މެމްބަރު ފައިސަލް ކާށިދު އަށް ސްކޭން މެޝިނެއް ހަދިޔާ ކުރައްވައިފި

ރަށުގައި ތިބެގެން މާބަނޑު އަންހެނުން ސްކޭން ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ކ. ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމް ކާށިދު އަށް މިއަދު ސްކޭން މެޝިނެއް ހަދިޔާ ކުރައްވައިފި އެވެ.ސްކޭން މެޝިނުގެ އިތުރުން ފައިސަލް މިއަދު ވަނީ އެ ރަށުގައި ހެލްތު ކޭމްޕެއް ވެސް ފައްޓަވާ ދެއްވާފަ އެވެ. އޭޑީކޭ ހޮސްޕިޓަލާއި މެޑިކާ އަދި އެ ރަށު ސިއްހީ މަރުކަޒު ގުޅިގެން ބާއްވާ މި ކޭމްޕް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފައިސަލް ވިދާޅުވީ ރަށުގައި ތިބެގެން މާބަނޑު މީހުންނަށް ސްކޭން ކުރެވޭނެ އިންތިޒާމް ހަމަޖައްސައިދީ ހާއްސަ ޑޮކަޓަރުންނަށް ދެއްކުމުގެ ފުރުސަތު ހޯދައިދިނުމަކީ އޭނާގެ ވައުދެއް ކަމަށެވެ. އަދި އޭނާގެ އަމާޒަކީ ކުރިމަގުގައި އެ ހިދުމަތް ރައްޔިތުންނަށް ލިބޭނެ ގޮތް ހަމަޖައްސައިދިނުން ކަމުގައި ވިދާޅުވި އެވެ."އަޅުގަނޑުގެ ވިސްނުން މިހުރީ އަޅުގަނޑު ނެތް ދުވަހަކުން ވެސް މި ހިދުމަތް ދާއިރާގެ ރައްޔިތުންނަށް ލިބޭނެ ގޮތަކަށް ކުރިއަށް ގެންދިޔުމަށް،" ފައިސަލް ވިދާޅުވިއެވެ.އޭނާ ވިދާޅުވީ ސިއްހީ ކޭމްޕެއްގެ ގޮތުގައި މިއަދު އެ ހިދުމަތް ދޭން ފެށި ނަމަވެސް، ދެމެހެއްޓެނިވި ގޮތެއްގައި އެކަން ކުރިއަށް ގެންދިޔުމަށް ކަމާ ބެހޭ ފަރާތްތަކާ ވާހަކަ ދައްކަމުން އަންނަ ކަމަށެވެ. އަދި ސިއްހީ ދާއިރާގެ އިތުރުން ތައުލީމީ ދާއިރާ ފަދަ އިތުރު ދާއިރާތަކުން ވެސް އެ ފައުންޑޭޝަނުން އެހީ ފޯރުކޮށްދޭނެ ކަމަށާއި މި ފަދަ ކަންކަން ކާމިޔާބު ވާނީ ސަރުކާރުގެ އިތުރުން މަޖިލިސް މެމްބަރުންނާއި ތަނަވަސް މެމްބަރުން އެހީތެރިވެދީގެން ކަމުގައި ވެސް ފައިސަލް ވިދާޅުވި އެވެ.އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކާށިދޫ ކައުންސިލްގެ ރައީސް އީސާ ހަލީލް ވިދާޅުވީ އެ ރަށުގައި މިހާރު ދޭ ފެރީގެ ހިދުމަތަކީ މާބަނޑު މީހުންނަށް އެންމެ އެކަށީގެންވާ ހިދުމަތެއް ނޫން ކަމަށާއި ސްކޭނެއް ހެއްދުމަށް މާލެ ދިޔުމަށް ފެރީގައި ހަ ގަޑިއިރު ވޭތުކުރުމަކީ މާބަނޑު އަންހެނުންނަށް އުނދަގޫކަމެއް ކަމަށެވެ.ދެ ދުވަހުގެ މުއްދަތަށް ކާށިދޫގައި ފެށި އެ ކޭމްޕުގައި ސްކޭން ކުރުމަށް އޭޑީކޭގެ ގައިނޮކޮލޮޖިސްޓުންނާއި މެޑިކާގެ ރޭޑިއޮލޮޖިސްޓުންނާއި ކުޑަކުދިންގެ ޑޮކްޓަރުން ވެސް ބައިވެރިިވެ އެވެ. ކާށިދު އަށް ފަހު މި ކޭމްޕު ބޭއްވުމަށް ހަމަޖެހިފައިވަނީ އެ އަތޮޅު ގާފަރުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ