނެވި އަބްދުﷲ އަބްދުއްރަހީމް ވިދާޅުވީ ޑީއާރުޕީން ވަކިވެވަޑައިގަންނަވާނެ ކަން މޭ 31 ގައި އެ ޕާޓީގެ ލީޑަޝިޕަށް އަންގަވާފައިވާނެ ކަމަށެވެ. އެކަމަކު އަދި ޑީއާރުޕީން ވަކިވެ ވަޑައިނުގަންނަވާ ކަމަށް އަބްދުﷲ އަބްދުއްރަހީމް ވިދާޅުވި އެވެ.
"މި ހަފުތާގައި އަޅުގަނޑު ގޮތެއް ނިންމާންނަން،" އޭނާ ވިދާޅުވި އެވެ.
މިހާރު އަބްދުﷲ އަބްދުއްރަހީމް ހުންނެވި ޑީއާރުޕީން ވަކިވެ ވަޑައިގެން އެހެން ޕާޓީއަކާ ގުޅިވަޑައިގެންފި ނަމަ އެ ވެގެންދާނީ އޭނާ ސޮއިކުރައްވާ ތިން ވަނަ ޕާޓީ އަށެވެ. އަބްދުﷲ އަބްދުއްރަހީމް ސިޔާސީ ދާއިރާ އަށް ނުކުމެ ވަޑައިގަތީ ޑީއާރުޕީންނެވެ. އޭގެ ފަހުން އޭނާ ވަނީ އެމްޑީޕީ އަށް ސޮއިކުރައްވައި 24 ގަޑިއިރު ނުވަނީސް ސޮއި އަނބުރާ ގެންދަވައިފަ އެވެ. އޭގެ ފަހުން ދުވަސްކޮޅަކަށް ފަހު އަނެއްކާ ވެސް އެމްޑީޕީ އަށް ސޮއިކުރެއްވި އެވެ. އަދި ދުވަސްގަނޑެއް ވަންދެން އެމްޑީޕީގައި ހުންނެވުމަށް ފަހު އަލުން އެނބުރި ޑީއާރުޕީ އަށް ސޮއިކުރެއްވީ މިދިޔަ މާޗް 27 ގަ އެވެ.
އެމްޑީޕީން ވަކިވެ ވަޑައިގަތް މައިގަނޑު ސަބަބެއް ކަމަށް އަބްދުﷲ އަބްދުއްރަހީމް ވިދާޅުވެފައި ވަނީ އެ ޕާޓީ ހިންގަން ތިއްބެވި ބޭފުޅުންގެ ފިކުރު އޭނާގެ ފިކުރާ ދިމާނުވާތީ ކަމަށެވެ. އަދި ވިދާޅުވެފައި ވަނީ ޑީއާރުޕީ އަށް އަލުން ސޮއިކުރެއްވީ އެމްޑީޕީ އަށް ރައްޔިތުން ތާއީދުކުރާނެ މިންވަރު މަދުވާނެ ކަމަށް ގަބޫލުކުރެއްވޭތީ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.
އަބްދުﷲ އަބްދުއްރަހީމް މިއަދު "ހަވީރަ"ށް ވިދާޅުވީ ޑީއާރުޕީގެ ވިސްނުމާ ދެކޮޅަށް މަޖިލީހުގެ ތަޅުމުގައި އޭނާ ވާހަކަ ދައްކަވާތީ، ޑީއާރުޕީގެ ފަރާތުން މަޖިލީހުގައި ވާހަކަ ދެއްކެވުމަށް ދެއްވާ ފުރުސަތު ކުޑަކުރުމަށް ޕާޓީން މަސައްކަތް ކުރަމުންދާ ކަމަށެވެ.
"މީޑިއާ ކައުންސިލްގެ ބިލުގެ ކަންތައްތަކުގައި ވެސް އަޅުގަނޑު ވާހަކަ ދެއްކި ގޮތާ މެދު ޑީއާރުޕީން ހިތްހަމައެއް ނުޖެހުނު. އެކަމަކު އަޅުގަނޑު އިންނަ ކޮމެޓީއަކުން ނިންމި ކަމަކާ ދެކޮޅަކަށް އަޅުގަނޑަކަށް ވާހަކައެއް ނުދެއްކޭނެ. އެއީ އަޅުގަނޑުމެން ނިންމާފައި އޮންނަ އުސޫލެއް. އެކަމާ ޑީއާރުޕީން ހިތްހަމަނުޖެހުނަސް އަޅުގަނޑު ކުރާނެ ކަމެއް ނެތް،" އޭނާ ވިދާޅުވި އެވެ.
އަބްދުﷲ އަބްދުއްރަހީމް ޑީއާރުޕީ ދޫކުރައްވައި ދެން ސޮއިކުރައްވާނީ ޖުމްހޫރީ ޕާޓީއަށް ކަމަށް ބެލެވެ އެވެ. އަދި އޭނާ ޑީއާރުޕީން ވަކިވެ ވަޑައިގަންނަވާ ވާހަކަ ދައްކަވާއިރު އަންނަ ހޮނިހިރު ދުވަހު ޖުމްހޫރީ ޕާޓީ އަށް ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުންތަކެއް ސޮއިކުރައްވާނެ ކަމަށް އެ ޕާޓީން ވަނީ ބުނެފަ އެވެ. އެހެން ނަމަވެސް އަބްދުﷲ އަބްދުއްރަހީމް ވިދާޅުވީ "އަދި އަޅުގަނޑެއް ހޮނިހިރު ދުވަހު ޖުމްހޫރީ ޕާޓީއަކަށް ސޮއިނުކުރާނަން" ކަމަށެވެ. އަދި އެ ދުވަހަށް މާލެ ވެސް ވަޑައިނުގެންނެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ