ޕީޕީއެމްގެ ރައީސް ކަމަށް ކުރިމަތިލައްވަން މައުމޫން ނިންމަވައިފި

ޕީޕީއެމްގެ ކޮންގްރެސްގައި ޕާޓީގެ ރައީސް ކަމަށް ކުރިމަތިލައްވާނެ ކަމަށް ރާއްޖޭގެ ކުރީގެ ރައީސް އަދި އެ ޕާޓީގެ އިންތިގާލީ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.
ބައެއް ކައުންސިލަރުން ޕީޕީއެމަށް ސޮއިކުރުމަށް ޕާޓީގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތަށް ފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން މައުމޫން ވިދާޅުވީ ޕާޓީ އުފެދިގެން އައީ ވެސް އިސް ސަފުގައި މަސައްކަތްކުރެއްވި ބޭފުޅުން އެމަނިކުފާނަށް ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ކަމަށާއި ކުރިއަށް އޮތް ތާނގާގައި ވެސް ޕާޓީ ހަރުދަނާކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމެވެ.
"ޕާޓީގެ މެންބަރުން އެދިވަޑައިގަންނަވާ ކަމަށް ވަންޏާ އަޅުގަނޑު ހަމަ ރައީސްކަމުގައި ހުންނަން ގަސްތުކުރަން. އެހެންވީމާ އިރާދަކުރެއްވިޔާ ކުރިމަތިލާނަން،" މައުމޫން ވިދާޅުވި އެވެ.
އެމަނިކުފާނު ކުރިމަތިލެއްވުމުން ޒުވާނުންނަށް ފުރުސަތު ގެއްލޭނެ ނޫންތޯ ނޫސްވެރިއަކު ސުވާލުކުރުމުން މައުމޫން ވިދާޅުވީ އެއްވެސް ގައުމެއްގައި ލީޑާޝިޕްގައި ހުންނަ ބޭފުޅަކީ ޕާޓީގައި ހުންނަ އެންމެ ހަގު މީހާ ނޫން ކަމަށާއި ޕާޓީގައި އޮންނަނީ އެންމެ މަގާމަކަށް ނުވާތީ ޒުވާނުންނަށް ވަރަށް ގިނަ ފުރުސަތުތަކެއް ޕާޓީގައި އެބަހުރި ކަމަށެވެ.
"ދުނިޔޭގެ އެހެން ތަންތާނގައި ވެސް އަޅުގަނޑަކަށް ހިޔެއް ނުވޭ ޕާޓީގެ އެންމެ މަތީ މަގާމުގައި ހުންނާނީ ޕާޓީގައި ހުރި އެންމެ ހަގު މީހާހެނެއް. ހުންނާނީ ތަޖުރިބާ ހުރި ތަންކޮޅެއް ދުވަސްވީ މީހެއް،" މައުމޫން ވިދާޅުވި އެވެ.
އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމާ ބެހޭ ގޮތުން މައުމޫން ވިދާޅުވީ އެކަމާ މެދު ގޮތެއް ނިންމަވާނީ ވަގުތު ޖެހުމުން ކަމަށާއި ވާދަނުކުރައްވާ ހާލަތެއްގައި ވެސް ޕްެރައިމަރީގެ ކެމްޕޭންގެ ތެރޭގައި ވަކި ބޭފުޅަކަށް ތާއީދުނުކުރައްވާނެ ކަމަށެވެ.
"އަޅުގަނޑު މިހުރި މަގާމުގެ ގޮތުން އެއްވެސް ބޭފުޅަކަށް ފާޅުގައި ވެސް ސިއްރުގައި ވެސް ތާއީދެއް ނުކުރާނަން،" ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ބެލެވޭ އެ މަނިކުފާނުގެ ކޮއްކޯފުޅު މުލަކު ދާއިރާގެ މެންބަރު އަބްދުﷲ ޔާމީނަށް ތާއީދުކުރައްވަފާނަންތޯ ނޫސްވެރިއަކު ސުވާލުކުރުމުން މައުމޫން ވިދާޅުވި އެވެ.
ރިޔާސީ އިންތިޚާބުގައި މައުމޫން ވާދަކުރައްވަފާނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ދަރިކަނބަލުން ދުންޔާ މައުމޫން ވިދާޅުވެފައިވާ ވާހަކައާ ބެހޭ ގޮތުން މައުމޫން ވިދާޅުވީ އެކަމާ މެދު އާއިލާގެ ތެރޭގައި އެއްވެސް ވަރަކަށް މަޝްވަރާކުރައްވާފައި ނުވާ ކަމަށެވެ. އަދި އެމަނިކުފާނުގެ އާއިލާ އަކީ ވަރަށް އަކުވެރި، އެންމެން އެކުގައި އުޅޭ އާއިލާއެއް ކަމަށާއި އެއްވެސް ބައެއްގެ މެދުގައި ތަފާތެއް ނޯންނާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ