ވެނެޒުއެލާގެ ސްޕްރީމް ކޯޓުން ގާނޫނުހަދާ މަޖިލީޙުގެ ހުރިހާ ބާރުތަކެއް ނިގުޅައިގެންފި

ދެކުނު އެމެރިކާގެ ގައުމެއް ކަމަށްވާ ވެނެޒުއެލާގެ ސްޕްރީމް ކޯޓުން އެގައުމުގެ ގާނޫނުހަދާ މަޖިލީސް، ނޭޝަނަލް އެސެމްބްލީގެ ހުރިހާ ބާރުތަކެއް ނަގައިފިއެވެ.
އިދިކޮޅު ޕާޓީތަކުގެ އަޣުލަބިއްޔަތު އޮންނަ ނޭޝަނަލް އެސެމްބްލީގެ ހުރިހާ ބާރުތައް ނެގުމަށްފަހު، ސްޕްރީމް ކޯޓުންވަނީ ގާނޫނުހަދާ މަޖިލީހުގައި މިހާރު ހިމެނިވަޑައިގަންނަވާ ހުރިހާ މެމްބަރުންނަށް ލިބިދީފައިވާ ހިމާޔަތާއި ރައްކާތެރިކަންވެސް ނިގުޅައިގެންފައެވެ.
ވެނެޒުއެލާގެ ސްޕްރީމް ކޯޓުގެ މިފިޔަވަޅު އޮގަނައިޒޭޝަން އޮފް އެމެރިކަން ސްޓޭޓްސްގެ ސެކްރެޓަރީ ޖެނެރަލް ލުއިޒް އަލްމަގްރޯ ވަގުތުން ވަނީ ވަރަށް ބޮޑަށް ކުށްވެރި ކުރައްވާފައެވެ. އަދި ވިދާޅުވެފައިވަނީ، ސްޕްރީމް ކޯޓުގެ ނިންމުމަކީ ބަޣާވާތެއް ކަމަށެވެ.
ސްޕްރީމް ކޯޓުގެ މިއަމަލުގެ ސަބަބުން ވެނެޒުއެލާގާއި ގާނޫނު ހުކޫމަތު ދެމެހެއްޓުމަށް ހުރަސްއެޅި، ޑިމޮކްރަސީވެސް ނެތިގެން ދިޔައީ ކަމަށް ލުއިޒް އަލްމަގްރޯ ވިދާޅުވިއެވެ.
ވެނެޒުއެލާގެ ނޭޝަނަލް އެސެމްބްލީގެ ރައީސް ޖޫލިއޯ ބޯޖަސްވެސް ވަނީ، މިއީ ސްޕްރީމް ކޯޓުން ގެނައި ބަޣާވާތެއް ކަމަށް ވިދާޅުވެފައެވެ.
ސްޕްރީމް ކޯޓުގެ މިފިޔަވަޅަކީ ވެނެޒުއެލާގެ މިހާރުގެ ރައީސް ނިކޮލަސް މަދޫރޯއާއި އޭނާގެ ބައިވެރިން ވެރިކަމުގައި އަތްގަދަކުރުމަށް ސްޕްރީމް ކޯޓާއި ގުޅިގެން އެޅި ފިޔަވަޅެއް ކަމަށްވެސް ނޭޝަނަލް އެސެމްބްލީގެ ރައީސް ވިދާޅުވިއެވެ.
"ނިކޮލަސް މަދޫރޯވަނީ ވެނެޒުއެލާއަށް ބަޣާވާތެއް ގެނެސްފައި. ވެނެޒުއެލާ ސިފައިން ހަމަހިމޭނުން ތިބެގެން ނުވާނެ. ސަބަބަކީ ގާނޫނުއަސާސީގެ ބާރު މިވަނީ ކަނޑުވާލާފައި" ޕާލަމެންޓް އިމާރާތުގެ ބޭރުގައި ހުންނަވައި ރައީސް ޖޫލިއޯ ބޯޖަސް ވިދާޅުވިއެވެ.
ވެނެޒުއެލާގެ ސްޕްރީމް ކޯޓުގެ ފަނޑިޔާރުންނަކީ ރައީސް މަދޫރޯއަށް ތާއީދުކުރައްވާ ބޭފުޅުންކަމަށް ވެއެވެ. ސްޕްރީމް ކޯޓުން ކުރިން ކަނޑައަޅާފައިވަނީ، ނޭޝަނަލް އެސެމްބްލީގެ އަޣުލަބިއްޔަތު ސްޕްރީމް ކޯޓުގެ ނިންމުންތަކާ ނުރުހޭ ކަމަށެވެ.
"ކޯޓުގެ ދެކެ ނޭޝަނަލް އެސެމްބްލީ ނުރުހޭހާހިނދަކު އެ އެސެމްބްލީގެ ހުރިހާ ބާރުތަކެއް ތަންފީޒުކުރާނީ ސީދާ ސްޕްރީމް ކޯޓުން ނުވަތަ، ގާނޫނީ ހުކޫމަތު ދެމެހެއްޓުމަށް ސްޕްރީމް ކޯޓުން ކަނޑައަޅާ ފަރާތަކުން" ނޭޝަނަލް އެސެމްބްލީގެ ބާރުތައް ނެގުމަށްފަހު ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.
ޚަބަރު ލިބޭގޮތުގައި، ސްޕްރިމް ކޯޓުގެ ނިންމުމާ ގުޅިގެން އެގައުމުގައި މިހާރުވަނީ މުޒާހަރާ އިތުރަށް ހޫނުވާން ފަށާފައެވެ.
ވެނެޒުއެލާއަކީ ދެކުނު އެމެރިކާގެ ވަރުގަދަ ތެލުގެ ބާރެއް ނަމަވެސް، މިހާރުގެ ރައީސް ނިކޮލަސް މަދޫރޯގެ ވެރިކަމުގައި ވެނެޒުއެލާވަނީ އިގްތިސާދީ ބޮޑު އަޑިގަނޑަކަށް ވެއްޓިފައެވެ. އެކަމާ ގުޅިގެން މުޅި ގައުމުން ކާބޯތަކެތި ހުސްވެ، މުޅި ގައުމުގައި މުޒާހަރާތައް ކުރުމާއި، ކުށްކުރުންވަނީ އާންމުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ