ރާއްޖޭގެ ހުރިހާ ރައްޔިތުން، ރައްޔިތުންގެ މަޖިލިސް ކުރާ ގޭގެ ވަށައިގެން ތިބި ނަމަވެސް އަދި ނެތް ނަަމަވެސް މިމަހުގެ 27 ވަނަ ދުވަހުގެ ޖަލްސާ ކުރިއަށް ގެންދާނީ ޤާނޫނާ އެއްގޮތަށް ކަމަށް މަޖިލީހުގެ ނައިބް ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
މަޖިލިސްކުރާ ގޭގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރީކޯ މޫސަ ވިދާޅުވީ އެދުވަހުގެ ޖަލްސާގައި ޤާނޫނާއި އެއްގޮތަށް ނޫން ގޮތަކަށް އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށެވެ. އަދި ޤާނޫނާއި އެއްގޮތަށް ކަންކަން ކުރެއްވުމަށް ހުރަސް އެޅުމަށް އެއްވެސް ބައަކަށް ކުރެވޭނެ އެއްވެސް ކަމެއް ނުއޮންނާނެ ކަމަށާއި އެފަދަ ކަމަކަށް އެއްވެސް ފުރުޞަތެއް ނުދެއްވާނެ ކަމަށެވެ.
މޫސާ މަނިކު ވިދާޅުވީ މަޖިލީހުގެ ރައީސް ޢަބްދުﷲ މަޞީޙްގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓު ނަގަން ހުށަހަޅާފައިވަނީ މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ނުގެންދަވާތީ ނޫން ކަމަށާއި މަޖިލީހުގެ 17 ވަނަ ދައުރަކީ އެންމެ ގިނަ މައްސަލަތައް އެންމެ އަވަހަށް ނިންމާފައިވާ ދައުރު ކަމަށެވެ.
މޫށާ މަނިކު ވިދާޅުވީ މަޖިލީހުގެ ނައިބް ރައީސް ކަމަށާއި މަޖިލީހުގެ ނައިބް ރައީސް އަކީ މަޖިލީހުގެ ރައީސް އަންގަވާ ކަންތައްތައް ކުރައްވަން ހުންނަވާ ބޭފުޅެއް ކަމަށެވެ. އެހެންކަމުން މަޖިލީހުގެ ކަމެއް ނުވެ އޮވެގެން މަޖިލީހުގެ ނައިބް ރައީސްއަށް މައްސަލައެއް ކުރިމަތި ނުކުރެވޭނެ ކަމަށެވެ.
މިމަހުގެ 27 ވަނަ ދުވަހު ވީހާ ގިނަ ބައަކު މާލެ އައުމަށް އިދިކޮޅު ފަރާތްތަކުން ގޮވާލާފައިވާތީ އެކަން މޫސާ މަނިކު ވަނީ ކުށްވެރިކުރައްވައިފައެވެ.
މިކަމާއި ގުޅިގެން ބައެއް ނޫސްވެރިން ވަނީ އުއްތަމަ ފަނޑިޔާރު ވަކިކުރަން ވޯޓުނަގަން އުޅުމުން ވީހައި ގިނަ ބައަކު މާލެ އެރުމަށް މޫސާ މަނިކު ގޮވާލެއްވިކަން ފާހަގަކޮށްފައެވެ. މޫށާ މަނިކު ވިދާޅުވީ ފިކުރަކީ އަބަދު އެއްގޮތަކަށް ހުންނަން ޖެހޭ އެއްޗެއް ނޫން ކަމަށެވެ.
ހުރިހާ ރައްޔިތުން ވަށައިގެން ތިބި- ނެތް ނަަމަވެސް 27 ވަނަ ދުވަހުގެ ޖަލްސާ ގެންދާނީ ޤާނޫނާ އެއްގޮތަށް: ރީކޯ މޫސަ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ